Roadha Mihaaru
ރައީސަށް ޗައިނާ އިން ރަތްދޫލައިގެ މަރުހަބާއެއް

ރައީސަށް ޗައިނާ އިން ރަތްދޫލައިގެ މަރުހަބާއެއް

08 ޖެނުއަރީ 2024

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ހެނދުނު އެ ގައުމަށް ވަޑައިގަތުމުން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ހެނދުނު އެ ގައުމަށް ވަޑައިގަތުމުން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

ރައީސްގެ މި ދަތުރުފުޅު ފެއްޓެވީ ޗައިނާގެ ޒިއާމެން ސިޓީންނެވެ. ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގަތުމުން އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ވަނީ ދެކަނބަލުންނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތައް ބަދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅަކު އެމަނިކުފާނަށް މަރުހަބާ ދަންނަވާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅަކު އެމަނިކުފާނަށް މަރުހަބާ ދަންނަވާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި އިޖުތިމާއީ އާއި އިގުތިސާދީ އަދި ޓެކްނޮލޮޖީގެ އިތުރުން ވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް އެކުލަވާލާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް، ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އިޖުތިމާއީ އަދި އިގުތިސާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ޗައިނާގެ ޒިއާމެން ސިޓީ އަށް ރައީސް މިއަދު ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ފްރީ ޓްރޭޑް ޒޯނަށް ވަޑައިގަންނަވާނެ އެވެ. އަދި ސިނަމާލެ ބްރިޖު އިމާރާތް ކުރި ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ޗެއާމަންއާ ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.

ރައީސްއާ އެކު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސްގެ މަގާމާ ޑރ. މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އިން ބޭރަށް ކުރައްވާ މިއީ ތިން ވަނަ ރަސްމީ ދަތުރުފުޅެވެ. ރައީސްގެ މަގާމުގެ ހައިސިއްޔަތުން އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. އޭގެ ފަހުން ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓަށް އެ ގައުމަށް ވަޑައިގަތެވެ.