Roadha Mihaaru
ޖަޕާން އެއާލައިންސުން 50،000 ޓިކެޓް ހިލޭ ދެނީ

އޮލިމްޕިކް ގޭމްސްއާ ދިމާކޮށް ޖަޕާން އެއާލައިންސުން 50،000 ޓިކެޓް ހިލޭ ދެނީ

31 ޑިސެމްބަރ 2019

އަންނަ އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކް ގޭމްސްއާ ދިމާކޮށް އެ ގައުމަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ޖަޕާން އެއާލައިންސުން 50،000 ޓިކެޓް ހިލޭ ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކް ގޭމްސްއާ ދިމާކޮށް އެ ގައުމަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ޖަޕާން އެއާލައިންސުން 50،000 ޓިކެޓް ހިލޭ ދޭން ނިންމައިފި އެވެ.

އެގޮތަށް ނިންމީ ޓޫރިސްޓުން އާންމުކޮށް ޒިޔާރަތް ނުކުރާ ޖަޕާނުގެ ތަންތަނަށް ދިއުމުގެ ޝައުގުވެރިކަން ވެސް އުފެއްދައި، އެ ތަންތަން މަޝްހޫރު ކުރުމަށެވެ. އަދި ޖަޕާނަށް ޓޫރިސްޓުން ޒިޔާރަތް ކުރާ މިންވަރު އިތުރު ކުރުމަކީ ވެސް އޭގެ ބޭނުމެކެވެ.

ޖަޕާނުގެ ޓުއަރިޒަމް އެޖެންސީ އާއި ޖަޕާން ނޭޝަނަލް ޓުއަރިޒަމް އޮގަނައިޒޭޝްގެ ބައިވެރިވުމާ އެކު، ޖަޕާން އެއާލައިންސުން ދޭން ނިންމާފައިވާ ހިލޭ ޓިކެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް އަންނަ ޖެނުއަރީ މަހު އާންމު ކުރަން ވަނީ ނިންމައިފަ އެވެ.

ޖަޕާން އެއާލައިންސުން ބުނިގޮތުގައި، ހިލޭ ދޫކުރާ ޓިކެޓްތަކުގައި ދަތުރު ކުރެވޭނީ އަންނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދޭތެރޭ، ޓޯކިއާ ހަނޭޑާ އެއާޕޯޓާއި އޮސާކާ އެއާޕޯޓުން ދަތުރުތައް ކުރާ މަންޒިލްތަކަށެވެ. އެގޮތުން މައިގަނޑު ހަތަރު ސަރަހެއްދެއް ކަނޑައަޅާފައިވީ ނަމަވެސް ޓިކެޓް ލިބޭ މީހުންނަށް، ދަތުރުކުރުމުގެ ތިން ދުވަސް ކުރިން ނޫނީ އެ މީހުން ގެންދަން ނިންމާ ސަރަހައްދުތަކެއް ނޭނގޭނެ އެވެ.

ޓިކެޓަށް އެދި ހުށަހަޅާ މީހުން، ޖަޕާން އެއާލައިންސުން ހުޅުވައިލާ ލޯޔަލްޓީ ޕްރޮގްރާމްގައި ރަޖިސްޓަރީ ވާން ވެސް ޖެހޭނެ އެވެ.

ޖަޕާނުގައި އަންނަ އަހަރުގެ އޮލިމްޕިކްސް ކުރިއަށް ގެންދާނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ. އަދި ޕެރައޮލިމްޕިކްސް އޮންނާނީ އޮގަސްޓް 25 އިން ސެޕްޓެމްބަރު 6 އަށެވެ.