Roadha Mihaaru
އައްޑޫގައި އަދިވެސް ކޮވިޑްގެ 92 ކޭސް

އައްޑޫގައި އަދިވެސް ކޮވިޑްގެ 92 ކޭސް

17 މެއި 2021

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 15 މީހަކު ބަލިން ރަނގަޅުވެ އިއްޔެ ދޫކޮށްލާފައިވާ ކަމަށާއި އާ ކޭސްތަކާ އެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ އަދަދަކީ 92 ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 15 މީހަކު ބަލިން ރަނގަޅުވެ އިއްޔެ ދޫކޮށްލާފައިވާ ކަމަށާއި އާ ކޭސްތަކާ އެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ އަދަދަކީ 92 ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އުން ބުނެފި އެވެ.

އެތަނުން އެންމެ ފަހުން އާންމުކުރި އައްޑޫގެ ކޮވިޑާ ބެހޭ ތަފާސްހިސާބުތަކަށް ބަލާ އިރު އިއްޔެ 8 މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ. ބަލިން 15 މީހަކު ރަނގަޅުވި އިރު، ފަރުވާ ހޯދާ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މިދިޔަ މަހުން ފެށިގެން އައްޑޫގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން މި މަހުގެ 1 އިން ފެށިގެން މޮނިޓަރިން އަށް ލާފައިވާ އިރު މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 2،038 އަށް ސާމްޕަލް ނަގާފައިވެ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 296 އަށް އަރަ އެވެ.

މިދިޔަ މަހުން ފެށިގެން އައްޑޫން ފެނުނު ކޮވިޑްގެ ކޭސްތަކުގެ ޖުމްލަ އަދަދު 107 ގައި ހުރި އިރު އެންމެ ގިނަ ކޭސްތައް އުޅެނީ ހުޅުދޫގަ އެވެ. އެއީ 55 ކޭހެވެ. ހިތަދޫގެ އަދަދު 32 ގައި އިރު މީދޫން 11 އަދި ފޭދޫން ހަތެކެވެ. އަދި މަރަދޫފޭދޫގައި އެންމެ ކޭހެކެވެ. މީގެ އިތުރުން ދެން ހިމެނެނީ ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓުން އެއް ކޭހެވެ.

މިހާތަނަށް އައްޑޫގެ އަވަށްތަކުގެ ތެރެއިން މަރަދޫން ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައިވެ އެވެ.

އައްޑޫން ބަލި ޖެހޭ މީހުން އިތުރުވެ، މޮނިޓަރިން އަށް ލީ ފަހުން ރައްކާތެރިކަމުގެ ގޮތުން އެކި ފިޔަވަޅުތައް ވެސް ވަނީ އަޅައިފަ އެވެ. އޭގެ ތެރޭގައި އެއް އަވަށުން އަނެއް އަވަށަށް ދިއުމާއި ހަވީރު 6:00 ފަތިހު 4:00 އަށް ކާފިއު ހިންގުމާއި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި ސެލޫނާއި ޖިމްތައް ބަންދުކޮށް، ހުރިހާ ކުޅިވަރު ހަރަކާތްތައް ވެސް ހުއްޓައިލުން ހިމެނެ އެވެ.