Roadha Mihaaru
ޓެކް ކުންފުނިތައް އަނެއްކާވެސް ސެނެޓަށް ހާޒިރުކުރަނީ

ޓެކް ކުންފުނިތަކުގެ ވެރިން އަނެއްކާ ވެސް ސެނެޓަށް ހާޒިރުކުރަނީ

04 އޮކްޓޯބަރ 2020

އެމެރިކާގެ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި، މަޝްހޫރު ޓެކް ކުންފުނިތަކެއްގެ ވެރިން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ދާދި ފަހުން ހާޒިރުކޮށް ސުވާލުކުރުމަށް ފަހު އަނެއްކާ ވެސް އެ ކުންފުނިތަކުގެ ވެރިން ހާޒިރުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި، މަޝްހޫރު ޓެކް ކުންފުނިތަކެއްގެ ވެރިން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ދާދި ފަހުން ހާޒިރުކޮށް ސުވާލުކުރުމަށް ފަހު އަނެއްކާ ވެސް އެ ކުންފުނިތަކުގެ ވެރިން ހާޒިރުކުރަން ނިންމައިފި އެވެ.

ސެނެޓްގެ ކޮމާސް ކޮމިޓީ އަށް ފޭސްބުކާއި ޓްވިޓާ އާއި ގޫގުލްގެ މައި ކުންފުނި އަލްފަބެޓްގެ ވެރިން ވާޗުއަލްކޮށް ހާޒިރުކުރަން ނިންމާފައި ވަނީ މި މަހުގެ 28 ގަ އެވެ. ފޭސްބުކުން ބުނި ގޮތުގައި ކޮމިޓީ އަށް އެ ކުންފުނީގެ ފަރާތުން ހާޒިރުވާނީ ސީއީއޯ މާކް ޒަކަބާގެވެ. އަދި ޓްވިޓާގެ ފަރާތުން ހާޒިރުވާނީ އެތަނުގެ ސީއީއޯ ޖެކް ޑޯޒީ އެވެ. ގޫގުލްގެ ފަރާތުން ކޮމީޓި އަށް ހާޒިރުވާނީ އޭގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ ސީއީއޯ ސުންދަރު ޕިޗާއީ އެވެ.

ސެނެޓަށް ހާޒިރުވުމާ ބެހޭ ގޮތުން ޖެކް ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމާޒް ކޮމިޓީއާ އެކު ބޭއްވޭ ބައްދަލުވުން ވާން ޖެހޭނީ ވަރަށް ބޭނުންތެރި އަދި ބިނާކުރަނިވި ބައްދަލުވުމަކަށް ކަމަށެވެ. އަދި ޓްވިޓާ އޮތީ އެ ޕްލެޓްފޯމް ބޭނުންކުރާ އެމެރިކާ ރައްޔިތުންގެ މަސްލަހަތުގައި ކަމަށާއި ކޮމިޓީގައި ކުރިމަތިކުރާ ސުވާލުތަކުން އެކަން ކަށަވަރުކޮށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ޓެކް ކުންފުނިތަކުގެ މެދުގައި ވިޔަފާރީގައި ހުރި ވާދަވެރިކަމާއި ކަސްޓަމަރުންގެ ޕްރައިވެސީ އާއި އެ ނޫން ވެސް ވިޔަފާރިއާ ގުޅުން ގިނަ ކަންކަމާ ބެހޭ ގޮތުން ސެނެޓްގެ ޖުޑިޝަރީ ކޮމިޓީން ފޭސްބުކާއި ގޫގުލް އާއި އެމެޒޯން އާއި އެޕަލްގެ ވެރިންނާ ސުވާލުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ބައްދަލުވުންތަކާ ގުޅޭ ރިޕޯޓް މާދަމާ ނެރޭނެ ކަމަށް ބެލެވެ އެވެ.