Roadha Mihaaru
ތުރުކީގައި 50،000 މީހުންނާ މެދު ފިޔަވަޅު އަޅައިފި

ބަޣާވާތަށް ފަހު ތުރުކީން 50،000 މީހުންނާ މެދު ފިޔަވަޅު އަޅައިފި

20 ޖުލައި 2016

އަންކަރާ (ޖުލައި 20) - ތުރުކީ އަށް ގެނައި ނާކާމިޔާބު ބަޣާވާތަށް ފަހު މިހާތަނަށް 50،000 މީހުން ހައްޔަރުކޮށް، ވަޒީފާ އިން ވަކިކޮށް އަދި ސަސްޕެންޑްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކަރާ (ޖުލައި 20) - ތުރުކީ އަށް ގެނައި ނާކާމިޔާބު ބަޣާވާތަށް ފަހު މިހާތަނަށް 50،000 މީހުން ހައްޔަރުކޮށް، ވަޒީފާ އިން ވަކިކޮށް އަދި ސަސްޕެންޑްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބަޣާވާތަށް ފަހު ގައުމުގެ އެކި މުއައްސަސާތައް ސާފު ކުރަން ހިންގާ އޮޕަރޭޝަނުގައި އިއްޔެ ވަނީ ޓީޗަރުންނާއި ޔުނިވާސިޓީ ޑީން އާއި މީޑިއާތަކުން ވެސް މީހުން ވަކިކޮށްފަ އެވެ. ސަރުކާރުން ބުނީ ފިޔަވަޅު އަޅާފައި ވާނީ އެމެރިކާ އަށް އަމިއްލަ އަށް އަރުވާލެއްވިގެން އުޅުއްވާ ފަތުހުﷲ ގުލާންއާ ގުޅުން އޮންނަ މީހުންނަށް ކަމަށެވެ. ބަޣާވާތުގެ ފަހަތުގައި ވަނީ ގުލާން ކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ގުލާން ވަނީ ތުރުކީގެ ބަޣާވާތް ކުށްވެރި ކުރައްވާ އޭނާއާ ބަޣާވާތާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ތުރުކީގެ ބޮޑު ވަޒީރު ބިނާލް ޔިލްދިރިމް ވިދާޅުވީ ގުލާން ހިންގަވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ.

"އެ ހުރިހާ އެއްޗެއް މުލުން ލުހެލާނަން،" ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އިލްދިރިމް ވިދާޅުވި އެވެ.

ބަޣާވާތަށް ފަހު ރައީސް އުރުދުޣާން އަށް ތާއީދު އޮތްކަން ތުރުކީގެ އެކި ސިޓީތަކުގައި އަދިވެސް ދަނީ ހާމަކުރަމުން. --ފޮޓޯ:ބީބީސީ

ބަޣާވާތަށް ފަހު ރައީސް އުރުދުޣާން އަށް ތާއީދު އޮތްކަން ތުރުކީގެ އެކި ސިޓީތަކުގައި އަދިވެސް ދަނީ ހާމަކުރަމުން. --ފޮޓޯ:ބީބީސީ

އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ އުރުދުޣާން ފޯނުން އިއްޔެ ވާހަކަ ދައްކަވަމުން ވެސް ވަނީ ގުލާން އަނބުރާ ތުރުކީ އަށް ފޮނުވައި ދިނުމަށް އެދިވަޑައިގެންފަ އެވެ. ވައިޓްހައުސްގެ ތަރުޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ގުލާން ފޮނުވާލުމާ މެދު ގޮތެއް ނިންމާނީ ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ މުއާހަދާތަކަށް ބެލުމަށް ފަހު ކަމަށެވެ.

ތުރުކީ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ގުލާންއާ ދެކޮޅަށް ހުރި ހެކިތަކަށް ވުރެ ބޮޑަށް އޭނާއާ މެދު ކުރެވޭ ތުހުމަތަށް ބެލުމަށް ފަހު ގުލާން އަނބުރާ ތުރުކީ އަށް ފޮނުވަން ޖެހޭ ކަމަށެވެ.

"ބަޣާވާތުގައި ގުލާން ބައިވެރިވި ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ. މިއީ އޭނާ ފޮނުވާލަން އެކަށީގެންވާ ހެއްކެއް،" ސަރުކާރުގެ ތަރުޖަމާން އިބްރާހިމް ކާލިން ވިދާޅުވި އެވެ.

ގުލާން ނެރުއްވި ބަޔާނެއްގައި ވަނީ ސިޔާސީ ބޭނުމަށް އޭނާ ތުރުކީއާ ހަވާލު ނުކުރުމަށް އެމެރިކާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.

ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގައި ސިފައިންގެ އިމާރާތަކަށް ގެއްލުން ލިބިފައި. --ފޮޓޯ:ބީބީސީ

ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގައި ސިފައިންގެ އިމާރާތަކަށް ގެއްލުން ލިބިފައި. --ފޮޓޯ:ބީބީސީ

ބަޣާވާތަށް ފަހު އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މިހާތަނަށް ވަނީ 15،200 ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފަ އެވެ. ޔުނިވާސިޓީތަކުގެ 1،577 ޑީނުން އިސްތިއުފާ ދިނުމަށް ވަނީ އަންގައިފަ އެވެ. ދާޚިލީ ވުޒާރާ އިން ވަނީ 8،777 މީހުން ކަނޑާލައިފަ އެވެ. މާލީ ވުޒާރާ އިން ވެސް ވަނީ 1،500 މީހުން ކަނޑާލައިފަ އެވެ. އަދި ބޮޑު ވަޒީރުގެ އޮފީހުން ވަނީ 257 މީހުން ވަޒީފާ އިން ވަކިކޮށްފަ އެވެ.

ތުރުކީގެ މީޑިއާތައް ރެގިއުލޭޓް ކުރާ އެޖެންސީން ވަނީ 24 ރޭޑިއޯއަކާއި ޓީވީ ޗެނަލެއްގެ ހުއްދަ ބާތިލްކޮށްފަ އެވެ. މި ހުރިހާ ތަންތަނަކީ ވެސް ގުލާންއާ ގުޅުން އޮންނަ މީޑިއާތަކެވެ.

ވަޒީފާ އިން ވަކިކުރި މީހުންގެ ތެރޭގައި ސިފައިންގެ ތެރޭން 6،000 މީހުންނާއި ފުލުހުންގެ ތެރޭން 9،000 މީހުން ހިމެނެ އެވެ. އަދި ގާތްގަނޑަކަށް 3،000 ފަނޑިޔާރުން ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

މިހާތަނަށް ވަނީ 15،200 ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައި. ޔުނިވާސިޓީތަކުގެ 1،577 ޑީނުން އިސްތިއުފާ ދިނުމަށް ވަނީ އަންގައިފައި. ދާޚިލީ ވުޒާރާ އިން ވަނީ 8،777 މީހުން ކަނޑާލައިފައި. މާލީ ވުޒާރާ އިން ވެސް ވަނީ 1،500 މީހުން ކަނޑާލައިފައި. އަދި ބޮޑު ވަޒީރުގެ އޮފީހުން ވަނީ 257 މީހުން ވަޒީފާ އިން ވަކިކޮށްފައި.

ބަޣާވާތަށް ފަހު ތުރުކީން ގިނަ ބަޔަކާ މެދު ފިޔަވަޅު އަޅަމުންދާތީ ޔޫރަޕުގެ ބައެއް ގައުމުތަކުންނާއި އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޔޫރަޕިއަން ޕާލަމެންޓުގެ ރައީސް މާޓިން ޝުލްޒް ވިދާޅުވީ ތުރުކީން ދަނީ އިދިކޮޅު ފަރާތްތަކުގެ ކިބައިން ބަދަލު ހިފަމުން ކަމަށެވެ. އަދި ތުރުކީން މަރުގެ އަދަބު ދޭން އަލުން ފެށުމަކީ އެ ޖަމާއަތުގައި ބައިވެރިވުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށް އީޔޫ އިން ބުނެފި އެވެ.

ހުކުރު ދުވަހު ރޭގެ ބަޣާވާތުގައި ތުރުކީން ވަނީ 232 މީހުން މަރުވެ 1،541 މީހުން ޒަޚަމްވެފަ އެވެ.