Roadha Mihaaru
ކުއްޖަކަށް އެހީވާން އޮލިމްޕިކް މެޑަލް ވިއްކާލައިފި

ލިބުނު ފުރަތަމަ އޮލިމްޕިކް މެޑަލް، ކުއްޖަކަށް އެހީވާން ވިއްކާލައިފި

20 އޯގަސްޓް 2021

މި މަހު ޖަޕާނުގައި ނިންމާލި އޮލިމްޕިކްސްގައި ޖެވަލިން އިން ރިހި މެޑެލް ހޯދި ޕޮލެންޑްގެ އެތުލީޓް މަރާޔާ އެންޑްރެޒީކްގެ މެޑަލް، ތުއްތު ކުއްޖެއްގެ ހިތުގެ ސާޖަރީއަކަށް ބޭނުންވާ ފައިސާ ހޯދަން ނީލަމެއްގައި ވިއްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހު ޖަޕާނުގައި ނިންމާލި އޮލިމްޕިކްސްގައި ޖެވަލިން އިން ރިހި މެޑެލް ހޯދި ޕޮލެންޑްގެ އެތުލީޓް މަރާޔާ އެންޑްރެޒީކްގެ މެޑަލް، ތުއްތު ކުއްޖެއްގެ ހިތުގެ ސާޖަރީއަކަށް ބޭނުންވާ ފައިސާ ހޯދަން ނީލަމެއްގައި ވިއްކާލައިފި އެވެ.

ވިއްކާލި މި މެޑަލަކީ އޮލިމްޕިކްސްގައި ވާދަކޮށްގެން 25 އަހަރުގެ އެތުލީޓަށް ލިބުނު ފުރަތަމަ އޮލިމްޕިކް މެޑެލް ވެސް މެ އެވެ. މަރާޔާގެ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އޭނާގެ މެޑަލް ނީލަމުގައި ވިއްކާލަން ނިންމީ ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހޭ 8 މަހުގެ ކުއްޖެއްގެ އޮޕަރޭޝަނަށް އެހީވާން ކަމަށެވެ.

"މިކަން އެނގުމާ އެކު ދެވަނަ ވިސްނުމަކަށް ވެސް ނުގޮސް އަހަރެން ނިންމީ މެޑެލް ވިއްކައިގެން ކުއްޖާގެ އޮޕަރޭޝަނަށް އެހީވާން،" މަރާޔާ ބުންޏެވެ. "އެ ކުއްޖާގެ ވާހަކަ އަޑު އިވުނު ހިސާބުން އެންމެ ފުރަތަމަ ވެސް ހިތަށް އެރި އެއްޗަކީ އޮލިމްޕިކް މެޑަލް ވިއްކާލައިގެން އަހަންނަށް އެހީއެއް ވެވިދާނޭ. އެހެންވެ މިކަން ކުރީ ވަރަށް އުފަލާ އެކު."

މިލޯސްޒެކް މަލީޒިއާ ކިޔާ ކުއްޖާގެ މަންމަ މޮނިކާއާ ހަވާލާދީ މީޑިއާތަކުން ބުނީ ކުއްޖާގެ ފުރާނަ ސަލާމަތްކުރެވެން އޮތީ ހިތުގެ އޮޕަރޭޝަނެއްކޮށްގެން ކަމަށާއި އެ އޮޕަރޭޝަން ކުރަން ދާން ޖެހެނީ އެމެރިކާގެ ކެލިފޯނިއާ އަށް ކަމަށެވެ.

ކުއްޖާގެ އޮޕަރޭޝަނަށް އެންމެ މަދުވެގެން ވެސް 383،000 ޑޮލަރު ބޭނުންވެ އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މިހާރު ހަމަޖެހިފައިވާ އިރު، މަރާޔާގެ މެޑެލް 51،000 ޑޮލަރަށް ވިއްކާލަން އިއުލާންކުރުމާ އެކު، އެއަށް ވަނީ 125،000 ޑޮލަރު ލިބިފަ އެވެ. ނީލަމުގައި މެޑެލް ކާމިޔާބުކުރީ ޕޮލެންޑްގެ ސުޕަމާކެޓް ޗެއިން، ޒަބްކާއިންނެވެ.

ޒަބްކާ އިން ބުނީ މެޑެލް ގަތް ނަމަވެސް އޭގެ ހަގީގީ ހައްގުވެރިޔަކީ މަރާޔާ ކަމަށާއި މަރާޔާއާ މެޑަލް ހަވާލުކުރާނެ ކަމަށެވެ.