Roadha Mihaaru
އޮލިމްޕިކްސް އަށް ދާ ނޫސްވެރިން ޓްރެކްކުރާނެ

އޮލިމްޕިކްސް އަށް ދާ ބޭރުގެ ނޫސްވެރިން ޖީޕީއެސް އިން ޓްރެކްކުރާނެ

09 ޖޫން 2021

އަންނަ މަހު ޖަޕާނުގެ ޓޯކިއޯގައި ފަށާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ކަވަރުކުރަން އެ ގައުމަށް ބޭރުގެ ހައެއްކަ ހާސް ނޫސްވެރިން ދާނެ ކަމަށާއި އެ މީހުންގެ ހަރަކާތްތައް ޖީޕީއެސްގެ އެހީގައި ޓްރެކްކުރާނެ ކަމަށް އޮލިމްޕިކްގެ ކޮމިޓީގެ ރައީސް ސީކޯ ހަޝިމޯޓޯ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ޖަޕާނުގެ ޓޯކިއޯގައި ފަށާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ކަވަރުކުރަން އެ ގައުމަށް ބޭރުގެ ހައެއްކަ ހާސް ނޫސްވެރިން ދާނެ ކަމަށާއި އެ މީހުންގެ ހަރަކާތްތައް ޖީޕީއެސްގެ އެހީގައި ޓްރެކްކުރާނެ ކަމަށް އޮލިމްޕިކްގެ ކޮމިޓީގެ ރައީސް ސީކޯ ހަޝިމޯޓޯ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި އެގްޒެކެޓިވް ބޯޑް މީޓިންގައި އޭނާ ވިދާޅުވީ ވަރަށް ގާތުން ބޭރުގެ ނޫސްވެރިންގެ ހަރަކާތްތައް ބަލަން ނިންމީ ކޮވިޑް-19 ގެ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަަޅެއްގެ ގޮތުން ކަމަށެވެ. ނޫސްވެރިން ތިބޭނީ ވެސް އެ މީހުންނަށް ހާއްސަކޮށްފައިވާ ހޮޓާތަކެއްގައި ކަމަށާއި އެއްވެސް ނޫސްވެރިއަކަށް ޕްރައިވެޓް ހޮޓަލެއްގައި ނުހުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ސީކޯ ވިދާޅުވީ ނޫސްވެރިން މުބާރާތުގެ ރަސްމީ ކަވަރުކުރުންތަކުގެ ބޭރުން އެ މީހުންގެ ހަރަކާތްތައް ވީހާ ވެސް ބޮޑަށް މަދުކޮށް ކޮންޓްރޯލްކުރުމުގެ ގޮތުން ނޫސްވެރިން ބައިތިއްބާ ހޮޓާތަކުގެ އަދަދު ވެސް މިހާރު 350 އިން 150 އެއްހާ ތަނަށް މަދުކޮށްފައިވާ ކަމަށެވެ.

"ބޭނުމަކީ ވީހާ ވެސް ބޮޑަށް އެ މީހުންގެ ހަރަކާތްތައް މޮނިޓާކުރުން. އަހަރެމެން ސައުވޫސް ގަޑިއިރު ނޫސްވެރިންގެ މޫވްމަންޓްތައް ޖީޕިއެސް މެދުވެރިކޮށް ޓްރެކްކުރާނަން،" އޭނާ ވިދާޅުވި އެވެ. "އަދި އުސޫލާ އެއްވެސް ނޫސްވެރިޔަކު ހިލާފުވެއްޖެ ނަމަ ފާސް ކެންސަލްކުރެވޭނެ."

މިދިޔަ އަހަރު ބާއްވަން އުޅުނު ޓޯކިއޯ އޮލިމްޕިކްސް މި އަހަރަށް ފަސްކުރަން ޖެހުނީ ކޮވިޑްގެ ހާލަތާ ހެދި އެވެ. އަދި މި އަހަރު ވެސް މުބާރާތް ބާއްވާނެތޯ ނޫންތޯ ސުވާލު އުފެދިފައި ވަނިކޮށް މުބާރާތް ބާއްވަން އެންމެ ފަހުގެ ތައްޔާރީތައް ވަނީ ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގެ އެންމެ ބޮޑު ތަފާތަކަށް ވާނީ ކުޅިބަލާ މީހުންނާ ނުލައި މުބާރާތުގެ ބޮޑެތި ގިނަ އިވެންޓްތައް ބޭއްވުމެވެ.

އޮލިމްޕިކްސް މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ 23 އިން އޮގަސްޓް މަހުގެ 8 އަށެވެ. އަދި ޕެރަލިމްކްސް ކުރިއަށް ދާނީ އޮގަސްޓް 24 އިން ސެޕްޓެމްބަރު 5 އަށެވެ.

ކޮވިޑްގެ މި ހާލަތުގައި މުބާރާތް ބާއްވާ އިރު ޖަޕާނުން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 700،000 އަށް ވުރެ ގިނަ އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 14،000 އާ ގާތް ކުރެ އެވެ.

އޮލިމްޕިކްސް ބާއްވަން ކުޑަތަންވަމުން އަންނަ އިރު ބައެއް ފަރާތްތަކުން މިހާރު ވެސް ދަނީ މުބާރާތް ކެންސަލްކުރަން ގޮވައިލަމުންނެވެ.