Roadha Mihaaru
ބްރިކްސް މަހާސިންތާ މިއަދު ފަށަނީ

ބްރިކްސް މަހާސިންތާ މިއަދު ފަށަނީ

23 ޖޫން 2022

އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އެއްބާރުލުމަށް، ބްރެޒީލް، ރަޝިޔާ، ޗައިނާ އަދި ދެކުނު އެފްރިކާ އާއި އިންޑިއާ ގުޅިގެން "ބްރިކްސް"ގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ވެރިންގެ މަހާސިންތާ، މިއަދު ފަށާނެ އެވެ.

އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އެއްބާރުލުމަށް، ބްރެޒީލް، ރަޝިޔާ، ޗައިނާ އަދި ދެކުނު އެފްރިކާ އާއި އިންޑިއާ ގުޅިގެން "ބްރިކްސް"ގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ވެރިންގެ މަހާސިންތާ، މިއަދު ފަށާނެ އެވެ.

ބްރިކްސް އަކީ، އެ ޖަމާއަތުގައި ބައިވެރިވާ ފަސް ގައުމުގެ އިނގިރޭސި ނަމުގެ ފެށޭ ފުރަތަމަ އަކުރު ހިމަނައިގެން އުފައްދާފައިވާ ނަމެކެވެ. ބްރެޒީލް، ރަޝިޔާ، ޗައިނާ އަދި އިންޑިއާ ބައިވެރިވެގެން ބްރިކްސް އުފެއްދީ 2009 ވަނަ އަހަރު އެވެ. އެ ޖަމިއްޔާގައި ދެކުނު އެފްރިކާ ބައިވެރިވީ 2010 ވަނަ އަހަރު އެވެ.

ރަޝިޔާ އާއި ޗައިނާގެ ސިޔާސަތުތަކާ މެދު ހުޅަނގުގެ ގައުމުތަކުގައި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި، މި ފަސް ގައުމުގެ ވެރިންގެ މަހާސިންތާއެއް ފަށާފައިވާ އިރު، މި މަހާސިންތާއިން މާ މުހިންމު ކަންތައްތަކެއް ނިންމާނެ ކަމަކަށް ނުބެލެވެ އެވެ. މި ޖަމާއަތުގައި އިންޑިއާ އަކީ އެމެރިކާވެސް ހިމެނޭ ގޮތުން ހަތަރު ގައުމެއް ބައިވެރިވެގެން "ކުއަޑް"ގެ ނަމުގައި އުފައްދާފައިވާ ޖަމާއަތެއްގެ ވެސް މެމްބަރު ގައުމެކެވެ.

އޭގެ އިތުރުން ދެކުނު އެފްރިކާއަކީ ވެސް އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ނަމަވެސް ޗައިނާ އާއި ރަޝިޔާއަކީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ވަރަށް ބޮޑަށް ދެބަސްވުން އުފެދިފައިވާ ދެ ގައުމަށް ވާއިރު، އެ ދެ ގައުމާއި އިންޑިއާ އާއި ދެކުނު އެފްރިކާގެ ވެރިން ވެސް ބައިވެރިވެން ބާއްވާ ބައްދަލުވުމަކުން، ހުޅަނގުގެ ގައުމުތަކަށް ސިހުން ގެނުވާނެ ފަދަ ނިންމުމެއް ނިންމާނެ ކަމަކަށް ނުބެލެވެ އެވެ.

ކޮވިޑް-19 ވަބާގެ ސަބަބުން، މިދިޔަ ދެ އަހަރެކޭ އެއްގޮތަށް، ބްރިކްސްގެ މިއަހަރުގެ މަހާސިންތާގެ ބައްދަލުވުންތައް ވެސް ކުރިއަށް ދާނީ، ވީޑިއޯ ލިންކް މެދުވެރިކޮށެވެ. މިއަހަރުގެ މަހާސިންތާގެ ރިއާސަތު ބަލަހައްޓަވާނީ، ހިނގަމުން މިދާ އަހަރުގެ ރިއާސަތު ބަލަހައްޓާ ގައުމުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެވެ.

ބްރިކްސްގެ ގުޅުން އުފެދުނު ފަހުން މިހާތަނަށް، ދުނިޔޭގެ ފެންވަރުގައި މާ މުހިންމު ކަންތައްތަކެއް ނިންމާފައި ނެތަސް، އެ ޖަމާއަތުގައި ހިމެނޭ ފަސް ގައުމުގެ އާބާދީގައި 3.23 ބިލިއަން މީހުން ހިމެނެ އެވެ. އަދި މި ފަސް ގައުމަކީ ވެސް އިގްތިސާދީ ގޮތުން އެންމެ ހަލުވިމިނުގައި މިހާރު ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފަސް ގައުމެވެ. އަދި މި ފަސް ގައުމުގެ ޖީޑީޕީގެ މިންވަރު 23 ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.

މިދިޔަ އަހަރުތަކުގައި ބޭއްވި ބްރިކްސްގެ މަހާސިންތާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އިގްތިސާދީ ދާއިރާ އިން ގައުމުތަކުގެ މެދުގައި އެއްބާރުލުމާ ބެހޭ ގޮތުންނެވެ. މިހާރު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އިގްތިސާދާށް މިހާރު ވެސް ލޮޅުންތަކެއް އަރާފައިވާ އިރު، އިގްތިސާދީ ދާއިރާ އިން ބްރިކްސް އިން ނިންމާނީ ކޮން ކަހަލަ ނިންމުންތަކެއް މުޅިން ސާފެއް ނުވެ އެވެ.

މިއަދު ފެށި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ބްރެޒިލްގެ ރައީސް ޖާއީރް ބޮލްސޮނާރޯ އާއި ދެކުނު އެފްރިކާގެ ރައީސް ސީރިލް ރަމަފޯސާ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.