Roadha Mihaaru
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ

އެކްސް ބޭނުންކުރާ ކޮންމެ މީހެއްގެ އަތުން އެއް ޑޮލަރު ނަގަން ފަށަނީ

19 އޮކްޓޯބަރ 2023

އެކްސް އަށް ނަން ބަދަލުކޮށްފައިވާ ޓްވިޓާ ބޭނުންކުރާ ކޮންމެ މީހެއްގެ އަތުން އެއް ޑޮލަރުގެ ފީއެއް ނެގުމަށް، އެ ފީޗާ ޓެސްޓުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

އެކްސް އަށް ނަން ބަދަލުކޮށްފައިވާ ޓްވިޓާ ބޭނުންކުރާ ކޮންމެ މީހެއްގެ އަތުން އެއް ޑޮލަރުގެ ފީއެއް ނެގުމަށް، އެ ފީޗާ ޓެސްޓުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެއް ޑޮލަރުގެ މި ފީ ނަގާނީ އަހަރަކު އެއް ފަހަރު އެވެ.

އެކްސްގެ ސަޕޯޓް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މި ފީ ނަގަން ނިންމީ އެ ޕްލެޓްފޯމްގައި ހުރި ބޮޓް ނުވަތަ ފޭކު އެކައުންޓުތައް ހުއްޓުވުމަށް ކަމަށެވެ. އަދި އެ ފީ ނަގަން ފެށުމުގެ ގޮތުން މި ހިދުމަތް ފިލިޕިންސް އާއި ނިއުޒިލެންޑްގައި މިހާރު ޓެސްޓުކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފޭކު އެކައުންޓުތައް ހުއްޓުވުމަކީ، އެ ކުންފުނީގެ ވެރިޔާ އަދި މަހުޖަނު އީލޮން މަސްކް ޓުވިޓާ ބައްލަވައިގަތުމަށް ފަހު އެންމެ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެއް ކަންތަކެވެ.

މި ފީ ނުދައްކާ މީހުންނަށް ވެސް އެކްސް އަށް ވަދެވޭނެ އެވެ. އެކަމަކު، ފީ ނުދައްކާ މީހުންނަށް އެކްސްގައި އެއްވެސް ޕޯސްޓެއް ނުކުރެވޭނެ އެވެ. އެ މީހުންނަށް ލިބޭނެ ޕޯސްޓުތައް ބަލައިލުމާއި އެހެން އެކައުންޓުތަކަށް ފޮލޯކުރެވޭ ފީޗާ އެކަންޏެވެ.

މީގެ ކުރިން އެކްސްގައި އެކައުންޓްތައް ވެރިފައިކުރުމަށް ފީއެއް ދައްކަން ނުޖެހުނަސް، އެ ކުންފުނި 44 ބިލިއަން ޑޮލަރަށް މަސްކް ގަތުމަށް ފަހު އެކައުންޓް ވެރިފައިކުރުމަށް ފީ ނަގަން ވަނީ ފަށައިފަ އެވެ. އެކަން އެގޮތަށް ކުރި މައިގަނޑު ސަބަބެއް ކަމަށް ވެސް ބުނެފައި ވަނީ ބޮޓް ނުވަތަ ފޭކް އެކައުންޓްތައް މަދުކުރުމެވެ.

އެކްސްގެ އެކައުންޓްތައް ވެރިފައިކުރުމަށް ފީ ނަގަން ފެށީ ޕްރިއަމް ހިދުމަތެއްގެ ގޮތުގައި، އިތުރު ހިދުމަތްތައް ވެސް ލިބޭ ގޮތަށެވެ. އެކްސްގެ ޕްރިމިއަމް އަށް ފީ ދައްކައި، އެކައުންޓް ވެރިފައިވުމާ އެކު ހިލޭ ބޭނުންކުރާ މީހުންނަށް ނުލިބޭ އެތައް ހިދުމަތެއް ލިބެ އެވެ.

ޕްރިމިއަމް ހިދުމަތަށް މަހަކު އަށް ޑޮލަރު ދައްކަން ޖެހެ އެވެ.