Roadha Mihaaru

ރައީސް ޝީގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާ އަށް ފުރާވަޑައިގެންފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ޗައިނާ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް ޗައިނާ އަށް ފުރާވަޑައިގެންފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ޗައިނާ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި ޝީގެ އިތުރުން އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

ޗަައިނާގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މާދަމާ އާއި އަންނަ ހޯމަ ދުވަހު ބާއްވާ އެސްސީއޯ ސަމިޓުގައި ރައީސް މުއިިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 26 ގައުމަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.

ރައީސް އޮފީހުން ބުނީ، އެސްސީއޯ ސަމިޓުގެ މަތީފަންތީގެ ބައްދަލުވުންތަކުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކމަަށެވެ.

ރައީސް މުއިއްޒު ޗައިނާ އަށް ރޭ ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ޗައިނާ އަށް ރޭ ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"ވަކިން ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި އިސްތިރާޖީ ސަބަބުތަކާ ހުރެ އިގުތިސާދުތައް ރޫޅިގެންދާ ދިއުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

އެސްސީއޯ އަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގުތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒު ކޮށްގެން، އެ ސަރަހައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ 2001 ގައި އުފައްދާފައިވަނީ ޗައިނާ، ރަޝިއާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.

ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމިއްޔާ އެސްސީއޯ ގައި މިހާރު 10 މެންބަރު ގައުމު ހިމެނެ އެވެ. އަދި އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރިވެ އެވެ.

ރައީސް މުއިއްޒު އެންމެ ފަހުން ޗައިނާ އަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ޗައިނާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުކޮށްފަ އެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި އޭރު ސޮއިކުރި އެވެ.