ޗައިނާގެ ވެރިރަށް ބެއިޖިން އަށް މި އާދެވުނީ އެންމެ ހިތްގައިމު ދުވަސްވަރު އެވެ. ގަދަ ފިނި ފިލައި، ބަހާރުގެ ތެތްފިނިކަމުގެ ތެރެއަށެވެ. ގަސްގަސް އާރޯވެ، މާފޮޅޭ ދުވަސްވަރެވެ. ކުލަކުލައިިގެ މާމެލާމެލިން މަގުތައް ފަރިވެފޮޅެމުން އަންނަ ދުވަސްވަރެވެ؛ ބަހާރު މޫސުމެވެ.
19 އެޕްރީލް 2025
ޗައިނާގެ ވެރިރަށް ބެއިޖިން އަށް މި އާދެވުނީ އެންމެ ހިތްގައިމު ދުވަސްވަރު އެވެ. ގަދަ ފިނި ފިލައި، ބަހާރުގެ ތެތްފިނިކަމުގެ ތެރެއަށެވެ. ގަސްގަސް އާރޯވެ، މާފޮޅޭ ދުވަސްވަރެވެ. ކުލަކުލައިިގެ މާމެލާމެލިން މަގުތައް ފަރިވެފޮޅެމުން އަންނަ ދުވަސްވަރެވެ؛ ބަހާރު މޫސުމެވެ.
ބެއިޖިން، ޗައިނާ: ބަހާރު މޫސުން ފެށުމާ އެކު ގަސްގަސް އާރޯވެ، މާފޮޅިފައި.-- ފޮޓޯ: މިހާރު
ބެއިޖިންނަކީ ދިގު ތާރީހެއް އޮތް ދުނިޔޭގެ އެންމެ ގަދީމީ އެއް ސިޓީ އެވެ. ޗައިނާގެ ސިޔާސީ، ސަގާފީ އަދި ތައުލީމީ ދާއިރާގެ މައި މަރުކަޒެވެ. ސީނުކަރައިގެ ގަދީމީ ތަރިކަ އާއި ޒަމާނީ ތަރައްގީގެ ކުރިއެރުންތައް އެންމެ ރީއްޗަށް ފެންނަން އޮތް އެއްތަނެވެ.
ޗައިނާގެ ރަދުންގެ ގަނޑުވަރުގެ ގޮތުގައި އެތައް އަހަރެއް ވަންދެން ބޭނުންކުރި "ފޮބިޑަން ސިޓީ" އާއި ދުނިޔޭގައި އެންމެ ބޮޑަށް ހުޅުވާލެވިފައިވާ އެއް މައިދާން ކަމުގައިވާ "ޓިއަންއަންމަން ސްކުއެއާ" އާއި ވެރިންގެ ފައްޅިއެއްގެ ގޮތުގައި ބޭނުންކުރި "ޓެމްޕަލް އޮފް ހެވަން" އާއި ދުނިޔޭގެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ބޮޑު ފާރު ކަހަލަ ތާރީހީ އެތައް ބިނާއެއް މި ތަނުގައިވެ އެވެ. އޮލިމްޕިކްސް ބާޑްސް ނެސްޓް ސްޓޭޑިއަމާއި ސީސީޓީވީގެ ހެޑްކުއާޓަރު ކަހަލަ ޒަމާނީ އިމާރާތްތަކަކީ ވެސް މި ސިޓީގެ ރަމްޒެކެވެ.
ބެއިޖިން، ޗައިނާ: ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ ދުވަހަކު ވެސް ޒިޔާރަތްކުރާ ކުރީގެ ގަނޑުވަރެއް ކަމަށްވާ ސަމާ ޕެލެސް.-- ފޮޓޯ: މިހާރު
މި ކަންކަމަށް ވުރެ ބޮޑަށް އަހަރެމެންގެ ހިތްދަމައިގަތީ މި މީހުންގެ މެހުމާންދާރީ އެވެ. ބެހެއްޓި ގާތްކަމެވެ.
ހާއްސަކޮށް، އަހަރެމެންނަކީ ދިވެހިންކަން އެނގިއްޖެ ނަމަ މި މީހުންގެ މޫނުމަތިން ފެންނަ އުފާވެރިކަން އަދި މާ ބޮޑެވެ.
މި ދަތުރުގައި ދިމާވި ޗައިނާގެ އެކުވެރިޔަކު ބުންޏެވެ؛ ޗައިނާ މީހުންނަށް ރާއްޖެއަކީ ސުވަރުގެ އެވެ. ރާއްޖޭގެ ނޫ ކަނޑާއި ދޮންވެލި ގޮނޑުދޮށްތައް ޗައިނާގައި ވަރަށް މަޝްހޫރެވެ. މިތަނުގެ ގިނަ މީހުންނަކީ ދުވަހަކު ވެސް ހަމަލޮލަށް މޫދާއި ކަނޑު ނުދެކޭ ބަޔަކަށް ވުމުން، މި ބިޒީ ދިރިއުޅުމުން ސަލާމަތްވެ، އަރާމުކޮށްލުމަށް ރާއްޖެ އަށް ދިއުމަކީ ގިނަ މީހުން ދެކޭ ހުވަފެނެކެވެ.
ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމަކަށް ޗައިނާ ވާ ސަބަބަކީ މިއީ ކަމަށް ވެދާނެ އެވެ.
ޗައިނާގެ އުތުރުގެ ސަރަހައްދުގައިވާ ފަރުބަދަތަކުގެ މަތިން، ކޮޅާއިކޮޅު ނުފެންނަ ހިސާބަށް ދަމާލާފައިވާ މި ބޮޑު ފާރަކީ މި މީހުންގެ އެންމެ ބޮޑު ފަހުރެވެ. މިއީ، މުޅި ދުނިޔެ ވެސް އާޝޯހުކޮށްލި ގަދީމީ ބިނާއެކެވެ. މި އަޖައިބުކުރަނިވި ބިނާ ދެކިލުމަށް ކޮންމެ ދުވަހަކު އެތައް ބަޔަކު ޒިޔާރަތް ކުރެ އެވެ. މިއަދު އަހަރެންނަކީ ވެސް އެ އިން އެކަކެވެ.
ޗައިނާގެ ބޮޑު ފާރު މަތިން ފެންނަ ހިތްގައިމު މަންޒަރުތައް.-- ފޮޓޯ: މިހާރު
ފިނި ދުވަހެއްގައި، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް މައްޗަށް އަޅަމުން، މި ފާރުގެ ވަރަށް އުހަށް އެރިއްޖެ އެވެ. ވަރުބަލިކަން އިހުސާސް ކުރެވެން ފެށުމުން ގަބޫލުކުރެވުނީ ވަރަށް ދުރަށް ހިނގިއްޖެ ކަމަށެވެ. އެކަމަކު ހިސާބު ބެލުމުން އެނގުނީ، 21،000 ކިލޯމީޓަރުގެ މި ދިގު ފާރުން މި ހިނގުނީ އެންމެ ފަސް ކިލޯމީޓަރުގެ ކުޑަ ސަރަހައްދެއްގައި ކަމެވެ.
މިވަރުގެ ވަރުގަދަ ބިނާއެއް އިމާރާތް ކުރެވޭނީ ހާދަ ހިތްވަރެއް ހުރެގެންނެވެ.
މި ފާރުގެ މައްޗަށް އަރައި، ފަހަތް ބަލައިލުމުން ދެން ފެނުނީ ލޮލަށް ފިނިކަން ލިބުނު މަންޒަރެކެވެ. ބަހާރު މޫސުމާ އެކު، މި ސަރަހައްދަށް އައިސްފައި އޮތް ފެހިކަމެވެ. ކުލަކުލައިގެ މާތަކުން މުޅި ސަހަރައްދު ވިދާބަބުޅަނީ އެވެ. މި މަންޒަރު ފެނި، ވެފައި ހުރި ވަރުބަލިކަން ވެސް ވަގުތުކޮޅަށް ހަނދާން ނެތުނެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި)ގައި ހިމެނޭ ގައުމުތަކުގެ 30 އަށް ވުރެ ގިނަ ނޫސްވެރިންނާ އެކު ކުރާ މި ދަތުރުގައި ބެއިޖިންއަށް ފަހު، އަހަރެމެންގެ ދެވަނަ މަންޒިލަކީ ޗައިނާގެ އެންމެ މަޝްހޫރު އެއް ސިޓީ ކަމަށްވާ ޗޮންޗިން އެވެ. ބީއާރުއައި އަކީ އެއްގަމާއި ކަނޑުމަގުން އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕްގެ ގައުމުތައް ގުޅުވާލައި، ސަރަހައްދީ އެކުވެރިކަން ވަރުގަދަކޮށް، ވިޔަފާރިގެ ގުޅުންތައް ފުޅާކޮށް އަދި އިގުތިސާދީ ކުރިއެރުންތައް ހޯދުމަށް ޗައިނާގެ ސަރުކާރުން ހިންގާ ހަރަކާތެކެވެ.
ޗައިނާ ސަރުކާރުން ބީއާރުއައިގެ ގައުމުތަކުގެ ނޫސްވެރިންނަށް އިންތިޒާމުކުރި ދަތުރުގައި ބައިވެރިވި އެކި ގައުމުތަކުގެ ނޫސްވެރިން ފޮޓޯއަކަށް ހުއްޓިގެން.
މި ދަތުރުގައި ޗައިނާގެ ތާރީހާއި ޒަމާނީ ތަރައްގީ އާއި އާންމު ދިރިއުޅުމާ ގުޅޭ އެތައް ވާހަކައެއް ކިޔައިދިނެވެ. އަދި އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ފަހިކޮށްދިނެވެ.
އުމްރާނީ ތަރައްގީ އާއި ޓެކްނޮލޮޖީގެ ރޮނގުން ޗައިނާ ހޯދާފައިވާ ކުރިއެރުންތަކަކީ އެހެން އެއްވެސް ގައުމަކުން އަދި ފެންނަން ނެތްވަރުގެ ކަންކަމެވެ. ބޮޑެތި އިމާރާތްތަކާއި ޒަމާނީ ފެންވަރަށް ހަދާފައިވާ މަގުތައް ފެނި ހައިރާންވެ އެވެ. ޕޭމަންޓެއް ހަދަން މި ގައުމުގައި މިހާރު ނަގުދު ފައިސާއެއް، ކާޑެއް ނުވަތަ ފޯނެއް ވެސް ބޭނުމެއް ނުވެ އެވެ. މިހާގެ އަތްތިލަ ސްކޭން ކޮށްލައިގެން ވެސް ޕޭމަންޓް ހަދާލެވެ އެވެ. އާންމު ދިރިއުޅުމުގެ އަސާސީ ކަންކަން މިހާ ފަސޭހަ އެވެ.
އެއްވެސް މީހަކު ބާކީ ނުކޮށް، އެންމެން ވެސް ޝާމިލުވާ މުޖުމަތައުއެއް އުފެއްދުމުގައި ނަމޫނާ ގައުމެކޭ ބުނެވިދާނެ އެތައް ކަމެއް ވެސް ދެކުނީމެވެ. ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ތިބޭ މީހުންނަށް ހާއްސަ ސިނަމާއެއް ހުރެޔޭ ބުނެފިއްޔާ ގަބޫލުކުރާނަން ހެއްޔެވެ؟ އެކަން ވެސް ކޮށްފި އެވެ.
އިމާރާތެއްގެ 22 ވަނަ ފްލޯ އަށް އަރައިގެން ނުކުމެވުނީ ހާމައަށް އޮތް މައިދާނަކަށެވެ. އެ މައިދާނުގެ އެއްފަޅިން ނުކުމެވުނީ އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގަކަށެވެ. އެކަމަކު މިއީ ހަމަ ބިމެއް ނޫނެވެ. އެ މައިދާނުގެ އެހެން ފަޅިއަކަށް ދިއުމުން އެނގުނީ މި ތިބެވެނީ އެ ފަޅިން ހަތަރުވަނަ ފުލޯގައި ކަމެވެ. ބެއިޖިންއާ 1،700 ކިލޯމީޓަރު ދުރުގައި، ފަރުބަދަތަކާއި ވާދީތަކުން އުފެދިފައިވާ ޗޮންޗިންގެ ހަމަ ބިމަކީ ކޮބައިކަން ދެނެގަތުމަކީ ނުވާނެ ކަމެކެވެ. މި ސިޓީގެ އެންމެ ހާއްސަ ސިފައަކީ ވެސް މިއީ އެވެ.
ޗައިނާގެ ޗޮންޗިން ސިޓީގެ މަގެއް: މިއީ އުމްރާނީ ތަރައްގީގައި ވަރަށް ކުރިއަރާފައިވާ ސިޓީއެއް.-- ފޮޓޯ: މިހާރު
ޔަންގްސީ ކޯރާއި ޖިއަލިން ކޯރު އެއްވާ ހިސާބުގައި އުފެދިފައިވާ މި ބޮޑު ސަހަރަށް "މައުންޓެން ސިޓީ"އޭ ކިޔަނީ ވެސް އެ ސަބަބާ ހުރެ އެވެ.
އަޑިގުޑަންކޮށް އުފެދިފައި އޮންނަ މި ސިޓީގެ ބައެއް މަގުތައް، ބޮޑެތި އުސްއިމާރާތްތަކަށް ވުރެ މާ މަތީގައި ވެސް ހުރެ އެވެ. އަދި އޭގެ އިދިކޮޅަށް ވެސް މެ އެވެ. ސިޓީގެ ބައެއް ހިސާބުތަކަށް ވާސިލްވެވެނީ ހަމައެކަނި ސިޑިން، އެސްކަލޭޓަރުން ނުވަތަ ކޭބަލްކާރުންނެވެ. އިމާރާތެއްގެ އެއްފަޅިން އެއްވަނަ ފްލޯއަށް ވަންނައިރު، އަނެއް ފަޅިން ނުކުންނައިރު އެއީ 20 ވަނަ ފްލޯ އަށް ވެސް ވެދާނެ އެވެ.
ޗޮންޗިންގައި ހުންނަ އުސް އިމާރާތެއްގެ މަތި ވިލާތަކުން ފޮރުވިފައި.-- ފޮޓޯ: މިހާރު
ޗައިނާ ބަހުން "ޗޮންޗިން"ގެ މާނައަކީ ދެގުނަ އުފާވެރިކަމެވެ. މި ސިޓީ އަށް ލިބިފައިވާ ހާއްސަ ސިފަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތުން މިތަނަށް އަންނަ މީހަކަށް ދެގުނަ އުފާވެރިކަން ނުލިބި ނުދާނެ ކަމަށް، މިދިޔަ ވިއްސަކަށް އަހަރު ޗޮންޗިންގައި ޓުއާ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ފިއޯނާ ބުންޏެވެ.
ފިއޯނާ ކިޔައިދިން ގޮތުގައި، މި ސިޓީ އަށް ޗޮންޗިންއޭ ކިޔުނީ 12 ވަނަ ގަރުނުގައި މި ސިޓީގެ ރަސްކަން ކުރެއްވި އެމްޕަރާ ގުއަންގްޒޮންގްއާ ގުޅުވައިގެންނެވެ. އެ މަނިކުފާނަށް ރަސްކަން ލިބިވަޑައިގަތުމުގެ ކުރިން ވަރަށް ފަހުރުވެރި ލަގަބެއް އޭރު އެރުއްވި އެވެ. އަދި އޭގެ ފަހުން އެ މަނިކުފާނަށް ރަސްކަން ލިބިވަޑައިގަތުމުން މި ސިޓީއަށް "ދެގުނަ އުފާވެރިކަން" ލިބުމުން "ޗޮންޗިން"އޭ ކިޔުނީ އެވެ.
ޗޮންޗިންގެ ހޮންގްޔާ ކޭވްގައި ތިބޭއިރު ފެންނަ ސިޓީގެ އުސް އިމާރާތްތަކުގެ ހިތްގައިމު މަންޒަރު.-- ފޮޓޯ: މިހާރު
ޖިއަލިންގް ކޯރާއި އެ ކޯރުގެ ދެމެދުގައި އަޅާފައިވާ ރީތި ބްރިޖުތައް ފެންނަ ގޮތަށް، ފަރުބަދައެއްގެ މަތީގައި އިމާރާތް ކޮށްފައިވާ "ހޮންގްޔާ ކޭވް" އަކީ އެންމެ ސަޅި އެއްތަނެވެ. މިތަން ފަރުމާކޮށްފައި ވަނީ ޗޮންޗިންގެ އިހުގެ އިމާރާތްކުރުމުގެ ފަންނާ އެއްގޮތަށެވެ. މިތަނުގައި ހުރީ ރެސްޓޯރެންޓުތަކާއި ފިހާރަތަކެވެ. ކޯރުގެ އަނެއް ފަޅިން ފެންނަން ހުރީ މި ސިޓީގެ ރީތި، ޒަމާނީ އުސް އިމާރާތްތަކެވެ. ރޭގަނޑު މުޅި މި ސަރަހައްދު ދިއްލާފައި އޮންނައިރު، މިއީ ބަލައިލަން ވަރަށް ހިތްގައިމު މަންޒަރެކެވެ.
ޗޮންޗިންގެ ހޮންގްޔާ ކޭވް: މިތަން ފަރުމާކޮށްފައި ވަނީ ޗޮންޗިންގެ އިހުގެ އިމާރާތްކުރުމުގެ ފަންނާ އެއްގޮތަށް.-- ފޮޓޯ: މިހާރު
މީހުން ދިރިއުޅޭ އިމާރާތެއްގެ ތެރެއިން ރެއިލެއް ދަތުރުކުރާ މަންޒަރު ސޯޝަލް މީޑިއާއިން ވަރަށް ގިނައިން ދެކެން ދޯ އެވެ؟ ދެން މި އާދެވުނީ އެތަނަށެވެ. މަޝްހޫރު ލިޒީބާ މޮނޯރެއިލް ސްޓޭޝަނަށެވެ. މި އިމާރާތުގެ ހަވަނަ ފްލޯ އާއި 8 ވަނަ ފުލޯގެ ދެމެދުން މި ރޭލު ދަތުރުކުރާ މަންޒަރު ބަލަން އެތައް ހާސް ބަޔަކު ވަނީ މިތަނަށް އެއްވެފަ އެވެ. ފިއޯނާ ބުނި ގޮތުގައި، އަބަދުވެސް މި ސަރަހައްދު އޮންނަނީ މި މަންޒަރު ބަލަން އަންނަ މީހުންނާ އެކު ފުރިބާރުވެފަ އެވެ.
ލިޒީބާ މޮނޯރެއިލް ސްޓޭޝަން ސަރަހައްދު: ކޮންމެ ދުވަހަކު އެތައް ބައިވަރު މީހުނެއް މިތަނަށް ޖަމާވޭ.-- ފޮޓޯ: މިހާރު
އުމްރާނީ ތަރައްގީގެ އިތުރުން މި ސިޓީ މަޝްހޫރުވާ އެހެން ބައިވަރު ކަންކަން ވެސް އެބަހުއްޓެވެ. ހާއްސަކޮށް މިތަނުގެ ކެއުންތަކެވެ. ޗޮންޗިންގެ މަޝްހޫރު ކުޅި ރަހަ ގަދަ ހޮޓްޕޮޓާއި ޗޮންޗިންގެ ނޫޑްލްސް އަކީ މި ކަހަލަ ކެއުންތަކަށް ލޯބިކުރާ މީހުންނަށް ހަމަ މަރެކެވެ. މި ދަތުރުގައި ހޮޓްޕޮޓް ޓްރައި ނުކުރި ނަމަވެސް، ނޫޑްލްސް ކެއީމެވެ. ޗޮންޗިން އާއި ބެއިޖިންގެ ރެސްޓޯރެންޓުތަކުގައި ވެސް ހަލާލް ކާނާ ލިބޭކަން އަންގައިދޭ ނިޝާން ބޯޑުތައް ހަރުކޮށްފައި ހުންނާތީ، އަހަރެމެންނަށް ކެވޭނެ ކަހަލަ ކެއުންތައް ހޯދުމަކީ މާ އުނދަގޫ ކަމަކަށް ވެސް ނުވި އެވެ.
ޗޮންޗިން އިން ކެއި ނޫޑްލްސްއެއް.-- ފޮޓޯ: މިހާރު
ސަރަހައްދުގެ އިގުތިސާދާ ގުޅިފައިވާ ޗޮންޗިން އިންޓަނޭޝަނަލް ލޮޖިސްޓިކްސް ހަބް ޕާކަކީ ޗައިނާގެ ސަރުކާރުގެ ބީއާރުއައި ހަރަކާތުގެ މުހިންމު ހިއްސާއެކެވެ. ޗައިނާގެ އުމްރާނީ ތަރައްގީގެ އަޖައިބެކެވެ.
ޗޮންޗިން އިންޓަނޭޝަނަލް ލޮޖިސްޓިކްސް ހަބް ޕާކު އޮންނަ ގޮތުގެ މޮޑެލްއެއް.-- ފޮޓޯ: މިހާރު
މިއީ އެއްގަމު މަގުން ރޭލު ކޮންޓެއިނަރުގައި، ޗައިނާއިން ޔޫރަޕާ ދެމެދުގައި މުދާ ފޮނުވައި ވިޔަފާރިކުރާ ބޮޑު ނެޓްވޯކުގެ މައި ހަބެވެ. ހަ ގައުމެއް ހުރަސްކޮށް ދަތުރުކުރާ މި ރޭލުތަކަކީ ކުރިން ކަނޑުމަގުން މަހަކަށް ވުރެ ގިނަ ދުވަހުން ކުރި ދަތުރު އެންމެ ދެ ހަފުތާއަށް ކުރުކޮށްލި އިންގިލާބެކެވެ.
ޗޮންޗިން އިންޓަނޭޝަނަލް ލޮޖިސްޓިކްސް ހަބް ޕާކު ތަރައްގީކުރި ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކަނީ.-- ފޮޓޯ: މިހާރު
މި ހަބުގައި ހުރީ ކޮންޓެއިނަރު ޓާމިނަލްތަކާއި ޒަމާނީ ރޭލްވޭ ލޮޖިސްޓިކްސް މަރުކަޒުތަކާއި ބޮންޑެޑް ވެއާ ހައުސް ފެސިލިޓީތަކާއި ހާއްސަ ކޯލްޑް ޗެއިން ލޮޖިސްޓިކްސް މަރުކަޒުތަކުގެ އިތުރުން އީ-ކޮމާސް ވިޔަފާރިއަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކެވެ. މި ވަސީލަތްތަކުގެ ފުރިހަމަ ކަމުގެ ސަބަބުން ޗޮންޗިންގައި ވިޔަފާރި ހިންގުމަށް ބޭރުގެ ވިޔަފާވެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ. މި ހަބަކީ މި ސަރަހައްދުގެ އިގުތިސާދީ ތަރައްގީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ތަނެކެވެ.
ޗޮންޗިން އިންޓަނޭޝަނަލް ލޮޖިސްޓިކްސް ހަބް ޕާކު އޮންނަ ގޮތުގެ މޮޑެލްއެއް.-- ފޮޓޯ: މިހާރު
އާންމު ގޮތެއްގައި އަހަރެމެންނަށް ފެންނަނީ، ބިލިއަނަކަށް ވުރެ ބޮޑު އާބާދީއެއް އޮތް މި ޗައިނާގެ ބައިބޯ ދިރިއުޅުމެވެ؛ އެކަމަކު، މިފަހަރު މި އައީ މުޅިން ތަފާތު ތަނަކަށެވެ. އެހެން ޗައިނާއަކަށެވެ. ޗޮންޗިންގެ ރަށްފުށު ހިސާބަކަށެވެ. ސިޓީގެ ބައިބޯ ދިރިއުޅުމާ މާ ދުރުގައި، މާ އަމާން ދިރިއުޅުމެއް އުޅޭ ޔިންގްޝިއޮންގްވާން ވިލެޖުގެ ސަރަހައްދެއް ކަމަށްވާ "ހީރޯސް ބޭ" އަށެވެ.
މިތަނަށް އާދެވުމުން ކުރެވުނީ މާލޭގައި އުޅެފައި އަތޮޅުތެރޭ ރަށަކަށް ދިއުމުން ލިބޭ ހިތްހަމަޖެހުމުގެ އިހުސާސެވެ. ކާރޫބާރޫ ބޮޑެތި މަގުތަކެއް ނެތެވެ. ހަލަބޮލި ކަމެއް ނެތެވެ. ބޮޑެތި އުސް އިމާރާތްތަކެއް ނެތެވެ. ގަސްގަހާގެހިން ފުރި، ވަށައިގެން އޮތީ ފެހިކަމެވެ. ހިތްފަސޭހަ ދިރިއުޅުމެކެވެ.
ޗައިނާގެ ރަށްފުށު ހިސާބެއް ކަމަށްވާ "ހީރޯސް ބޭ".-- ފޮޓޯ: މިހާރު
ފިއޯނާ ބުނި ގޮތުގައި، ސިޓީއާ ދުރުގައި އޮތަސް އަސާސީ ހުރިހާ ހިދުމަތެއް މިތަނުން ވެސް ލިބެ އެވެ. އާމްދަނީ ހޯދުމަށް މިތަނުގެ ގިނަ މީހުން ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. އޮރެންޖާއި އާފަލާއި މެންޑަރިން ކަހަލަ އެކި ބާވަތުގެ މޭވާ އަޅާ ގަސްތައް ހައްދަ އެވެ. ދަނޑުވެރިކަމުގައި ނޫޅޭ މީހުން ދަނީ ކައިރީގައި ހުރި މޮޓޯ ފެކްޓަރީގެ މަސައްކަތަށެވެ. ނޫނީ ކުރަނީ ކޮންމެވެސް ކަހަލަ އަމިއްލަ މަސައްކަތެކެވެ.
ޗައިނާގެ ރަށްފުށު ހިސާބެއް ކަމަށްވާ "ހީރޯސް ބޭ"ގައި ދިރިއުޅޭ ބައެއް މީހުން.-- ފޮޓޯ: މިހާރު
މަތީތައުލީމާއި ވަޒީފާގެ ބޭނުމަށް ބައެއް މީހުން ވިލެޖު ދޫކޮށް، ސިޓީ އަށް ދިރިއުޅުން ބަދަލުކުރިޔަސް، ޗައިނާ ސަރުކާރުން މިހާރު ބޮޑަށް ބާރުއަޅަނީ މިތަނުގައި ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތްތައް ފަހިކޮށްދިނުމަށެވެ. މި ކަހަލަ ވިލެޖުތަކުގައި އަސާސީ ހުރިހާ ހިދުމަތަކާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހަމަޖައްސައިދެނީ ވެސް އެ ބޭނުމުގަ އެވެ.
ޗައިނާއަށް ކުރި ދެ ހަފުތާގެ ދަތުރު ނިމުމަކަށް އައިރު ފެނުނީ މި މީހުންގެ ތާރީހާއި ތަރިކައަށް އޮތް އިހުތިރާމު ކުޑަވިޔަ ނުދީ، ޒަމާނީ އީޖާތުތަކާ އެކު، ކުރިއަރައިގެން ދިއުމަށް ކުރާ މަސައްކަތެވެ.
ބެއިޖިންގެ ފޮބިޑަން ސިޓީން ފެށިގެން ޗޮންޗިންގެ ލިޒީބާ ސްޓޭޝަނާ ހަމައަށް ހައިރާންކުރަނިވި އެތައް ކަމެއް ފެނުނެވެ.
ހަލުވި ދުވެލީގައި ޒަމާނީ ތަރައްގީ ގެންނަމުން އަންނަ ގައުމެކެވެ.
ބޮޑެތި ބްރިޖުތަކާއި އާންމު ދަތުރުފަތުރުގެ ހަރުދަނާ ނިޒާމުތަކާއި ޓެކްނޮލޮޖީގެ އީޖާދުތައް ވަނީ އާންމު ދިރިއުޅުމާ ގުޅިލާމެހިފަ އެވެ.
ބައްދަލުވި މީހުންގެ މެހުމާންދާރީ ވީ ލިބުނު އިތުރު ހިތްހަމަޖެހުމަކަށެވެ.
މިއީ، ދުރުވިސްނޭ ސިޔާސަތެއްގެ ދަށުން ގައުމެއް ބިނާކުރުމުން އޭގެ ފޮނި މީރުކަން އާންމުންނަށް ލިބޭ ނަމޫނާ ގައުމެކެވެ.
ޗައިނާއިން ރާއްޖެއަށް ދަނޑުވެރިކަމުގެ ސާމާނު ދީފި
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް
ޗައިނާގެ އެފްޓީއޭ އާއި ޑިއުޓީ ދަށްވުމާ ގުޅުމެއް ނެތް
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން
ޗެންގްޑޫގެ ފުރަތަމަ ފްލައިޓުން 180 ޓޫރިސްޓުން
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ރާއްޖެ-ޗައިނާ އިން އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި