Roadha Mihaaru
ތުރުކީގައި ކުއްލި ހާލަތު އިއުލާންކޮށްފި

ތުރުކީގައި ކުއްލި ހާލަތު އިއުލާންކޮށްފި

21 ޖުލައި 2016

އަންކާރާ (ޖުލައި 21) - ހުކުރު ދުވަހުގެ ރޭ ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް ފަހު އެ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ޖުލައި 21) - ހުކުރު ދުވަހުގެ ރޭ ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް ފަހު އެ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

އަންކާރާގެ ރިޔާސީ ގަނޑުވަރުގައި ވާހަކަ ދައްކަވަމުން ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވީ ކުއްކި ހާލަތު އިއުލާން ކުރަނީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ސިފައިންގެ ތެރޭގައިވާ ހުރިހާ ވައިރަހެއް ފޮހެލާނެ ކަމަށް އަނެއްކާވެސް ވައުދުވެވަޑައިގެންނެވި އެވެ.

ތުރުކީގައި ކުއްލި ހާލަތު އިއުލާންކުރި އިރު ވަނީ ބައިލައްކަ އަށް ވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅައިފަ އެވެ. މީގެ އިތުރުން 600 ސްކޫލް ވަނީ ބަންދުކޮށްފަ އެވެ.

"މިއީ ޑިމޮކްރެސީއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއް ނޫން. މިއީ ގައުމުގެ މިނިވަން ކަމަށާއި ގާނޫނު ނެގެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތައް،" ކުއްލި ހާލަތު އިއުލާން ކުރައްވަމުން އުރުދުޣާން ވިދާޅުވި އެވެ.

ބަޣާވާތުގައި ދުނިޔެ ދޫކޮށް ދިޔަ މީހުންނަށް އުރުދުޣާން ވަނީ ތައުރީފް ކުރައްވައިފަ އެވެ. އަދި އެއީ ޝަހީދުންގެ ގޮތުގައި ވަނީ ސިފަ ކުރައްވައިފަ އެވެ. ބާޣާވާތާ ދެކޮޅަށް މަސައްކަތް ކުރަމުން ދަނިކޮށް 246 މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ތުރުކީގައި ކުއްލި ހާލަތު އިއުލާން ކުރީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އާއި ކެބިނެޓުގެ ބައްދަލުވުންތަކަކަށް ފަހު އެވެ.

ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ވަނީ އެމެރިކާ އަށް އަރުވާލެއްވިގެން އުޅުއްވާ ފަތުހުﷲ ގުލާން ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ އަނބުރާ ތުރުކީ އަށް ފޮނުވައިދިނުމަށް ވަނީ އެމެރިކާގައި އެދިފަ އެވެ.

ބަޣާވާތާ ގުޅިގެން ތުރުކީ ސިފައިންގެ އިސް 99 އޮފިސަރުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ

ބަޣާވާތަށް ފަހު އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ތައުލީމީ ދާއިރާގެ 15،200 މީހުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި 21،000 ޓީޗަރުންގެ ކިޔަވައިދިނުމުގެ ހުއްދަ ވަނީ ބާތިލްކޮށްފަ އެވެ. ޔުނިވާސިޓީގެ 1،577 ޑީނުން އިސްތިއުފާ ދިނުމަށް ވަނީ އަންގައިފަ އެވެ. މާލީ ވުޒާރާގެ 1،500 މީހުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި ބޮޑު ވަޒީރުގެ އޮފީހުން ވަނީ 257 މީހުން ވަކިކޮށްފަ އެވެ. އަދި ގުލާންއާ ގުޅުން އޮންނަ 34 ނޫސްވެރިއެއްގެ ހުއްދަ ވަނީ ބާތިލްކޮށްފަ އެވެ.