Roadha Mihaaru
އެމެޒޯން، އެޕަލް، ފޭސްބުކް އަދި ގޫގުލް ތަހުގީގުކުރަނީ

އެމެޒޯން، އެޕަލް، ފޭސްބުކް އަދި ގޫގުލް ތަހުގީގުކުރަނީ

30 ޖުލައި 2019

އެމެރިކާ އަށް ނިސްބަތްކުރެވޭ، އެމެޒޯން، އެޕަލް، ފޭސްބުކް އަދި ގޫގުލް ފަދަ ކުންފުނިތަކުގެ ވިޔަފާރި މާ ބޮޑަށް ފުޅާވުން ބިރަކަށް ވެފައިވާ ކަމަށް، އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ. އެހެންވެ، އެ ކުންފުނިތައް ހިންގާ ގޮތް ބަލައި، ތަހުގީގުކުރަން ޖެހިފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމެރިކާ އަށް ނިސްބަތްކުރެވޭ، އެމެޒޯން، އެޕަލް، ފޭސްބުކް އަދި ގޫގުލް ފަދަ ކުންފުނިތަކުގެ ވިޔަފާރި މާ ބޮޑަށް ފުޅާވުން ބިރަކަށް ވެފައިވާ ކަމަށް، އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ. އެހެންވެ، އެ ކުންފުނިތައް ހިންގާ ގޮތް ބަލައި، ތަހުގީގުކުރަން ޖެހިފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ދެކޭ ގޮތުގައި، ކުންފުނިތައް މިހާރު މިސްރާބުކުރަމުން ދަނީ ވާދަވެރިކަން ގެއްލި ހަމައެކަނި އަމިއްލަ މަސްލަހަތަށް ހުރިހާ ކަމެއް ފަހިވާ ގޮތަށެވެ. ވާދަވެރިންނަށް ފުރުސަތު ގެއްލޭ ގޮތަށް ބިޔަ ކުންފުނިތަކުން އަމަލުކުރާ ނަމަ، ހަނދާން ނައްތާލަން އުނދަގޫ އަދަދަކުން ޖޫރިމަނާކުރަން ޖެހިދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ކުންފުނިތައް ބަލައި ތަހުގީގުކުރުމުގައި، ޖަސްޓިސް ޑިޕާޓްމަންޓްގެ އިތުރުން، ފެޑެރަލް ޓްރޭޑް ކޮމިޝަން ވެސް ބައިވެރިވާނެ އެވެ. ޓްރޭޑް ކޮމިޝަންގެ މައިގަނޑު މަގުސަދަކަށް ވާނީ ވާދަވެރިކަން ގެއްލޭ ގޮތަށް ކުންފުނިތަކުން ކުރާ މަސައްކަތްތައް ހޯދުމެވެ.

މިއީ ގޫގުލް އަދި ފޭސްބުކަށް ދުނިޔޭގެ އެކި ދިމަދިމާއިން ކުރިމަތިވަމުން އަންނަ އުނދަގުލެކެވެ. ކުންފުނިތައް މާ ބޮޑަށް ފުޅާވެ، ހުރިހާ މަސައްކަތެއް ކުރާ ބަޔަކަށް ބިޔަ ކުންފުނިތައްވުމަކީ ޔޫރަޕުގެ އިއްތިހާދުން ބުނާ ގޮތުގައި ވެސް ބޮޑު މައްސަލައެކެވެ. އިދާރީ ގޮތުން ގޮތްފޮތް ކިޔައި ކަންނިންމަން ތިބި މީހުން، މީގެ ކުރިން ވެސް ވަނީ ގޫގުލް އަދި ފޭސްބުކް އަށް ނަސޭހަތްތެރިވެފަ އެވެ. ކުންފުނިތައް ޑިވިޒަންތަކަކަށް ބައިކޮށްގެން ނަމަވެސް، ހިންގުން ވަކިކުރަން ވަނީ ގޮވާލައިފަ އެވެ.

މި ހުރިހާ ކުންފުނިތަކުގެ ތެރެއިން ވެސް، އެމެރިކާ ސަރުކާރުން އެންމެ ބޮޑަށް ލޯއަޅަނީ ގޫގުލަށެވެ. ސަރުކާރުގެ އިދާރާތަކުން ދަނީ ގޫގުލް "ސާޗް" ހިންގާ ގޮތަށް ފާޑުކިޔައި، އެއީ ކޮންމެހެން ވެސް ބަލަންޖެހިފައިވާ ކަމެއް ކަމަށް ބުނަމުންނެވެ.

ގޫގުލުން "ސާޗް އިންޖީން" ހިންގަނީ ޓްރަމްޕް އަށް ވަރަށް ކަމުނުދާ ގޮތަކަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އޭނާ ދެކެލައްވާ ގޮތުގައި، ގޫގުލް ސާޗްގައި ވަކި އެއްޗެއް ލިޔުމުން، އޭގެ ނަތީޖާ ވަކި ގޮތަކަށް ދެއްކުމަށް ގޫގުލުން މަސައްކަތްކުރެ އެވެ. ޓްރަމްޕްއާ ބެހޭ ގޮތުން މީހަކު މައުލޫމާތު ހޯދާ ނަމަ، ގޫގުލުން ލިސްޓްކޮށްފައި ދައްކަނީ، ގޫގުލް ހިންގަން ތިބޭ ބަޔަކު ބޭނުންވާ އެއްޗެކެވެ. އެހެންވެ، ގޫގުލް އަކީ ޖަސްޓިސް ޑިޕާޓްމަންޓުން ކޮންމެހެން ވެސް ބަލަން ޖެހޭ ބައެއް ކަމަށް ޓްރަމްޕް ވިދާޅުވެ އެވެ.