Roadha Mihaaru
ރާއްޖެ- ޗައިނާ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަނީ

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެ އާއި ޗައިނާ މިއަދު ސޮއިކުރާނެ

07 ޑިސެމްބަރ 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަން ހަމަޖެހިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަން ހަމަޖެހިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް މިހާރު ކުރައްވާ ހަތަރު ދުވަހުގެ ފުރަމަނާ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ގާއިމުކުރަން ހަމަޖެހިފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ސޮއި ކުރައްވާނީ ދެ ގައުމުގެ ވެރިންގެ ފެންވަރުގައި މިއަދު ބާއްވަވާ ބައްދަލުވުމުގެ ތެރޭގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދަތުރުފުޅުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އާއި އިގްތިސާދީ ދާއިރާގެ އިތުރުން އިޖްތިމާއީ ދާއިރާ އިން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމާއި ޓެކްނޮލޮޖީގެ ދާއިރާ އިން ރާއްޖެ އަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތަކެވެ. ނަމަވެސް އެއްބަސްވުންތަކުގެ ތަފްސީލެއް އެ އޮފީހުން ނުދެ އެވެ.

ރައީސް ޔާމީން ޗައިނާ އަށް ވަޑައިގެންނެވި އިރު، އެ ގައުމާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދިވެހި ސަރުކާރުން ނިންމައި، އެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އަވަސް އަރުވާލައިގެން އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމާ ދެކޮޅު ހަދާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމަށް ވެވޭ އެއްބަސްވުމެކެވެ. އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ވިޔަފާރިތައް ދިވެހިންގެ އަތުން ބީވެ، ޗައިނާގެ ވިޔަފާރިވެރިންގެ އަތްމައްޗަށް ވިޔަފާރިތައް ބަދަލުވެގެންދާނެ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. ޗައިނާއާ އެކު އެއްބަސްވުން ގާއިމުކުރުމުން އެހެން ގައުމުތަކާ އެކު ކުރާ ވިޔަފާރި ހުއްޓޭނެ ކަމަށް އެ ފަރާތްތައް ގަބޫލުކުރެ އެވެ.

އިދިކޮޅު ފަރާތްތަކުގެ ވާހަކަ ދޮގުކޮށް، ސަރުކާރުން ބުނި ގޮތުގައި އެފްޓީއޭއަކީ "ހަމައެއްލަމައެއް ނެތި" ވިޔަފާރިތަކަށް ހުއްދަ ދިނުމެއް ނޫނެވެ. އެފްޓީއޭގައި ސަރުކާރުން ސޮއިކުރާ އިރު، އޭގައި ރާއްޖެ އަށް ގެއްލުން ވާނެ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށާއި ބޮޑަށް ފައިދާވާނީ ރާއްޖެ އަށް ކަމަށް ސަރުކާރުން ބުންޏެވެ.

އެފްޓީއޭއާ ގުޅޭ ގޮތުން ޗައިނާ އިން ބުނީ އެއްބަސްވުމުގެ ސަބަބުން ޗައިނާ އާއި ރާއްޖޭގެ ރައްޔިތުންނަށާއި ސަރަހައްދުގެ ގައުމުތަކަށް ވެސް ވިޔަފާރީގެ ރޮނގުން ފައިދާވާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ސަބަބުން ސިޔާސީ ގުޅުމުގެ އިތުބާރު ބޮޑުވެ، ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ޗައިނާ އިން ގަބޫލުކުރެ އެވެ.

މިއީ ރައީސް ޔާމީން 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ނަމަވެސް 2014 އާއި 2015 ގައި އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފަ އެވެ. އަދި 2014 ގައި ޗައިނާ ރައީސް ރާއްޖެ ވަޑައިގެންފައިވެ އެވެ.