Roadha Mihaaru
އޮލިމްޕިކްސް އެތުލީޓުންނަށް ސެމްސަންގުން ފޯނެއް

އޮލިމްޕިކްސް އެތުލީޓުންނަށް ސެމްސަންގުން ދޭ ހަދިޔާ ޕެކްގައި ފޯނެއް

27 ޖުލައި 2021

މިދިޔަ ހުކުރު ދުވަހު ޖަޕާނުގެ ޓޯކިއޯގައި ފެށި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ވާދަކުރާ އެތުލީޓުންނަށް ސެމްސަންގް ކުންފުނިން ހާއްސަ ހަދިޔާ ޕެކެއް ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހުކުރު ދުވަހު ޖަޕާނުގެ ޓޯކިއޯގައި ފެށި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ވާދަކުރާ އެތުލީޓުންނަށް ސެމްސަންގް ކުންފުނިން ހާއްސަ ހަދިޔާ ޕެކެއް ދޭން ފަށައިފި އެވެ.

ހަދިޔާ ލިބުނު ބައެއް އެތުލީޓުން އެ ޕެކްގައި ހުރި އެއްޗެހި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައްކާލާފައިވެ އެވެ.

ހަދިޔާ ޕެކްގައި ހިމެނޭ ތަކެތީގެ ތެރޭގައި އޮލިމްޕިކްސް އަށް ހާއްސަކޮށް އެ މުބާރާތުގެ ލޯގޯ ޖަހައިގެން އުފެއްދި އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު ގެލެކްސީ އެސް21 ގެ ހާއްސަ އެޑިޝަންގެ ފޯނަކާއި ވަޔަލެސް ގެލެކްސީ ބަޑްސް ޕްރޯއްކާއި ޗާޖް ކޭހަކާއި އޮލިމްޕިކް ތީމަށް ތައްޔާރުކޮށްފައިވާ ހަނދާނީ ގަލަމެއް ހިމެނެ އެވެ.

ހާއްސަ ހަދިޔާ ޕެކްގެ ވާހަކަ ސެމްސަންގްގެ ވެބްސައިޓްގައި ވެސް ހިމަނާފައިވާ އިރު އޭގައި ބުނީ އޮލިމްޕިކާއި ޕެރަލިމްޕިކްސްގައި ވެސް ވާދަކުރާ އެތުލީޓުންނަށް ވެސް ހަދިޔާ ދޭނެ ކަމަށެވެ. އަންނަ މަހުގެ 8 އާ ހަމައަށް އޮލިމްޕިކްސް ކުރިއަށް ގެންދިއުމަށް ފަހު ޕެރަލިމްޕިކްސް ބާއްވާނީ އަންނަ މަހުގެ 24 އިން ސެޕްޓެމްބަރު 5 އަށެވެ.

ސެމްސަންގްގެ އައިއޯސީ ޓެލެވިޒަން އަދި މާކެޓިން ސާވިސެސްގެ މެނޭޖިން ޑިރެކްޓަރު ޓިމޯ ލުމީ ވިދާޅުވީ އެތުލީޓުންނަށް ދޭ ހާއްސަ ހަދިޔާ އަކީ މުބާރާތުގެ ތެރޭގައި ވެސް އެ މީހުން އާއިލާތަކާއި ރައްޓެހިންނާ އޮންނަ ގުޅިން ބަދަހިކޮށް ދިނުމުގެ ގޮތުން ދޭ އެއްޗެއް ކަމަށެވެ.

"ހަމައާ އެކު މިއީ އެތުލީޓުންގެ ރައްކާތެރިކަމަށް ވެސް ދެވޭ ހަދިޔާއެއް،" އޮލިމްޕިކްސްގެ ސްޕޮންސަރެއްގެ ގޮތުގައި ވެސް ބައިވެރިވާ ކުންފުނީގެ ހަދިޔާއާ ބެހޭ ގޮތުން ޓިމޯ ވިދާޅުވި އެވެ.

އޮލިމްޕިކް މުބާރާތާ ދިމާކޮށް އެޕަލް ކުންފުނިން ވެސް ގައުމުތަކުގެ ދިދަތަކުގެ ކުލަތަކާ އެކު އެޕަލް ގަޑީގެ ބޭންޑްތަކެއް ނެރެފައިވެ އެވެ.