Roadha Mihaaru

ޝީޖިންޕިންއާ ބައްދަލު ކުރެެއްވުމަށް ފަހު ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ރައީސް ތައުރީފުކުރައްވައިފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ވަޑައިގަތުމުން އެގައުމުން އަދާކުރި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ގުޅުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތައުރީފުކުރައްވައިފި އެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ރައީސްގެ ތައުރީފު

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ވަޑައިގަތުމުން އެގައުމުން އަދާކުރި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ގުޅުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތައުރީފުކުރައްވައިފި އެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންއާ ބައްދަލުކުރެއްވުމަށް ފަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އެއްބާރުލުން އިތުރުކުރާނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހެޔޮނިޔަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް މި ރޫހުގައި، އެކުގައި މަސައްކަތްކުރުމުގެ ވައުދު އަޅުގަނޑުމެން އާކުރިން،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖޭން ސްޓްރެޓިޖިން ގިތުން އެއްބާރުލުން ދޭން ގާއިމްކޮށްފައިވާ "ޗައިނާ މޯލްޑިވްސް ކޯޕަރޭޓިވް ޕާޓްނަޝިޕް (2024-2028)" ގެ ސަބަބުން ދެގައުމުގެ ގުޅުން ދުވަހެއް ދުވަހަކަށް ހަރުދަނާވަމުން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ޗައިނާއަށް ވަޑައިގަތީ އިއްޔެ އެވެ.

ރައީސް އޮފީހުން ބުނީ، ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި ޝީގެ އިތުރުން އެހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

ޗަައިނާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މާދަމާ އާއި އަންނަ ހޯމަ ދުވަހު ބާއްވާ އެސްސީއޯ ސަމިޓުގައި ރައީސް މުއިިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 26 ގައުމަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.