Roadha Mihaaru
ބްރެޒިލްގައި "އެކްސް" މަނާކޮށްފި، މަސްކް ފާޑުކިޔަނީ

ބްރެޒިލްގައި "އެކްސް" މަނާކޮށްފި، މަސްކް ރުޅިގަދަވެފައި

31 އޯގަސްޓް 2024

ބިލިއަނަރު އީލޮން މަކްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" އާ ގުޅޭ ގޮތުން ބްރެޒިލުން ޝަކުވާކުރާތާ އެތައް މަހެއް ފަހުން ސުޕްރީމް ކޯޓުގެ އަމުރަކާ އެކު އިއްޔެ އެ ގައުމުގައި އެކްސް ސަސްޕެންޑްކޮށްފި އެވެ.

ބިލިއަނަރު އީލޮން މަކްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" އާ ގުޅޭ ގޮތުން ބްރެޒިލުން ޝަކުވާކުރާތާ އެތައް މަހެއް ފަހުން ސުޕްރީމް ކޯޓުގެ އަމުރަކާ އެކު އިއްޔެ އެ ގައުމުގައި އެކްސް ސަސްޕެންޑްކޮށްފި އެވެ.

ފަނޑިޔާރު އެލެގްޒަންދްރޭ ޑި މޮރޭސް މި އަމުރު ނެރުއްވީ އެކްސްގެ ފަރާތުން ބްރެޒިލްގައި ގާނޫނީ ކަންކަމުގައި ޖަވާބުދާރީވާނެ މީހަކު ކަނޑައެޅުމަށް އެކްސް އަށް އެންގި އެންގުމަށް އަމަލުކޮށްފައިނުވާތީ އެވެ.

މިމަހުގެ ކުރީކޮޅު ބްރެޒިލްގައި އެކްސްގެ ވިޔަފާރީގެ ހަރަކާތްތައް މަސްކް ވަނީ ހުއްޓާލައިފަ އެވެ. އެއީ އެ ބްރެޒިލް ސަރުކާރުގެ އަމުރުތަކާ އެއްގޮތަށް އެ ގައުމުގައި އަމަލު ނުކުރާ ނަމަ ކުންފުނީގެ ކުރީގެ ގާނޫނީ މަންދޫބު ހައްޔަރުކުރާނެ ކަމުގެ އިންޒާރާ އެކުގަ އެވެ. އޭގެ ފަހުން ފަނޑިޔާރު މޮރޭސް ބުދަ ދުވަހު ވަނީ ގާނޫނީ އާ މަންދޫބެއް ހަމަޖައްސަން 24 ގަޑިއިރު ދެއްވައިފަ އެވެ.

ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެސް ވެރިޔާ މަސްކް، މި ނިންމުމާ ގުޅިގެން ރުޅިވެރިކަމާ އެކު ވަނީ ރައްދު ދީފަ އެވެ. އޭނާ ސިފަކުރި ގޮތުގައި މި އަމުރު ނެރުއްވީ ފަނޑިޔާރެއްގެ ހެދުން އަޅައިގެން ހުރި ޑިކްޓޭޓަރެކެވެ. މިއީ ބްރެޒިލްގެ ޑިމޮކްރަސީ ހަލާކުކުރުން ކަމަށް ވެސް ބުންޏެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އަސާސް. އިންތިހާބަކާ ނުލައި އައްޔަންކޮށްފައި ފަނޑިޔާރަކު ސިޔާސީ ބޭނުމަށް އެ ދަނީ އެކަން ހަލާކުކުރަމުން،" މަސްކް، އެކްސްގައި ބުނެފައިވެ އެވެ.

ފަނޑިޔާރު މޮރޭސްގެ އަމުރުގައި ވަނީ އެކްސް ބޭނުންކުރުން ވަގުތުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކަމާބެހޭ ހުރިހާ އިދާރާތަކަކުން 24 ގަޑިއިރު ތެރޭގައި އެޅުމަށް އަންގަވައިފަ އެވެ. އަދި ވީޕީއެން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެކްސް ބޭނުންކުރާ މީހަކު 50،000 ސީއައިސް (8،900 ޑޮލަރު) އިން ޖޫރިމަނާކުރާ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

ދޮގު މައުލޫމާތު ފެތުރުމާ ދެކޮޅާށް ފަނޑިޔާރު މޮރޭސް މީގެ އެތައް މަހެއް ކުރިން ދައްކަވަން ފެއްޓެވި ވާހަކަތަކާ އެކު އޭނާ އާއި މަސްކާ ދެމެދު ބަހުގެ ހަމަލާތައް ހިނގަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ މީހެއް ކަމަށް މީގެ ކުރިން މަސްކް އަމިއްލައަށް ސިފަކުރަމުން ދިޔަ ނަމަވެސް 2022 ވަނަ އަހަރު ޓްވިޓާ 44 ބިލިއަން ޑޮލަރަށް ގަނެ "އެކްސް" އަށް ނަން ބަދަލުކޮށް ހިންގާއިރު އެ ޕްލެޓްފޯމް މިހާރު ވަނީ ކަނާތު ފިޔައިގެ ކޮންސްޕިރޭސީ ތިއަރީތައް ފަތުރާ އެއްޗަކަށް ބަދަލުވެފައި ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.

އެކްސް ބޭނުންކުރާ މީހުންގެ އަދަދު ބްރެޒިލްގައި 22 މިލިއަނަށް އަރަ އެވެ.