Roadha Mihaaru
ވިންޓަ އޮލިމްޕިކްސް ބާއްވަނީ ކުޅިބަލާ މީހުންނާ ނުލާ

ޗައިނާގައި ވިންޓަ އޮލިމްޕިކްސް ބާއްވަނީ ކުޅިބަލާ މީހުންނާ ނުލާ

19 ޖެނުއަރީ 2022

އަންނަ މަހު ޗައިނާގެ ބެއިޖިންގައި ބާއްވާ މި އަހަރުގެ ވިންޓަ އޮލިމްޕިކްސް ކޮވިޑް-19އާ ހެދި ކުޅިބަލާ މީހުންނާ ނުލައި ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ޗައިނާގެ ބެއިޖިންގައި ބާއްވާ މި އަހަރުގެ ވިންޓަ އޮލިމްޕިކްސް ކޮވިޑް-19އާ ހެދި ކުޅިބަލާ މީހުންނާ ނުލައި ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

މި ގޮތަށް ނިންމާފައި ވަނީ މުބާރާތަށް ކުރިން ޓިކެޓް ވިއްކި ނަމަވެސް ކޮވިޑްގެ ކޭސްތައް މި މަހުން ފެށިގެން އަނެއްކާ ވެސް ޗައިނާގައި އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. އެހެންވެ، އޮލިމްޕިކްސް އަށް ޓިކެޓް ވިއްކުން ހުއްޓާލައި މިހާރު ނިންމާފައި އޮތީ ކުޅިބަލަން އާންމުން ނުވައްދާ ގޮތަށެވެ.

މިގޮތަށް ނިންމުމުގެ ކުރިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) އިން ނިންމާފައި އޮތީ މުބާރާތާ ދިމާކޮށް ކުޅިބަލަން ޗައިނާ އަށް ދާ ބިދޭސީންނަށް މުބާރާތުގެ އިވެންޓުތައް ބަލަން ނުވައްދާއި، ހަމައެކަނި ޗައިނާގައި ތިބި މީހުންނަށް ވަދެވޭ ގޮތަށް ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް އެ އުސޫލު ބާތިލުކުރަން ޖެހުނީ ކޭސްތައް އިތުރުވެ، ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ބޮޑުތަނުން ގޯސްވެ މުބާރާތަށް ހުރަސް ވެސް އެޅިދާނެތީ އެެވެ.

މިކަމާ ގުޅިގެން އައިއޯސީން ނެރުނު ބަޔާނެއްގައި ބުނީ މި ދަނޑިވަޅުގައި އެންމެ މުހިންމު ކަމަކީ އެތުލީޓުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުން ކަމަށެެވެ.

"އެކަމަކު ދައުވަތުދެވޭ ބަޔަަކަށް ކުޅިބަލަން ވަދެވޭނެ. އަދި އެ މީހުން ޖެހޭނެ އިވެންޓްތަކުގެ ކުރިންނާއި އިވެންޓްތަކު ތެރޭގައި އަދި އިވެންޓްތަކުގެ ފަހުން ވެސް ކޮވިޑަށް ހާއްސަކޮށްގެން އަޅާފައި ހުރި ހުރިހާ ފިޔަވަޅުތަކަކަށް ތަބާވާން،" އައިއޯސީން ބުންޏެވެ.

ވިންޓަ އޮލިމްޕިކްސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ ހަތަރަކުން 20 އަށެވެ. އޭގެ ފަހުން ވިންޓަ ޕެރަލިމްޕިކްސް ކުރިއަށް ދާނީ މާޗް ހަތަރަކުން 13 އަށެވެ. މި ފަހަރުގެ މި މުބާރާތުގައި ބައިވެރިނުވާން ވެސް ވަނީ ބައެއް ގައުމުތަކުން ނިންމައިފަ އެވެ.

ބެއިޖިންގައި ބާއްވާ ވިންޓަ އޮލިމްޕިކްސް ކުޅިބަލާ މީހުންނާ ނުލައި ކުރިއަށް ގެންދަން ނިންމިއިރު، ކޮވިޑާ ހެދި ޖަޕާނުގައި 2020 ގައި ބާއްވަން އުޅުނު އޮލިމްޕިކްސް މިދިޔަ އަހަރަށް ފަސްކޮށް، އެ މުބާރާތް ޖަޕާނުގައި އެންމެ ފަހުން ބެއްވީ ވެސް ކުޅިބަލާ މީހުންނާ ނުލަ އެވެ.

މީގެ ސަބަބުން އޮލިމްޕިކްސް އަށް ފޯރި ހުންނަ މީހުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބުނެވެ.