Roadha Mihaaru
ތުރުކީގައި 82000 މުވައްޒަފުންނަށް ފިޔަވަޅު އަޅައިފި

ތުރުކީގެ ބަޣާވާތާ ގުޅިގެން 82،000 މުވައްޒަފުންނަށް ފިޔަވަޅު އަޅައިފި

14 އޯގަސްޓް 2016

އަންކާރާ (އޮގަސްޓް 14) - ތުރުކީ އަށް މިދިޔަ މަހު ގެންނަން އުޅުނު ބަޣާވާތަށް ފަހު މިހާތަނަށް 82،000 މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (އޮގަސްޓް 14) - ތުރުކީ އަށް މިދިޔަ މަހު ގެންނަން އުޅުނު ބަޣާވާތަށް ފަހު މިހާތަނަށް 82،000 މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވެއްޖެ އެވެ.

ޖުލައި 15 ވަނަ ދުވަހު ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން ސަރުކާރުގެ 5،000 މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. މީގެ ތެރޭގައި ސިފައިންގެ ތެރޭން ވަކިކުރި 3،000 މީހުން ވެސް ހިމެނެ އެވެ. އަދި 77،000 މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.

ފިޔަވަޅު އެޅި އެންމެންނަކީ އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލަންއާ ގުޅުން އޮންނަ މީހުން ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ. އެއް ދުވަސްވަރެއްގައި ރައީސް އުރުދުޣާންއާ ވަރަށް ގާތް ގުޅުމެއް އޮތް ގުލަން އެމެރިކާގެ ޕެންސިލްވޭނިއާގައި ދިރިއުޅެނީ އަމިއްލަ އަށް އަރުވާލެވިގެންނެވެ. އެމެރިކާގައި ދިރިއުޅުނު ނަމަވެސް ގުލަން ދަނީ ސްކޫލްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަމުންނެވެ. ތުރުކީ އަށް 1997 ވަނަ އަހަރަށް ފަހު ގެނައި ބަޣާވާތާ ގުޅުމެއް ނޯންނާ ކަމަށް ގުލަން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ނައިބް ރައީސް ޖޯ ބައިޑަން ތުރުކީ އަށް ވަޑައިގެންނަވާނެކަން އިއުލާންކުރުމާ އެކު އަންކާރާ އިން އަނެއްކާ ވެސް ވަނީ ގުލަން އަނބުރާ ފޮނުވައިދިނުމަށް އެދިފަ އެވެ. ޔިލްދިރިމް ވެސް ވިދާޅުވެފައި ވަނީ ތުރުކީ އާއި އެމެރިކާގެ ގުޅުން ރަނގަޅުވުން ބިނާވާނީ ވެސް ގުލަން ފޮނުވައިދިނުމުގެ މައްޗަށް ކަމަށެވެ. ބައިޑަން ތުރުކީ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހު 24 ގަ އެވެ.

އަނެއްކޮޅުން އިސްތަންބޫލްގެ ޗީފް ޕްރޮސެކިއުޓާ އޮފީހުން މިހާރު ވަނީ ގުލަން ހައްޔަރުކޮށް ދިނުމަށް އެދި އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރޮއިޓާސް ނޫސް އެޖެންސީން ބުންޏެވެ.