Roadha Mihaaru
ދަތިތަކުން އަރައިގަތުމަށް ޝީ ދެއްވީ ޔަގީންްކަން!

ޝީ ގަބޫލު ކުރައްވަނީ ވަގުތީ މައްސަލަތަކެއް ކަމަށް، ޓެކްނިކަލް މަސައްކަތްތައް ފަށާނެ ކަމުގެ ޔަގީންކަން

28 ޖުލައި 2024

ރާއްޖޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެގެން އުޅެނީ ވަގުތީ މައްސަލަތަކެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގަބޫލުފުޅު ކުރައްވާ ކަމަށާއި ރާއްޖެ އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެ ގައުމުން ދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެގެން އުޅެނީ ވަގުތީ މައްސަލަތަކެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގަބޫލުފުޅު ކުރައްވާ ކަމަށާއި ރާއްޖެ އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެ ގައުމުން ދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރުގެ އިތުރުން ފިނޭންސް މިނިސްޓަރު ޑ. މުހައްމަދު ޝަފީގާއި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ ހަފުތާގައި ވަނީ ޗައިނާ އަށް ވަޑައިގެން ފުޅާދާއިރާއެއްގައި އެ ގައުމުގެ އިސްވެރިންނާ މަޝްވަރާތައް ބާއްވައިފަ އެވެ. އަދި ޗައިނާގެ ރައީސް ޝީ އަށް ރައީސް މުއިއްޒު ހާއްސަ ސިޓީފުޅެއް ވެސް ފޮނުއްވި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރެއްވި އެ ދަތުރާ ގުޅޭ ގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ޗައިނާގެ ރައީސް ޝީ އަށް އަރުވަން ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގެ ޖަވާބަކީ ރާއްޖެ އިން ބޭނުންވި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުން ކަމަށެވެ.

"މިއިން [އިގުތިސާދީ ދަތިތަކުން] އަރަައިގަތުމަށް އަޅުގަނޑުމެން ގޮސް އެދުނު ކަންކަމުގައި ޗައިނާ އިން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި އޭގެ ޓެކްނިކަލް ބައިތައް މިހާރުން ފެށިގެން ކުރިއަށް ގެންދަވާނެ ކަމަށް [ޗައިނާގެ ރައީސް ޝީ] ރައީސަށް އެބައޮތް އަންގަވައި ދެއްވާފައި،" ޗައިނާގެ ރައީސް ޝީގެ ޖަވާބާ ހަވާލާ ދެއްވައި ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ.

މިނިސްޓަރު ޒަމީރު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ.

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު އިއްޔެ ރޭ ވިދާޅުވީ، ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ތަރައްގީގެ އެކި މަޝްރޫއުތަކަށް ރާއްޖެ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިންގަލް އެ ގައުމުގެ ސަރުކާރުގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

"ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުތައް ނުދައްކައި، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކަށް، އެ ލޯނުތަކުގެ އިންޓްރެސްޓް ނުދައްކައި ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ދެއްވައިފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު "އަސްލު" ޓީވީގައި ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ މައްސަލަތައް ހައްލު ކުރުމަށް ރައީސް މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ގައުމުތަކުން ގަބޫލު ކުރާ ކަމަށެވެ. ހާއްސަކޮށް އިންޑިއާގެ އެހީތެރިކަން ރާއްޖެ އަށް މިހާރު ލިބެމުންދާ ކަން ޒަމީރު ފާހަގަކުރެއްވި އެވެ.

އިންޑިއާ އިން މިހާރު ވެސް ވަނީ ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ދަރަނި ފަސްކޮށްދީފަ އެވެ.

"އަޅުގަނޑުމެންގެ ދަތިތަކަށް ވަރަށް ސެންސިޓިވް އިންޑިއާ އިން. އިންޑިއާ އިން ގެންގުޅެނީ ނެއިބާހުޑް ފަސްޓް ޕޮލިސީ. އިންޑިއާއަކީ ދިމާވާ ދަތިތަކަށް ވަރަށް ބޮޑަށް އެހީތެރިވެ ދެއްވާ އަދި އަޅުގަނޑުމެން ބޭނުންވާ ލަފަ އާއި އިރުޝާދު ވެސް އެކޮޅުން ލިބޭ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކި ގައުމުތަކުގެ ދަރަނިތައް ފަސްކުރުމުގެ ބޭނުމަކީ ލިބޭ "ސްޕޭސްގައި" ރާއްޖޭގެ އިގުތިސާދު ޑައިވާސިފައިކޮށް، އާ ދާއިރާތަކެއް ހުޅުވުން ކަމަށެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވެސް ހާމަކުރެއްވީ އެ ބައިތައް ކަމަށް ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަށް މި ދަތިތައް ދިމާވެގެން އުޅެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަންކަން މެނޭޖުކުރި ގޮތުން ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން މިހާރު ގަބޫލުކުރެ އެވެ.

ޒަމީރު ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދާ ގުޅޭ ކަންކަން މެނޭޖުކުރި ގޮތް ގޯސްކަމުން މިހާރުގެ ސަރުކާރަށް ވާރުތަވީ ވަރަށް ދަތި މައްސަލަތަކެއް ކަމަށެވެ. ފިނޭންސް މިނިސްޓަރު ޝަފީގާއި އިގުތިސާދާ ބެހޭ އެހެން ވަޒީރުން ކޮންމެ ދުވަހަކު އެ "ފަޔާ ފައިޓް" ގައި އުޅުއްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޒަމީރު އިސްވެ، މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރުގައި ވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި އެ ގައުމުގެ އެގްޒިމް ބޭންކުގެ އިސްވެރިންގެ އިތުރުން އެހެން ބޭންކުތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައި ރާއްޖެ އަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަ ކުރައްވައިފަ އެވެ.

ކުރީގެ ސަރުކާރަށް އަމާޒު ކުރައްވައި ޒަމީރު ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އޭރު ހަރުދަނާ ގޮތެއްގައި އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ. ރައީސް މުއިއްޒު ވެސް ވިދާޅުވެފައި ވަނީ ދައުލަތަށް ލިބެންޖެހޭ 513 މިލިއަން ޑޮލަރު ނުލިބި އެބަހުރި ކަމަށާއި އެއީ ކުރީގެ ސަރުކާރުތަކުގެ އިހުމާލު ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، އަވަށްޓެރި ގައުމެއްގެ އެއާލައިނެއް ދާދި ފަހުން ބަނގުރޫޓު ވިއިރު، ދިވެހި ދައުލަތަށް އެ އެއާލައިނުން 4.5 މިލިއަން ޑޮލަރު ދައްކަން ޖެހިފައި އޮތް ކަމަށެވެ.

"ހަމައެކަނި ދައުލަތަށް. އަޅުގަނޑަކަށް ނޭނގޭ އެމްއޭސީއެލް އަށް ނުވަތަ ދެން ހުރި ތަންތަނަށް ނުވަތަ އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހިފައި ހުރި އަދަދު. މި ކަލެކްޓް ކުރުމުގައި އެއްވެސް ކަހަލަ ހަރުދަނާ އުސޫލެއް ގެންގުޅެފައެއް ނެތް،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި ހުރި ދޯހަޅި ކަންކަމުގެ ޒިންމާ ނަގަން ޖެހޭނީ ޓެކްސް އިދާރާ މީރާ އެވެ. އެކަމަކު، އެމްޑީޕީގެ ސަރުކާރުގެ މެދުތެރޭގައި އެ އިދާރާގެ ހިންގުމަށް ވެސް ބަދަލު ގެނެސް ފިނޭންސް މިނިސްޓަރުގެ ސީދާ ބާރު ހިނގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.