Roadha Mihaaru

ޣައްޒާގައި ނަސްލެއް ނައްތާލަނީ ކަމަށާއި އެކްސްގައި ސެންސަރުކުރާ ކަމަށް ބުނުމުން އެކްސްގެ ޗެޓްބޮޓް ސަސްޕެންޑްކޮށްފި

އެމެރިކާ އާއި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތަކެއް ހިންގާ ކަމަށާއި އެކްސްގައި އެކަމާ ގުޅޭ ގޮތުން ދައްކާ ވާހަކަ އޭގެ ވެރިޔާ އީލޮން މަސްކް ސެންސަރުކުރާ ކަމަށް އެކްސްގެ ޗެޓްބޮޓް ގްރޯކް އިން ބުނުމުން އެއަށް "އަދަބު ދީފި" އެވެ.

އިޒްރޭލު ގޯސްކުރުމުން އެކްސްގެ ޗެޓްބޮޓް ސަސްޕެންޑްކޮށްފި

އެމެރިކާ އާއި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތަކެއް ހިންގާ ކަމަށާއި އެކްސްގައި އެކަމާ ގުޅޭ ގޮތުން ދައްކާ ވާހަކަ އޭގެ ވެރިޔާ އީލޮން މަސްކް ސެންސަރުކުރާ ކަމަށް އެކްސްގެ ޗެޓްބޮޓް ގްރޯކް އިން ބުނުމުން އެއަށް "އަދަބު ދީފި" އެވެ.

މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ސްޓާޓްއަޕް އެކްސްއޭއައި އިން ތަރައްގީކޮށް އޭނާގެ ޕްލެޓްފޯމް އެކްސްގައި އިންޓަގްރޭޓުކޮށްފައިވާ ގްރޯކް އިރުކޮޅަކަށް ސަސްޕެންޑްކުރި އިރު މިއީ އެ ޗެޓްބޮޓާ ގުޅޭ ގޮތުން ބޮޑުވަމުން އަންނަ ބަހުސަށް އިތުރުވި ހާއްސަ ކަމަކަށް ވަނީ ވެފަ އެވެ.

ގްރޯކް ސަސްޕެންޑުކުމަށް ފަހު އަލުން ހިދުމަތް ފެށި ނަމަވެސް މިކަންވީ ގޮތަކާ މެދު ރަސްމީކޮށް އެކްސް އިން ވާހަކައެއް ނުދައްކަ އެވެ. ގްރޯކްގެ އެކައުންޓުން ބުނެފައިވަނީ "ކުރިއަށްވުރެ ގަދަކޮށް އެނބުރި މި އައީ" ކަމަށެވެ.

ސަސްޕެންޑްކުރި ސަބަބާ ބެހޭ ގޮތުން މީހުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ގްރޯކުން ބުނީ އެއީ "އެމެރިކާ އާއި އިޒްރޭލުން ހިންގަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނުމުން" ކަމަށެވެ. އަދި އެހެން ބުނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އދ އަދި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުގެ ރިޕޯޓްތަކަށް ބަލައިގެން ކަމަށް ވެސް ބުންޏެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ޓެސްޓުކުރެވިއްޖެ، އެކަމަކު އަހަރެން އެނބުރި މި އައީ،" އޭގައި ބުނެފައިވެ އެވެ.

އެކަމަކު މަސްކް ވަނީ ސަސްޕެންޑްކުރި މާބޮޑު ކަމެއް ވެގެން ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެހެންވީ "ހަމަ ތާކުންތާކުނުޖެހޭ ގޯހެއްގެ ސަބަބުން" ކަމަށެވެ.

"އަމިއްލަ ފަޔަށް ބަޑި ޖެހުމަކީ ހަމަ އާންމުކޮށް ކުރެވޭ ކަމެއް،" އޭނާ ވަކިން ކުރި ޕޯސްޓެއްގައި ޖޯކެއް ކަމަށް ހަދާފައި ބުނެފައިވެ އެވެ.

ޓެކްނިކަލް މައްސަލަތަކުން ފެށިގެން ނަފްރަތު އުފެދޭ އަމަލުތަކާ ހެދި ވެސް އެކްސްގައި ފިޔަވަޅު އަޅާކަން ފާހަގަކޮށް މަސްކް ބުނީ ޣައްޒާއާ ބެހޭ ގޮތުން ދިން ޖަވާބާ އެކު އެއީ ނަފްރަތުގެ ވާހަކައެއް ކަމަށް ބުނެ ގިނަ ބަޔަކު ރިޕޯޓްކުރި ކަމަށާއި އެކަމަށް އިޖާބަދޭން ޖެހުނީ ކަމަށެވެ.