Roadha Mihaaru
ބަޣާވާތާ ގުޅިގެން ގުލަންގެ ކޮއްކޮއެއް ހައްޔަރުކޮށްފި

ބަޣާވާތާ ގުޅިގެން ގުލަންގެ ކޮއްކޮއެއް ތުރުކީން ހައްޔަރުކޮށްފި

03 އޮކްޓޯބަރ 2016

އަންކަރާ (އޮކްޓޯބަރު 2) - ތުރުކީ އަށް ޖުލައި މަހު ގެންނަން އުޅުނު ބަޣާވާތުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ފަތުހުﷲ ގުލަންގެ ކޮއްކޮއެއް ތުރުކީ ފުލުހުން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކަރާ (އޮކްޓޯބަރު 2) - ތުރުކީ އަށް ޖުލައި މަހު ގެންނަން އުޅުނު ބަޣާވާތުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ފަތުހުﷲ ގުލަންގެ ކޮއްކޮއެއް ތުރުކީ ފުލުހުން ހައްޔަރުކޮށްފި އެވެ.

ރަސްމީ ނޫސް އެޖެންސީ އޮނަދޮލޫ އިން ބުނީ ކުތުބެތިން ގުލަން އަކީ ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅަނގުގެ އިޒްމީރް ޕްރޮވިންސްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ބަޣާވާތާ ގުޅޭ ޝަރީއަތަށް ގުލަން ހާޒިރު ކުރުމަށް ތުރުކީން ދަނީ ވަރަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު އެމެރިކާގައި ދިރިއުޅޭ ގުލަން ވިދާޅުވެފައި ވަނީ ބަޣާވާތާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެމެރިކާ އިން އޭނާ ތުރުކީ އަށް ގެންދަން ކުރާ މަސައްކަތާ ދެކޮޅު ހަދާނެ ކަމަށެވެ.

ހުއްރިއްޔަތު ނޫހުން ބުނީ ހައްޔަރުކުރި ކުތުބެތިން ދާދި ފަހުން ތުރުކީ އަށް ދިޔައީ ގައުމުން ބޭރުގައި ދުވަސްކޮޅަކު އުޅުމަށް ފަހު ކަމަށެވެ. އޭނާ ހައްޔަރުކުރުމުގެ ތެރޭގައި ގުލަންއާ ގުޅޭ ބައެއް ފޮތްތައް ފުލުހުން ހޯދި ކަމަށް ވެސް ނޫހުން ބުންޏެވެ.

ބަޣާވާތަށް ފަހު ގުލަންއާ ގުޅުން ހުރި މީހުން ހޯދުމަށް ތުރުކީގައި ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގައިފަ އެވެ. ސަރުކާރުގެ އެކި މުވައްސަސާތަކުން ވަނީ އެތައް ހާސް ބަޔަކު ކަނޑާލައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ބަޣާވާތާ ގުޅިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަޅުއްވާ ފިޔަވަޅުތަކަކީ އިދިކޮޅު ފަރާތްތަކަށް ބިރުދައްކާ އެ މީހުން މައިތިރި ކުރަން ކުރާ ކަންތައް ކަމަށެވެ.

މިދިޔަ ޖުލައި މަހާއި އޮގަސްޓް މަހު ވެސް ވަނީ ގުލަންގެ ތިމާގެ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފަ އެވެ.