Roadha Mihaaru
ތުރުކީގެ ރިޔާސީ ގާޑުންގެ ލަޝްކަރު އުވާލަނީ

ތުރުކީގެ ރިޔާސީ ގާޑުންގެ ލަޝްކަރު އުވާލަނީ

24 ޖުލައި 2016

އަންކާރާ (ޖުލައި 24) - ތުރުކީގެ ރިޔާސީ ގާޑުންގެ ލަޝްކަރު އުވާލައްވާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބިނާލް ޔިލްދިރިމް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ޖުލައި 24) - ތުރުކީގެ ރިޔާސީ ގާޑުންގެ ލަޝްކަރު އުވާލައްވާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބިނާލް ޔިލްދިރިމް ވިދާޅުވެއްޖެ އެވެ.

ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު ރިޔާސީ ގާޑުންގެ ގާތްގަނޑަކަށް 300 މެންބަރުން ވަނީ ހައްޔަރުކޮށްފަ އެވެ. ތުރުކީގެ ރިޔާސީ ގާޑުންގެ ލަޝްކަރުގައި ހިމެނެނީ 2،500 މީހުންނެވެ. ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން ޔިލްދިރިމް ވިދާޅުވީ ރިޔާސީ ގާޑުން ތިބުމުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.

ބަޣާވާތުގެ ފަހަތުގައިވާ ކަމަށް ތުރުކީން އެންމެ ބޮޑަށް ތުހުމަތު ކުރާ ފަތުހުﷲ ގުލާންގެ ތިމާގެ ބޭފުޅަކު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އިރު އުތުރުގެ ސިޓީއަކުން އޭނާ ހައްޔަރު ކުރުމަށް ފަހު ސުވާލު ކުރުމަށް މިހާރު ވަނީ ވެރިރަށް އަންކާރާ އަށް ގެންގޮސްފަ އެވެ. ތުރުކީގެ ރައީސްގެ އޮފީހުން ބުނީ ހައްޔަރުކުރި މީހަކީ ގުލާންގެ "އެއް އަތް" ކަމަށެވެ.

ބަޣާވާތަށް ފަހު ތުރުކީން މިހާރު ވަނީ ބައިލައްކަ އަށް ވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނާއި ތައުލީމާ ދާއިރާގެ މީހުން ހިމެނެ އެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް އަމިއްލަ 1،000 ސްކޫލް ބަންދުކޮށް 1،200 އަށް ވުރެ ޖަމިއްޔާ އުވާލާފައިވާ ކަމަށެވެ.

ތުރުކީގައި މިހާރު ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުއްލި ހާލަތު ވެސް އިއުލާން ކޮށްފަ އެވެ. މި މުއްދަތުގައި ބައެއް ގާނޫނުތައް ޑްރާފްޓްކޮށް އަމަލު ކުރުމުގެ ބާރު ޕާލަމެންޓުގެ ބަދަލުގައި ރައީސް އާއި ކެބިނެޓަށް ލިބިދެވޭނެ އެވެ. އަދި އަސާސީ މިނިވަންކަމުގެ ބައެއް ހައްގުތައް ހިފެހެއްޓޭނެ އެވެ. އުރުދުޣާން އިއްޔެ ވަނީ ދައުވާއެއް ނުކޮށް ބަންދުގައި މީހުން ބޭތިއްބޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފަ އެވެ.

ބަޣާވާތަށް ފަހު ތުރުކީގައި އަޅަމުންދާ ފިޔަވަޅުތަކަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި އީޔޫގެ ގައުމުތައް ކަމަށްވާ ފްރާންސާއި ޖަރުމަނުން ވަނީ ފާޑު ކިޔައިފަ އެވެ. އުރުދުޣާން ވިދާޅުވީ ތުރުކީއާ މެދު އީޔޫ އިން ގެންގުޅޭ ސިޔާސަތު ވަރަށް ބޭއިންސާފު ކަމަށެވެ.