Roadha Mihaaru
ސިފައިންގެ ބާރު އުރުދުޣާނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

ސިފައިންގެ ބާރު އުރުދުޣާނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

31 ޖުލައި 2016

އަންކާރާ (ޖުލައި 31) - ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ އާއި ސިފައިންގެ ވެރިޔާގެ ބާރު ސީދާ ރައީސްގެ އަތްދަށުގައި އޮންނަ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ބޭނުންވާ ކަމަށް ރައީސް ރަޖަބު ތައްޔިތު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ޖުލައި 31) - ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ އާއި ސިފައިންގެ ވެރިޔާގެ ބާރު ސީދާ ރައީސްގެ އަތްދަށުގައި އޮންނަ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ބޭނުންވާ ކަމަށް ރައީސް ރަޖަބު ތައްޔިތު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

މި މަހު 15 ވަނަ ދުވަހު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން ވަނީ 19،000 މީހުން ހައްޔަރު ކޮށްފަ އެވެ. ބަޣާވާތަށް ފަހު ސިފައިންގެ ޖެނެރަލުންގެ 40 ޕަސެންޓް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ސަރުކާރުގެ އެކި ވަޒީފާތަކުން ވަނީ 66،000 މީހުން ވަކިކޮށްފަ އެވެ. އަދި 50،000 ޕާސްޕޯޓް ވަނީ ކެންސަލްކޮށްފަ އެވެ. މީގެ އިތުރުން 142 މީޑިއާ ވަނީ ބަންދުކޮށްފަ އެވެ. ތުރުކީގައި މިހާރު ވަނީ ތިން މަސް ދުވަހަށް ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.

އުރުދުޣާން ހުށަހަޅުއްވާ އިސްލާހު ގާނޫނު އަސާސީ އަށް ގެނެވޭނީ އިދިކޮޅު ފަރާތްތަކުގެ ވެސް ތާއީދާ އެކު އެވެ. ތުރުކީ ގާނޫނު އަސާސީ ބަދަލު ކުރެވޭނީ ޕާލަމެންޓުގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުންނެވެ.

އުރުދުޣާން ވިދާޅުވީ ހުރިހާ އަސްކަރީ ސްކޫލެއް ބަންދު ކުރައްވާނެ ކަމަށެވެ. އަދި އެއްގަމާއި ކަނޑާއި ވައިގެ ސިފައިންގެ ވެރިން ރިޕޯޓްކުރަން ޖެހޭނީ ސީދާ ޑިފެންސް މިނިސްޓަރަށް ކަމަށް ވިދާޅުވި އެވެ. އުރުދުޣާން ވިދާޅުވީ ބަޣާވާތުގެ ރޭ ލިބިވަޑައިގެންނެވި ޖާސޫސީ މައުލޫމާތާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ.

ބަޣާވާތަށް ފަހު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބައިވަންތަކަމަކާއި އެކުވެރި ކަމެއް ފެނުނު ކަމަށް ވިދާޅުވެ އުރުދުޣާން މިހާރު ވަނީ އެ މަނިކުފާނަށް ފާޑުކިޔައިގެން ކޯޓަށް ފޮނުވާފައިވާ ހުރިހާ މައްސަލައެއް އަނބުރާ ގެންނަވަން ނިންމަވައިފަ އެވެ.