Roadha Mihaaru
ވައިރަހާ ހެދި ޕެޓްތައް ވެސް މާސްކް އަޅުވާފައި

ކޮވިޑް-19 އާ ހެދި ޗައިނާގެ ޕެޓްތައް ވެސް މާސްކް އަޅުވާފައި

15 ފެބުރުއަރީ 2020

ކޮވިޑް-19 ނުވަވަ ކޮރޯނާވައިރަހުގެ ބަލިމަޑުކަން އެންމެ ބޮޑު ޗައިނާގައި ޖަނަވާރުންގެ އަނގަމަތީގައި ވެސް މާސްކް އަޅަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ނުވަވަ ކޮރޯނާވައިރަހުގެ ބަލިމަޑުކަން އެންމެ ބޮޑު ޗައިނާގައި ޖަނަވާރުންގެ އަނގަމަތީގައި ވެސް މާސްކް އަޅަން ފަށައިފި އެވެ.

ބުޅަލާއި ކުއްތާ ފަދަ ޖަނަވާރުންގެ އަނގަމަތި ނިވާވާ ގޮތަށް މާސްކް އަޅުވާފައި ތިއްބައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ޗައިނާގެ މަޝްހޫރު ސޯޝަލް ޕްލެޓްފޯމް ވެއިބޯގައި ގިނަ ބަޔަކު އަންނަނީ ޕޯސްޓްކުރަމުންނެވެ.

ޗައިނާގެ ބައެއް މީހުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންނަކީ ވަރަށް ލޯބިން ދަރިންހެން ގެންގުޅޭ އެއްޗިއްސަށްވާތީ ކޮވިޑް-19 އިން އެ އެއްޗެހި ރައްކާތެރުކުރުމަކީ ޒިންމާއެއް ކަމަށް އެ މީހުން ބުނެފައިވެ އެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ޖަނަވާރުންނަށް މި ވައިރަސް ޖެހިދާނެ ކަމުގެ އެއްވެސް އަލާމާތްތަކެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އެކަމަކު މި ވާހަކަތައް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ގަބޫލެއް ނުކުރެ އެވެ.

ކޮވިޑް-19 ގެ ބިރުވެރިކަން އޮތް މިންވަރާއި ބަލި ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެ ގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ ބަލި ޖެހިފައިވާ މީހަކާ ޖަނަވާރަކު ގާތްވެއްޖެ ނަމަ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"މިސާލަކަށް ޕެޓެއް ބޭރުތެރެއަށް ނުކުމު އުޅުމުގެ ތެރޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެއްޖެ ނަމަ ބަލިޖެހުމުގެ ފުރުސަތު އެބައޮތް،" ކޮމިޝަންގެ ތަރުޖަމާނު އަދި އެޕިޑެމިއޮލޮޖިސްޓް ލީ ލަންޖްއާން ވިދާޅުވި އެވެ.