Roadha Mihaaru

ޓޭންކެއްގެ ތެރެއެއް ބޮމެއް ވައްޓާލައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައިފި

ޣައްޒާގެ އުތުރުގައި އިޒްރޭލު ސިފައިން ތިބި ޓޭންކެއްގެ ތެރެއަށް ގޮވާއެއްްޗެއް ވައްޓާލައި ހަމަލާދީގެން އޭގައިތިބި ސިފައިންގެ ހަތަރު މީހުން އިއްޔެ މަރާލައިފި އެވެ.

ޣައްޒާގައި އިޒްރޭލު ސިފައިންގެ 4 މީހަކު މަރާލައިފި

ޣައްޒާގެ އުތުރުގައި އިޒްރޭލު ސިފައިން ތިބި ޓޭންކެއްގެ ތެރެއަށް ގޮވާއެއްްޗެއް ވައްޓާލައި ހަމަލާދީގެން އޭގައިތިބި ސިފައިންގެ ހަތަރު މީހުން އިއްޔެ މަރާލައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނީ މި ހަމަލާ ދިނީ ސިފައިން ތިބި ޓޭންކު ކައިރިއަށް ދިޔަ ތިން މީހަކު، ސިފައިން ތިބި ޓޭންކު ތެރެއަށް ގޮވާއެއްޗެއް ވައްޓާލައިގެން ކަމަށާއި އެ ގޮވުމާ އެކު ޓޭންކުގައި ތިބި ހަތަރު ސިފައިން ވެސް މަރުވެފައިވާ ކަމަށެވެ.

މި ހަމަލާއަށް ފަހު ބަޑީގެ ހަމަލާތަކެއް ބަދަލުކުރި ކަމަށާއި އެ ހަމަލާތަކުގައި ސިފައިންގެ އެހެން މީހަކު ޒަހަމްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ސިފައިންނަށް ހަމަލާދިން ތިން މީހުންގެ ތެރެއިން ދެ މީހަކު ބަޑީގެ ހަމަލާތަކުގައި ޒަހަމްވިކަން އެނގިފައިވާ ކަމަށް ބުންޏެވެ.

މަރުވި ސިފައިންގެ ތެރެއިން ހާމަކޮށްފައިވަނީ ތިން މީހެއްގެ ތެރެ އެވެ. އޭގެ ތެރެއިން އެކަކީ 19 އަހަރުގެ މީހެކެވެ. އަނެއް ދެ މީހުންގެ އުމުރަކީ 20 އަހަރެވެ.

މިދިޔަ ޖޫން މަހު ވެސް ޣައްޒާގައި ވަނީ މިފަދަ ގޮތަކަށް ހަމަލާދީގެން އިޒްރޭލު ސިފައިންގެ ހަތް މީހަކު މަރާލައިފަ އެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 ގެ ފަހުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ ޖަމާއަތްތަކުން ދޭ ހަމަލާތަކުގައި މިހާތަނަށް މަރާލި އިޒްރޭލު ސިފައިންގެ އަދަދު ކަމަށް މީޑިއާއަށް ހާމަކޮށްފައިވާ އަދަދަކީ 468 އެވެ.

އިޒްރޭލު ސިފައިންގެ ބަޔަކު މަރާލި ހަމަލާ ދީފައިވަނި ޣައްޒާ ސިޓީ ހިފުމަށް އިޒްރޭލުން ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށެވެ. އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 65،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާ ސިޓީއަށް ހަމަލާތައް އަދިވެސް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީ އާންމުން އަވަހަށް އެ ސަރަހައްދުން ނުކުންނަން އަނެއްކާވެސް ބުނެފަ އެވެ.