Roadha Mihaaru
ތުރުކީގެ ބަޣާވާތުގައި ބައިވެރިވީ 9،000 ސިފައިން

ތުރުކީގެ ބަޣާވާތުގައި ބައިވެރިވީ 9،000 ވަރަކަށް ސިފައިން

29 ޖުލައި 2016

އަންކާރާ (ޖުލައި 29) - ތުރުކީ އަށް މި މަހު 15 ވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތުގައި ބައިވެރިވީ 8،651 ސިފައިން ކަމަށާއި މިއީ ގައުމުގެ ސިފައިންގެ ލަޝްކަރުގެ އެންމެ 1.5 ޕަސެންޓް ކަމަށް ތުރުކީ ސަރުކާރުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ޖުލައި 29) - ތުރުކީ އަށް މި މަހު 15 ވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތުގައި ބައިވެރިވީ 8،651 ސިފައިން ކަމަށާއި މިއީ ގައުމުގެ ސިފައިންގެ ލަޝްކަރުގެ އެންމެ 1.5 ޕަސެންޓް ކަމަށް ތުރުކީ ސަރުކާރުން ބުނެފި އެވެ.

ބަޣާވާތް ކުރި ސިފައިން 35 މަތިންދާ ބޯޓާއި 37 ހެލިކޮޕްޓަރާއި 74 ޓޭންކާއި ތިން މަނަވަރު ގެންގުޅުނު ކަމަށް ވެސް ތުރުކީގެ އަސްކަރިއްޔާ އިން ބުންޏެވެ. ބަޣާވާތުގައި ބައިވެރިވި ސިފައިންގެ ތެރޭގައި 1،676 ނޮން-ކޮމިޝަންގެ ސިފައިންނާއި 1،214 އަސްކަރީ ދަރިވަރުން ވެސް ބައިވެރިވި ކަމަށް ސިފައިން ބުންޏެވެ.

ބަޣާވާތަށް ފަހު ތުރުކީގައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މިހާރު ވަނީ 47 ނޫސްވެރިން ހައްޔަރު ކުރުމަށް އަމުރު ނެރެފަ އެވެ. އޭގެ ކުރިން ވަނީ 42 ނޫސްވެރިން ހައްޔަރު ކުރަން އަމުރު ނެރެފަ އެވެ. އެނެމް ފަހުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ މިހާރު ސަރުކާރުން ކޮންޓްރޯލް ނަގާފައިވާ ޒަމާން ނޫހާ ގުޅުން އޮންނަ ނޫސްވެރިންނެވެ.

ބަޣާވާތަށް ފަހު ވަރަށް ގިނަ ނޫސްތަކާއި ރޭޑިއޯ އަދި ޓީވީ ސްޓޭޝަންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. މި ގޮތުން މިހާތަނަށް ވަނީ 131 މީޑިއާ ބަންދުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 16 ޓީވީ ސްޓޭޝަނާއި ތިން ނިއުސް އެޖެންސީ އާއި 23 ރޭޑިއޯ ސްޓޭޝަނާއި 45 ނޫހާއި 15 މަޖައްލާ އަދި 29 ޗާޕޫޚާނާ ހިމެނެ އެވެ. ތުރުކީ ސަރުކާރުން ބުނީ ބަންދުކުރީ އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލާންއާ ގުޅުން އޮންނަ ތަންތަން ކަމަށެވެ.

މި މަހު 15 ދުވަހު ތުރުކީ އަށް ގެންނަން އުޅުނު ބާޣާވާތަށް ފަހު ވަރަށް ގިނަ މީޑިއާތައް ވަނީ ބަންދުކޮށްފައި. --ފޮޓޯ:އޭއެފްޕީ

މި މަހު 15 ދުވަހު ތުރުކީ އަށް ގެންނަން އުޅުނު ބާޣާވާތަށް ފަހު ވަރަށް ގިނަ މީޑިއާތައް ވަނީ ބަންދުކޮށްފައި. --ފޮޓޯ:އޭއެފްޕީ

މިހާތަނަށް ވަނީ 16،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އަދި ބައިލައްކައެއްހާ މީހުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ސްކޫލްތަކުގެ ޓީޗަރުންނާއި ޔުނިވާސިޓީތަކުގެ ވެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި ފަނޑިޔާރުން ވެސް ހިމެނެ އެވެ. ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނީ ސަރުކާރުގެ ހުރިހާ އޮފީހަކުން ވެސް ބަޣާވާތް ކުރަން މެދުވެރިވި ވައިރަސް ފުހެލާނެ ކަމަށެވެ.

ތުރުކީގައި މިހާރު ވަނީ ތިން މަސް ދުވަހަށް ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. މި މުއްދަތުގައި އަސާސީ މިނިވަން ކަމާއި ބައެއް ހައްގުތައް ހިފެހެއްޓުމުގެ ބާރު ރައީސް އާއި ކެބިނެޓަށް ލިބިގެންވެ އެވެ. އަދި ޕާލަމެންޓަށް ހުށަހެޅުމުގެ ބަދަލުގައި ބައެއް ގާނޫނުތައް ޑްރާފްޓްކޮށް އަމަލު ކުރުމުގެ ބާރު ވެސް ސަރުކާރަށް ލިބިގެންނެވެ.

ބަޣާވާތަށް ފަހު ތުރުކީގައި އަޅަމުންދާ ފިޔަވަޅުތަކަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައި ވަނީ ބަންދުކޮށްފައިވާ މީހުންނަށް އަނިޔާކޮށް ރޭޕު ކުރަމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.