Roadha Mihaaru
ސްޓާލިންކް އަށް ރާއްޖެއިން މިއަދު ލައިސެންސް ދެނީ

އިލޮން މަސްކްގެ "ސްޓާލިންކް" އަށް ރާއްޖެއިން މިއަދު ލައިސެންސް ދެނީ

24 އޯގަސްޓް 2023

ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ރާއްޖެ އަށް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ "ސްޓާލިންކް" އަށް މިއަދު ލައިސަންސް ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ރާއްޖެ އަށް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ "ސްޓާލިންކް" އަށް މިއަދު ލައިސަންސް ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.

ސްޓާލިންކަށް އައިއެސްޕީ ލައިސަންސް ދިނުމަށް ބާއްވާ އިވެންޓަށް ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީން މިއަދު ހެނދުނު ވަނީ މީޑިއާ އަށް ދައުވަތު ދީފަ އެވެ. އެ އިވެންޓް އޮންނާނީ މިއަދު ހަވީރު އެވެ. މިކަމާ ބެހޭ ތަފްސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ޓެސްލާ އާއި ޓްވިޓާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު، އިލޮން މަސްކްގެ ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެ އަށް އިންޓަނެޓްގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން ޓެކްނޮލޮޖީއާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވަނީ މިދިޔަ އަހަރު ކުރީކޮޅުގައި އެ ކުންފުންޏާ މަޝްވަރާ ވެސް ކުރައްވައިފަ އެވެ.

ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓް ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ވެސް އަންނަނީ ދެމުންނެެވެ.

ސްޓާލިންކްގެ އިންޓަނެޓް މިހާރު ލިބޭ 50 އަށް ވުރެ ގިނަ ގައުމުގެ ތެރޭގައި ޔޫރަޕާއި ދެކުނު އަދި އުތުރު އެމެރިކާގެ ގައުމުތައް ހިމެނެ އެވެ. އޮސްޓްރޭލިއާ އާއި ނިއު ޒިލެންޑް ވެސް ހިމެނެ އެވެ.

ސްޓާ ލިންކް އިން ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. މިދިޔަ އަހަރުގެ ތެރޭގައި ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ވެސް ވަނީ ހަދައިފަ އެވެ.