Roadha Mihaaru

ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ސާމާނު އަތުލައިގެންފި

ވައިގެމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ވޭޕާއި ވޭޕްކުރަން ބޭނުންކުރާ ބައެއް ސާމާނުތައް ކަސްޓަމްސުން އަތުލައިގެންފި އެވެ.

ވަގަށް އެތެރެކުރަން އުޅުނު ވޭޕް ސާމާނު އަތުލައިގެންފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

19 މާޗް 2025

ވައިގެމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ވޭޕާއި ވޭޕްކުރަން ބޭނުންކުރާ ބައެއް ސާމާނުތައް ކަސްޓަމްސުން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި ފެނުނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި ތިން މީހެއްގެ ލަގެޖުން ކަމަށެވެ.

ކަސްޓަމްސްއިން 2،062 އައިޓަމް އަތުލިއިރު އޭގެ ތެރޭގައި ހިމެނެނީ:

- ނެނޯ ސްޓިކް: 1،714

- ޓެރިއާ ސްޓިކް: 200

- ކެލިބާން ކާޓްރިޖް: 96

- ވީމޭޓް ކާޓްރިޖް: 20

- ވޭޕް ފްލޭވާ ލިކުއިޑް (ފުޅި)؛ 2

އިއްޔެ 2،000 އަށްވުރެ ގިނަ ވޭޕްގެ ސާމާނު އަތުލައިގެންފައި ވާއިރު، މިމަހުގެ ހަ ވަނަ ދުވަހު ކަނޑުމަގުން ވިޔަފާރި ބަނދަރަށް އެތެރެކުރި ޝިޕްމަންޓެއްގައި ފޮރުވައިގެން ވަގަށް ގެނައި 400 ވޭޕް ސާމާނު ވެސް ވަނީ އަތުލައިގެންފަ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެ ކުރުމަކީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށިގެން މަނާ ކަމެކެވެ.

ކަސްޓަމްސް އިން އެ މައްސަލަ ބަލަމުން ދާއިރު، ދާދިފަހުން ފުލުހުން ވަނީ ވޭޕް ވިއްކަމުންދިޔަ ތަނެއް ފާސްކޮށް، ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.

އެ ބިދޭސީ މީހާ ދިރިއުޅޭ ތަނާއި މަސައްކަތްކުރާ ކެފޭ ފާސްކުރިއިރު 84 ވޭޕް ކާޓްރިޖާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.