Roadha Mihaaru

މަގުމަތިން އަތުލައިގަތް ސިނގިރެޓް ކާޓަންޓަކަކީ ބޮންޑެޑް ވެއާހައުސް އަކުން "ގެއްލުނު" ތަކެތި: ޕޮލިސް

މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން މިދިޔަ ހަފްތާގައި ފެނުނު ގިނަ އަދަދެއްގެ ސިނގިރޭޓަކީ ބޮންޑެޑް ވެއާހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

އަތުލައިގަތީ ގުދަނަކުން ގެއްލުނު ސިނގިރެޓް: ޕޮލިސް

މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން މިދިޔަ ހަފްތާގައި ފެނުނު ގިނަ އަދަދެއްގެ ސިނގިރޭޓަކީ ބޮންޑެޑް ވެއާހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލާދޭޝް ތިން މީހުން ކަމަށްވާ ރެޒައުލް ހައްގު، މަންމާން މޮންޑޮލް އަދި މުހައްމަދު ސުލައިމަންގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް އިތުރުކޮށް ނެރުނު ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނީ، މި ތިން މީހުންނަކީ ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރާ މީހުން ކަމަށެވެ. މިއީ ރާއްޖޭގެ ވަރުގަދަ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ލޮޓަސް ފިހާރަތައް ހިންގާ ކުންފުންޏެވެ.

މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވީ، އަތުލައިގަތް ސިނގިރެޓް ކާޓަންތަކަކީ މި ބިދޭސީން މަސައްކަތްކުރާ ސީނިއާ އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސް ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށާއި އެއީ ބޮންޑެޑް ވެއާހައުސް އަކަށް ވާތީ އެތަނުން ތަކެތި ބޭރުކުރެވޭނީ ވެސް ކަސްޓަމްސް އަށް ޑިއުޓީ ދައްކައިގެން ކަމަށެވެ.

ފުލުހުން ކޯޓުގައި ބުނިގޮތުގައި މިހާރު ލިބިފައިވާ މައުލޫމާތަށް ބަލައި މި މައްސަލަ ތަހުގީގު ކުރަމުންދަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ. ހައްޔަރު ކޮށްފައިވާ އެންމެންގެ މައްޗަށް ވެސް ކުރަނީ ވައްކަމުގެ ތުހުމަތެވެ.

ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ދިފާއުގައި ބުނީ އެ މީހުން ސިނގިރެޓް ކާޓަންތަން ޕިކަޕަކަށް އެރުވީ އެ ޕިކަޕް އޮތް ހިސާބުން ދިމާވި އެހެން ބިދޭސީއަކު އުޖޫރަ ދޭނެ ކަމަށް ބުނުމުން ކަމަށެވެ. އަދި އެ އެންމެން ވެސް ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފަ އެވެ. މިތަނުން ދެ މީހަކު ވަނީ މިކަން ހަމަޖައްސަން، އެ މީހުން ވަޒީފާ އަދާކުރާ ކުންފުންޏާ ވާހަކަ ދެއްކުމަށް ފޯނުން ވާހަކަ ދެއްކޭނެ ގޮތް ހަމަޖައްސައިދޭން އެދިފަ އެވެ. އަދި ރެޒައުލް ހައްގު އެދުނީ ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިނުމަށެވެ.

ބަންދަށް ފަސް ދުވަސް ދިނީ ވަކީލުން އައްޔަންކުރަން އެދިފައި ވާތީ އެކަމަށް ރިއާޔަތްކޮށްފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މި ސިނގިރެޓްތައް ފެނުނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކަޅު ކޮތަޅުތަކަކުންނެވެ. އޭގައި 221 ފޮށި ސިނގިރެޓް ހުރި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.