Roadha Mihaaru
ޕާކިސްތާނުގެ ސެންސާޝިޕުން އިންޓަނެޓް ކުންފުނިތައް ދުރަށް

ޕާކިސްތާނުގެ ސެންސާޝިޕާ ގުޅިގެން އިންޓަނެޓް ކުންފުނިތައް ދުރަށް

01 މާޗް 2020

އިސްލާމްއާބާދު (މާޗް 1) - ޕާކިސްތާނުން ތައާރަފްކުރާ ހަރުކަށި ސެންސާޝިޕް ގާނޫނުތަކާ ގުޅިގެން އިންޓަނެޓް ކުންފުނިތައް ކަމަށްވާ ގޫގްލް، ފޭސްބުކް އަދި ޓްވިޓާ އިން ވަނީ އެ ގައުމުގައި ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.

އިސްލާމްއާބާދު (މާޗް 1) - ޕާކިސްތާނުން ތައާރަފްކުރާ ހަރުކަށި ސެންސާޝިޕް ގާނޫނުތަކާ ގުޅިގެން އިންޓަނެޓް ކުންފުނިތައް ކަމަށްވާ ގޫގްލް، ފޭސްބުކް އަދި ޓްވިޓާ އިން ވަނީ އެ ގައުމުގައި ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.

ޓެކް ކުންފުނިތަކުގެ ނުރުހުން އަމާޒުކޮށްފައި ވަނީ ޕާކިސްތާނުގެ "ސިޓިޒަންސް ޕްރޮޓެކްޝަން ރޫލްސް" އަށެވެ. އެ ގަވާއިދުގެ ދަށުން ވަނީ ސުވާލު އުފެދޭ ފަދަ ކޮންޓެންޓެއް ނަމަ 24 ގައިޑިއިރުތެރޭ ނެގުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެންގުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ދީފަ އެވެ. މިކަންކަން ބެލުމަށް ނޭޝަނަލް ކޯޑިނޭޓަ އޮފީހެއް އުފެއްދުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމާއި ނަފްރަތު އުފެދޭ ވާހަކަތަކާއި އަބުރާ ބެހުމާއި ފޭކް ނިއުސް އާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަމާ ގުޅުން ހުރި އޮންލައިން ކޮންޓެންޓް ލައިވް ސްޓްރީމް ކުރުން ހުއްޓުވޭނެ ގޮތެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ހޯދަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. އާ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަސްތެރޭ ފޭސްބުކް އަދި ޓްވިޓާ ފަދަ ކުންފުނިތަކުން ޕާކިސްތާނުގައި އޮފީސް ހުޅުވަން ޖެހެ އެވެ. އަދި ގައުމުން ބޭރުގައި އުޅޭ ޕާކިސްތާން މީހުން ހާމަކުރާ އޮންލައިން ކޮންޓެންޓުގައި ހިމެނޭ ފޭކް ނިއުސް އާއި އަބުރަށް އަރައިގަތުމުގެ ވާހަކަތައް ރިމޫވް ކުރަން ޖެހެ އެވެ.

އާ ގަވާއިދަށް އަމަލު ކުރަން ސޯޝަލް މީޑިއާ ނެޓްވޯކްތަކުން ދެކޮޅު ހަދާ ނަމަ އެ ނެޓްވޯކްތައް ބްލޮކްކޮށް ނުވަތަ 500 މިލިއަން ރުޕީސް (ގާތްގަނޑަކަށް 6.9 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ސަރުކާރަށް ދީފައިވެ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުމަށް ޕާކިސްތާނުން ތައާރަފްކުރި ގާނޫނެއް ކަަމަށެވެ. ނަމަވެސް ޕާކިސްތާނުގެ ބޮޑު ވަޒީރުގެ އެޑްވައިޒަރު ފިރްދައުސް އާޝިގު އަވާން ވިދާޅުވީ އާ ގާނޫނު ތައާރަފް ކުރަން ނިންމީ ޕާކިސްތާނުގެ އިޖްތިމާއީ، ސަގާފީ އަދި ދީނީ ކަންކަން ހިމާޔަތް ކުރަން ކަމަށެވެ.

ޕާކިސްތާނުން މިދިޔަ މަހު ތައާރަފްކުރި މި ގާނޫނުގެ ދަށުން ފޭސްބުކް، ގޫގްލް އަދި ޓްވީޓާ ފަދަ އިންޓަނެޓް ކުންފުނިތަކަށް އޮތީ އެ ގާނޫނަށް ބޯލެނބުން ނުވަތަ ބޮޑު ޖޫރިމަނާއަކާ ކުރިމަތިލުމެވެ. ނޫން ނަމަ ޕާކިސްތާނުގައި ޚިދުމަތް ދިނުން ހުއްޓާލުމެވެ. އެހެންކަމަށް ވެއްޖެ ނަމަ ޕާކިސްތާނުގައި އިންޓަނެޓް ބޭނުން ކުރާ ގާތްގަނޑަކަށް 70 މިލިއަން މީހުން "ޑިޖިޓަލް އަނދިރިކަމަކަށް" ދާނެ އެވެ.

ޕާކިސްތާނުގެ އާއްމު ރައްޔިތުންނާއި އިންޓަނެޓް ކުންފުނިތަކުގެ ނުރުހުމާ ގުޅިގެން ޕާކިސްތާނުން ވަނީ ގާނޫނުތައް އަލުން މުރާޖައާ ކުރާނެ ކަމަށް ބުނެފަ އެވެ.