Roadha Mihaaru
ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ

ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ

07 ސެޕްޓެމްބަރ 2023

މި މަހުގެ 9، 10 ގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވަން ހަމަޖެހިފައިވާ ޖީ20ގެ މަހާސިންތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް ފަރުވާލެއް ނެތް ކަމަށް އިންޑިއާ އިން އިއްޔެ ބުނެފި އެވެ.

މި މަހުގެ 9، 10 ގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވަން ހަމަޖެހިފައިވާ ޖީ20ގެ މަހާސިންތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް ފަރުވާލެއް ނެތް ކަމަށް އިންޑިއާ އިން އިއްޔެ ބުނެފި އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވި ގޮތުގައި އިންޑިއާގައި ބާއްވާ ޖީ20ގެ މަހާސިންތާގައި ރައީސް ޝީ ބައިވެރިވެވަޑައިނުގަތުމަކީ އާދަޔާ ޚިލާފު ކަމެއް ނޫނެވެ. އަދި އެއީ އިންޑިއާ އާއި ޗައިނާއާ ދެމެދުގައި އުފެދިފައިވާ ސަރަހައްދީ އަރައިރުމާ ވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖީ20ގެ މަހާސިންތާގައި ރައީސް ޝީ ބައިވެރިވެވަޑައިނުގަތުމަކީ، މަހާސިންތާގައި ނިންނާ ނިންމުންތަކަށް އެކަމުން ނޭދެވޭ އަސަރެއް ފޯރާނެ ކަމެއް ނޫނެވެ.

ޖީ20ގެ މަހާސިންތާގައި ބައިވެރިވެވަޑައިނުގަތުމަށް ރައީސް ޝީ ނިންމެވުމާ ގުޅިގެން ޗައިނާ ސަރުކާރުން ބުނެފައިވަނީ، ރައީސް ޝީ އެ ގޮތަށް ނިންމެވި ނަމަވެސް، ޗައިނާ އާއި އިންޑިއާގެ ގުޅުން އޮތީ ހަމަޖެހޭ ހާލަތެއްގައި ކަމަށެވެ.

ރައީސް ޝީގެ ބަދަލުގައި މިފަހަރުގެ ޖީ20ގެ މަހާސިންތާގައި ޗައިނާ ތަމްސީލު ކުރައްވާނީ، މިދިޔަ މާޗް މަހުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ލީ ޗިއާން އެވެ. މާދަމާ ފަށާ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ބޮޑުވަޒީރު ލީ މާދަމާ ހެނދުނު ނިއު ދިއްލީއަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖީ20 ގައި ރައީސް ޝީ ބައިވެރި ނުވިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވުމަށް ފަހު، ޚާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވީ އެ ގައުމެއް ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުން، އެކަމަށް އެ ގައުމުގެ ސަމާލުކަން ހުރި މިންވަރު އެނގޭނެ ކަމަށެވެ.

ޗައިނާގެ ރައީސް، ޖީ20 ގައި ބައިވެރިނުވާން ނިންމެވި އިރު، ޗައިނާ އާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގައިވާ ބައެއް ބިންތަކުގެ މިލްކުވެރިކަމުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތީ ވަރަށް ބޮޑު ރުޅިވެރިކަމެއް އުފެދިފަ އެވެ.

ހިމާލިޔާ ސަރަހައްދުގައި އޮތް ބިމެއްގެ މިލްކުވެރިކަމުގެ މައްސަލައިގައި ދެ ފަރާތުގެ ސިފައިންގެ މެދުގައި މީގެ ތިން އަހަރު ކުރިން ހިނގި ކުރިމަތިލުންތަކަށް ފަހު، އެ ގުޅުން އިތުރަށް ހީނަރުވި އެވެ. އެ ކުރިމަތިލުންތަކުގައި އިންޑިޔާ ސިފައިންގެ 20 މީހަކާއި ޗައިނާ ސިފައިންގެ ހަތަރު މީހަކު މަރުވި އެވެ.

އެ ކުރިމަތިލުމަށް ފަހު، ދެ ފަރާތުން ވެސް ވަނީ ސަރަހައްދީ ރޮނގު ކައިރި އަށް ބަރު ހަތިޔާރާއެކު އެތައް ހާސް ސިފައިންނެއް ފޮނުވައި ފުރިހަމަ ހަނގުރާމައަކަށް ތައްޔާރުވެފަ އެވެ.