Roadha Mihaaru
ތުރުކީގެ ތިން ކޯޓަށް ފުލުހުން ވަދެގެންފި

ތުރުކީގެ ތިން ކޯޓަށް ފުލުހުން ވަދެގެންފި

15 އޯގަސްޓް 2016

އަންކާރާ (އޮގަސްޓް 15) - ތުރުކީ އަށް މިދިޔަ މަހު ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން ތުހުމަތު ކުރެވޭ 170 މީހުން ހޯދުމަށް އިސްތަންބޫލްގެ މުހިންމު ތިން ކޯޓަކަށް ފުލުހުން މިއަދު ވަދެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (އޮގަސްޓް 15) - ތުރުކީ އަށް މިދިޔަ މަހު ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން ތުހުމަތު ކުރެވޭ 170 މީހުން ހޯދުމަށް އިސްތަންބޫލްގެ މުހިންމު ތިން ކޯޓަކަށް ފުލުހުން މިއަދު ވަދެފި އެވެ.

ޑޮގާން ނިއުސް އެޖެންސީން ބުނީ އިސްތަންބޫލްގެ ކަގްލަޔާން ކޯޓާއި ގަޒިއޮސްމަންޕަސާ ކޯޓާއި ބަކިރްކޯއި ކޯޓަށް، ކޯޓު އަމުރެއްގެ ދަށުން ވަނީ 173 ޕްރޮސެކިއުޓަރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އެހެން ބައެއް ސްޓާފުން ހައްޔަރު ކުރަން ކަމަށެވެ. ތުހުމަތު ކުރެވޭ މި އެންމެންނަކީ ވެސް ޖުލައި 15 ވަނަ ދުވަހު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގެ އަޑީގައި ހުރި ކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އެންމެ ބޮޑަށް ތުހުމަތު ކުރައްވާ ފަތުހުﷲ ގުލަންއާ ގުޅުން އޮތް މީހުންނެވެ. ކޯޓަށް ވަދެ ފުލުހުން ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ.

ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން މިހާތަނަށް 82،000 މީހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވަނީ ވިދާޅުވެފަ އެވެ. ބަޣާވާތާ ގުޅިގެން ސަރުކާރުގެ 5،000 މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. މީގެ ތެރޭގައި ސިފައިންގެ ތެރޭން ވަކިކުރި 3،000 މީހުން ވެސް ހިމެނެ އެވެ. އަދި 77،000 މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ. ހައްޔަރުކުރި މީހުންގެ އަދަދު 35،000 އަށް އަރަ އެވެ. ނަމަވެސް އޭގެ ފަހުން 11،597 މީހުން ވަނީ ދޫކޮށްލައިފަ އެވެ.

ރައީސް އުރުދުޣާން ވިދާޅުވެފައި ވަނީ ގުލަންއާ ގުޅުން ހުރި ހުރިހާ ވައިރަހެއް ހުރިހާ ދާއިރާއަކުން ވެސް ފުހެލާނެ ކަމަށެވެ. އެކަމަކު އަނެއް ބަޔަކު ބުނަނީ ބަޣާވާތަށް ފަހު އަޅަމުންދާ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ވަކި ބަޔަކަށް ކަމަށެވެ.

ތުރުކީގެ އިރުމަތީގެ އެރްޒުރުމް ޕްރޮވިންސްގެ ކުރީގެ ޕްރޮސެކިއުޓާ އަކްރަމް ބެޔަޒްޓާސް ސީރިއާ އަށް އެތެރެވާން އުޅެނިކޮށް ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.