Roadha Mihaaru
ޗައިނާ 2035 ގައި އެންމެ ބޮޑު އިގްތިސާދަށް ވާނެ

ޗައިނާ 2035 ގައި އެންމެ ބޮޑު އިގްތިސާދަށް ވާނެ

27 ޑިސެމްބަރ 2022

ކުރިއަށް އޮތް 12 އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުގެ ގޮތުގައި، އެމެރިކާގެ މައްޗަށް ޗައިނާ ކުރިއަރާނެ ކަމަށް އިގްތިސާދީ މާހިރުން އަންދާޒާކޮށްފި އެވެ.

ކުރިއަށް އޮތް 12 އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުގެ ގޮތުގައި، އެމެރިކާގެ މައްޗަށް ޗައިނާ ކުރިއަރާނެ ކަމަށް އިގްތިސާދީ މާހިރުން އަންދާޒާކޮށްފި އެވެ.

އެމެރިކާގެ އިންވެސްޓްމެންޓް ބޭންކް އަދި މާލީ ޚިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ގޯލްޑަމަން ސަކްސް އިން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި، އޭޝިޔާގެ އިގްތިސާދީ ދުވެލި ހަލުވިމިނުގައި މައްޗަށް ގޮސް، އެމެރިކާ އަށް ވުރެ ކުރިއަރާނެ އެވެ. އަދި ކުރިއަށް އޮތް 53 އަހަރުގެ ތެރޭގައި، އިންޑިއާ ވެސް އިގްތިސާދީ ގޮތުން އެމެރިކާ އަށް ވުރެ ކުރިއަށް އަރާނެ އެވެ.

އެ ބޭންކުގެ ދިރާސާގައި ބުނެފައިވާ ގޮތުން 2075 ވަނަ އަހަރު އަންނަ އިރު، އިގްތިސާދީ ގޮތުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި އޮންނާނީ ޗައިނާ އެވެ. އަދި ދެ ވަނައިގައި އިންޑިއާ އޮންނާނެ ކަމަށް އަންދާޒާ ކުރެވޭ އިރު، އެ ދެ ގައުމުގެ ފަހަތުން ތިން ވަނައިގައި އޮންނާނީ އެމެރިކާ އެވެ.

ގޯލްޑަމަން ސަކްސް އިން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދީ ބާރުތަކުގެ ތަރުތީބުން އެންމެ ކުރީގައި ޗައިނާ އޮންނަ އިރު އެ ގައުމުގެ ފަހަތުގައި އޮންނަ ހަތަރު ގައުމަކަށް ވާނީ، އެމެރިކާ، އިންޑިއާ، އިންޑޮނީޝިޔާ އަދި ޖަރުމަން ވިލާތެވެ. ނަމަވެސް 2075 ވަނަ އަހަރު އަންނަ އިރު، އެމެރިކާ އަށް ވުރެ އިންޑިއާ ކުރިއަރައި ދެ ވަނަ މަގާމު އަތުލާނެ އެވެ.

އޭގެ އިތުރުން ގައުމުތަކުގެ އިގްތިސާދު މިހާރު ހުރި ދުވެއްޔާއި، އެ ގައުމުތަކުގެ އާބާދީ އާއި އާބާދީގެ ނިސްބަތުން އިގްތިސާދު ކުރިއަރަމުން އަންނަ ނިސްބަތަށް ބަލާއިރު، ނައިޖީރިއާ އާއި ޕާކިސްތާނާއި މިސްރަކީ ވެސް، 2075 ވަނަ އަހަރު އިގްތިސާދީ ގޮތުން ބާރު ގަދަ ގައުމުތަކަށް ވާނެ އެވެ. ނަމަވެސް އެކަން އެ ގޮތަށް ވާނީ، އެ ގައުމުތަކުގެ އިގްތިސާދު މިހާރު ކުރިއަރަމުން އަންނަ މިންވަރު އެ ގޮތުގައި ނުވަތަ އެއަށް ވުރެ ރަނގަޅު ގޮތެއްގައި ދެމެހެއްޓުމަށް އެކަށޭނަ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް އެ ބޭންކުން ބުނެ އެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުން، މި ވަގުތު ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދަކީ އެމެރިކާ ކަމަށް ވިޔަސް، އޭޝިޔާ ގައުމުތަކުގެ އިގްތިސާދު ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔަށް ވުރެ އެމެރިކާގެ އިގްތިސާދު ކުރިއަރާ ނިސްބަތް ހުރީ މާ ލަސް ދުވެއްޔެއްގަ އެވެ. އަދި އެމެރިކާގެ ފައިސާ އަށް ދުނިޔޭގެ ބާޒާރުގައި މިހާރު އޮތް ނުފޫޒު ވެސް، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، މިހާރު ހުރި ނިސްބަތަށް ވުރެ ދަށް ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

މި ދިޔަ 10 އަހަރުގެ ތެރޭގައި ވެސް، މުޅި ދުނިޔޭގެ އިގްތިސާދު ދިޔައީ އަހަރުން އަހަރަށް ދަށްވަމުންނެވެ. އެކަން އެހެން އޮތުމުގެ އިތުރުން، އިގްތިސާދީ ގޮތުން ބޮޑެތި ގައުމުތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތް ވެސް ދަށްވަމުން ދާތީ، 2075 ވަނަ އަހަރު އަންނަ އިރު، ދުނިޔޭގެ އިގްތިސާދު މިހާރަށް ވުރެ ވެސް ދަށްވާނެ އެވެ.

ގޯލްޑަމަން ސަކްސް އިން ލަފާކުރާ ގޮތުގައި 2024 ވަނަ އަހަރާއި 2029 ވަނަ އަހަރާ ދެމެދު ދުނިޔޭގެ އިގްތިސާދު ދާނީ އެވްރެޖް ގޮތެއްގައި އަހަރަކު 208 ޕަސެންޓްގައި ކުރިއަރަމުންނެވެ. އެހެން ނަމަވެސް، އޭގެ ފަހުން، ދުނިޔޭގެ އިގްތިސާދު އަހަރުން އަހަރަށް ދަށަށް ދާން ފަށާނެ އެވެ.