Roadha Mihaaru
އޮލިމްޕިކްސް އަށް ކަރުދާސް އެނދު

އޮލިމްޕިކްސް އަށް ކަރުދާސް އެނދު

11 ޖެނުއަރީ 2020

މި އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކްސް އާއި ޕެރައޮލިމްޕިކްސްގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހާއްސަކޮށްގެން ކާޑްބޯޑުން ތައްޔާރުކޮށްފައިވާ އެނދުތައް ބޭނުންކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކްސް އާއި ޕެރައޮލިމްޕިކްސްގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހާއްސަކޮށްގެން ކާޑްބޯޑުން ތައްޔާރުކޮށްފައިވާ އެނދުތައް ބޭނުންކުރަން ނިންމައިފި އެވެ.

ޓޯކިއޯގައި ބާއްވާ އޮލިމްޕިކްސް އަށް ޖަޕާނުން ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން އިންތިޒާމު ކޮމޓީން ބުނިގޮތުގައި ތިމާވެއްޓާ ރައްޓެހި އެނދުތައް ބޭނުންކުރުމުގެ ގޮތުން ކާޑްބޯޑުން ތައްޔާރުކޮށްފައިވާ 18،000 އެނދު އޮލިމްޕިކްސް އަށް އަދި 8،000 އެނދު ޕެރައޮލިމްޕިކްސްގެ އެތުލީޓުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކަމަށެވެ. ދިގުމިނުގައި 2.10 މީޓަރު ހުންނަ އެނދުތަކުގައި 200 ކިލޯގެ ބަރުދަން ހިފަހައްޓާނެ އެވެ.

މި އެނދުތަކުގެ ގޮދަޑި ތައްޔާރުކޮށްފައި ވަނީ ޕޮލިތީންގެ މާއްދާއަކުންނެވެ. އަދި އޮލިމްޕިކަށް ފަހު، އެ ގޮދަޑިތައް ރިސައިކަލްކުރަން ވަނީ ނިންމައިފަ އެވެ. މި އެނދުތަކުގައި "ޓޯކިއޯ 2020" ޖަހާފައިވާ ނޫކުލައިގެ ތިން ޝޭޑަކާއި ހުދު ކުލަ ހިމެނޭ ބްލޭންޓް ވެސް ހިމެނޭނެ އެވެ.

އިންތިޒާމު ކޮމިޓީން ބުނާގޮތުގައި ކަރުދާހުން ތައްޔާރުކޮށްފައިވާ އެނދުތަކަކަކީ ނިދާލަން އަރާމު، މެނޭޖްކުރަން ފަސޭހަ އެނދުތަކަކަށް ވާނެ އެވެ.

އޮލިމްޕިކަށް ޖަޕާނުން ވަރަށް ބޮޑެތި ތައްޔާރީތައް ވަމުން އަންނަ އިރު، ތިވާވެއްޓާ ރައްޓެހި ގޮތްގޮތަށް ކަންކަން ކުރަން ދެވޭ އިސްކަން ބޮޑެވެ. އެގޮތުން މި ފަހަރުގެ މެޑެލްތައް އިލެކްޓްރޯނިކް ކުނިބުނި ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާ އިރު، އޮލްޕިކް ޓޯޗް ތައްޔާރުކޮށްފައި ވަނީ އެލުމިނަމްގެ ކުނިބުނިންނެވެ. އަދި މޔުބާރާތުގެ އެކިއެކި އިވެންޓްތަކުގައި ބަހައްޓާ ޕޯޑިއަމްތައް ކަނޑަށް އުކާލައިފައި ހުންނަ އެކި ބާވްތަތްކުގެ ޕްލާސްޓިކް ކުނިން ތައްޔާރުކޮށްފައިވާ އިރު، މުބާރާތުގެ ތެރޭގައި ބޭނުންކުރާ ކަރަންޓަކީ އިޔާދަކުރަނިވި ހަކަތަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަށް ދާ މުސްލިމު އެތުލީޓުންނާއި ކުޅިބަލަން ދާ މީހުންނަށް ހާއްސަކޮށްގެން ޖަޕާނުން ވަނީ މޮބައިލް މިސްކިތްތަކެއް ވެސް ތައްޔާރުކޮށް، މިދިޔަ އަހަރު ދައްކާލައިފަ އެވެ.

މި އަހަރުގެ އޮލިމްޕިކްސް ކުރިއަށްދާނީ ޖުލައި މަހުގެ 24 އިން އޮގަސްޓް 9 އަށެވެ. އަދި ޕެރައޮލިމްޕިކްސް ބާއްވާނީ އޮގަސްޓް 25 އިން ސެޕްޓެމްބަރު 6 އަށެވެ.