Roadha Mihaaru

ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
އިފްރާޒް އަލީ
އިފްރާޒް އަލީ

04 ސެޕްޓެމްބަރ 2025

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސް މިދިޔަ ހުކުރު ދުވަހު ޗައިނާއަށް ފެއްޓެވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު ރައީސް އޮފީހުން ބުނީ ރައީސްގެ އެ ދަތުރުފުޅުގައި އެސްސީއޯ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އެހެންް ގައުމުތަކުގެ ވެރިންނާއި މަންދޫބުންނާ އެކު މަތީ ފަންތީގެ ބައްދަލުވުންތައް ވެސް ބާއްވާފައިވާ ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވެސް ބައްދަލުކުރައްވައި، ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެ ފަރާތުން ހިއްސާކުރާ އަދި މަސްލަހަތު ހިމެނޭ ކަންކަމާ އެކު ކުރިއަށް ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ސަމިޓުގެ ހަވާސާގައި ރައީސް އެހެން ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމާއި ގުޅިގެން މަސައްކަތް ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ދެވަނަ ބޮޑު ހަނގުރާމާގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސްގެ އެ ދަތުރުފުޅުގައި، މީހުން ބިނާކުރުމާއި އިގްތިސާދީ ތަރައްގީ އާއި އިންްފްރާސްޓްރަކްޗާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާ ގުޅޭ އެއްބަސްވުންތައް ހިމެނޭ ގޮތަށް 11 އެމްއޯޔޫގައި ޗައިނާ ސަރުކާރާ އެކު ސޮއިކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ފިޝަރީޒް އެންޑް މެރިޓައިމް ލޮޖިސްޓިކް ހަބެއް އައްޑޫގައި ގާއިމުކުރުމާއި ނޭޝަނަލް ސްކިލް ޑިވެލޮޕްޓްމަންޓް އޮތޯރިޓީއާ އެކު ހަދާފައިވާ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.