Roadha Mihaaru
ބަޣާވާތުގެ ކުރިން ބަންދުކުރި މީހުން މިނިވަން ކުރަނީ

ތުރުކީގައި ބަޣާވާތުގެ ކުރިން ބަންދުކުރި 38،000 މީހުން މިނިވަން ކުރަނީ

17 އޯގަސްޓް 2016

އަންކާރާ (އޮގަސްޓް 17) - ތުރުކީ އަށް މިދިޔަ މަހު ގެންނަން އުޅުނު ބާޣާވާތުގެ ކުރިން ޖަލުތަކުގައި ބަންދުކޮށްފައިވާ 38،000 މީހުން ޝަރުތުތައް ހިމަނައިގެން ދޫކޮށްލަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (އޮގަސްޓް 17) - ތުރުކީ އަށް މިދިޔަ މަހު ގެންނަން އުޅުނު ބާޣާވާތުގެ ކުރިން ޖަލުތަކުގައި ބަންދުކޮށްފައިވާ 38،000 މީހުން ޝަރުތުތައް ހިމަނައިގެން ދޫކޮށްލަން ނިންމައިފި އެވެ.

ޖުލައި 15 ވަނަ ދުވަހު ގެންނަން އުޅުނު ބާޣާވާތާ ގުޅިގެން ތުރުކީން ވަނީ 23،000 މީހުން ހައްޔަރުކޮށްފަ އެވެ. ބާޣާވާތުގެ ކުރިން ބަންދުކޮށްފައިވާ ގައިދީން މިނިވަން ކުރަނީ އަލަށް ބަންދުކުރާ މީހުން ހައްޔަރު ކުރަން ޖަލުތަކުގައި ޖާގަ ނެތުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ގައިދީން މިނިވަން ކުރަނީ ޖަލުތަކުން ޖާގަ ހުސްކުރަންކަން ސަރުކާރުން ސީދާ ނުބުނެ އެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވީ ހުކުމުގެ ދެބައިކުޅަ އެއްބައި ހޭދަކޮށްފައިވާ މީހުން މިނިވަން ކުރާނެ ކަމަށެވެ. އަދި މީހުން މަރާފައި ތިބި މީހުންނާއި ޖިންސީ ކުށްކުށުގައި ބަންދުކޮށްފައިވާ މީހުން މިނިވަން ކުރާ ގައިދީންގެ ތެރޭގައި ނުހިމެނޭ ކަމަށް ވެސް ޖަސްޓިސް މިނިސްޓަރު ވިދާޅުވި އެވެ.

ތުރުކީގެ ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުންގެ އަދަދު 2002 ވަނަ އަހަރު ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ އޭކޭ ޕާޓީ ވެރިކަމަށް އައި ފަހުން ވަނީ ތިން ގުނަ އަށް އަރައިފަައި ކަމަށް ބީބީސީ އިން ބުނެ އެވެ. ތުރުކީގެ 364 ޖަލުގައި މި އަހަރު 187،000 ގައިދީން ބަންދުކޮށްފައިވާ ކަމަށް ޖަސްޓިސް މިނިސްޓްރީން މާޗު މަހު ނެރުނު ހިސާބުތަކުން ދައްކަ އެވެ.

ނާކާމިޔާބު ބަޣާވާތާ ގުޅިގެން މިހާތަނަށް 82،000 މީހުންނަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ސަރުކާރުގެ 5،000 މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. މީގެ ތެރޭގައި ސިފައިންގެ ތެރޭން ވަކިކުރި 3،000 މީހުން ވެސް ހިމެނެ އެވެ. އަދި 77،000 މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ އަދަދު 35،000 އަށް އަރަ އެވެ. ނަމަވެސް އޭގެ ފަހުން 11،597 މީހުން ވަނީ ދޫކޮށްލައިފަ އެވެ. ތުރުކީ ފުލުހުން ވަނީ އިސްތަންބޫލްގެ ތިން ކޯޓަކަށް ވަދެ 173 ކޯޓު އޮފިޝަލުން ހައްޔަރު ކުރުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. އެންމެ ފަހުން ވަނީ ތުރުކީގެ ބައެއް ކުންފުނިތައް ވެސް ފުލުހުން ބަލާ ފާސްކޮށް، ބައެއް ސީއީއޯ އިން ހައްޔަރު ކުރުމުގެ މަސައްކަތްކޮށްފަ އެވެ.