Roadha Mihaaru
ރައީސްގެ އުފަންދުވަހަށް ޗައިނާގެ ރައީސްގެ ސިޓީފުޅެއް

ރައީސް މުއިއްޒުގެ އުފަންދުވަހަށް ޗައިނާގެ ރައީސް ޝީގެ ތަހުނިޔާގެ ހާއްސަ ސިޓީފުޅެއް

16 ޖޫން 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 46 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ތަހުނިޔާގެ ހާއްސަ ސިޓީފުޅެއް އަރުވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 46 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ތަހުނިޔާގެ ހާއްސަ ސިޓީފުޅެއް އަރުވައިފި އެވެ.

ރައީސް އޮފީހުން ބުނީ، މުލީއާގޭގައި އިއްޔެ ބޭއްވި ބައްދަލުކުރެއްވުމެއްގައި، ޗައިނާގެ ރައްޔިތުންނާއި އަދި ރައީސް ޝީގެ އަމިއްލަ ނަންފުޅުގައި ފޮނުއްވި ސިޓީފުޅު ރައީސް މުއިއްޒަށް އެރުވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ލިޒިން ކަމަށެވެ.

ރައީސް މުއިއްޒާއި ރައީސް ޝީގެ އުފަންދުވަހަކީ ވެސް ޖޫން 15 އެވެ.

"މި ސިޓީފުޅުގައި ޗައިނާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް އިހުލާސްތެރިކަމާ އެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް އިތުރަށް ހަރުދަނާ ކުރައްވައި، އަދި ދެ ގައުމު ރައްޔިތުން ގުޅިގެން ބިނާކުރަނިވި މުސްތަގުބަލެއް ގާއިމުކުރުމުގެ ޝައުގުވެރިކަން ވެސް މި ސިޓީފުޅުގައި ފާޅުކުރައްވާފައިވެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ރައީސް ޝީގެ އުފަންދުވަހަކީ ވެސް އިއްޔެ ކަމަށް ވާތީ ރައީސް މުއިއްޒު ލިޔުއްވި ހާއްސަ މެސެޖެއް ވެސް ރައީސް ޝީއާ ހަވާލު ކޮށްދެއްވުމަށް އެދިވަޑައިގެން ޗައިނާގެ ސަފީރާ ހަވާލު ކުރެއްވި އެވެ.

ރައީސް ޝީގެ ހާއްސަ ސިޓީފުޅު ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު، ރައީސް މުއިއްޒަށް އިއްޔެ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޝީގެ ހާއްސަ ސިޓީފުޅު ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު، ރައީސް މުއިއްޒަށް އިއްޔެ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

"މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ޗައިނާގެ ރައީސަށް އުފާވެރި އުފަންދުވަހަކަށް އެދިވަޑައިގެން ތަހުނިޔާ ކިޔުއްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އަނެއްކާވެސް ވަނީ ރަނގޅު ކުރަައްވައިފަ އެވެ. އެ މަނިކުފާނު މިދިޔަ އަހަރުގެ ނޮވެމެބްރު 17 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު ފުރަތަމަ ފުރަމާނަ ދަތުރުފުޅު ވެސް މިދިޔަ އަހަރުގެ ޖެނުއަރީގައި ކުރެއްވީ ޗައިނާ އަށެވެ. މިދިޔަ އަހަރު ޗައިނާ އަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭރު ގައުމެއްގެ އެންމެ އިސްވެރިއަކީ ވެސް ރައީސް މުއިއްޒެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުން ވަނީ ވަރަށް ގިނަ އެމްއޯޔޫތަކުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުމުގެ ކަންކަން މިހާރު ވަނީ ފަށައިފަ އެވެ.

ރައީސް މުއިއްޒާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާއި ރައީސްގެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކުރިމަގުގައި ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި ކަމަށް ބުންޏެވެ.

"މީގެ އިތުރުން ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިގުތިސާދު ކުރިއެރުމަށް ޗައިނާ އިން އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވާފައިވެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.