Roadha Mihaaru
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ

ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން އީލޮކް މަސްކް ވިސްނަނީ

12 މެއި 2023

ޓުވިޓާގައި ޑޭޓިން އެޕްލިކޭޝަނެއްގެ ފީޗާ ހިމެނުމުގެ ވިސްނުމަށް އީލޮން މަސްކް ތާއިދުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޓުވިޓާގައި ޑޭޓިން އެޕްލިކޭޝަނެއްގެ ފީޗާ ހިމެނުމުގެ ވިސްނުމަށް އީލޮން މަސްކް ތާއިދުކޮށްފި އެވެ.

ޓެސްލާ، ސްޕޭސްއެކްސް އަދި ޓުވިޓާގެ ސީއީއޯ، ބިލިއަނަރު މަސްކު އެކަމަށް ހުރި ޝައުގުވެރިކަން ހާމަކުރީ "ޓުވިންޑާ" ޑޭޓިން އެޕްގެ ވިސްނުމާ ގުޅޭ ގޮތުން ކޮށްފައިވާ ޓުވީޓަކަށް ދިން ޖަވާބުގަ އެވެ. ޖަވާބުގައި އޭނާ ބުނީ "ޝައުގުވެރި ހިޔާލެއް، ފަހަރެއްގަ ވަޒީފާ ވެސް އުފެއްދިދާނެ" ކަމަށެވެ.

މަޝްހޫރު ޑޭޓިން އެޕް "ޓިންޑާ"ގެ ނަމާ ގުޅުވައިގެން "ޓުވިންޑާ"ގެ ވިސްނުން ޕިޗުކޮށްފައި ވަނީ ކޮންޓެންޓު ކްރިއޭޓަރެއް ކަމަށްވާ ސްޓިވަން މާކް ރާޔަން އެވެ. އޭނާ މަގުބޫލީ ޔޫޓިއުބުގައި ޓެކް އާއި ފައިނޭންސިންއާ ގުޅޭ ހަބަރު ވީޑިއޯގެ ގޮތުގައި ގެނެސްދީގެންނެވެ.

މިދިޔަ ބުދަ ދުވަހު ރާޔަން ކުރި ޓުވީޓެއްގައި އޭނާ ވަނީ ޓުވިޓާގައި ޑޭޓިން އެޕްލިކޭޝަންގެ ފީޗާ ހިމަނާނީ ކޮންއިރަކުންތޯ މަސްކު ކައިރި އަހައިފަ އެވެ. ރާޔަން ބުނާ ގޮތުގައި، އެފަދަ ފީޗާއެއްގެ ސަބަބުން ޓުވިޓާއިން އެހެން ޑޭޓިން އެޕްތައް ފަހާލައި، ބައެއް ގައުމުތަކަށް ދިމާވެފައިވާ ފާޓިލިޓީ ރޭޓު ދަށްވުމުގެ މައްސަލައަށް ހައްލު ލިބުމުގެ ގާބިލުކަން ވެސް އިތުރު ކުރެވޭނެ އެވެ.

މަސްކް އަކީ މީގެ ކުރިން ވެސް ދުނިޔޭގެ އާބާދީ ދަށްވުމުގެ ބިރު އޮވެ، އެކަން ހައްލުކުރުމަށް ވަކާލާތުކޮށްފައިވާ މީހެކެވެ. އެގޮތުން، 2021 ވަނަ އަހަރު "ވޯލް ސްޓްރީޓް ޖާނަލް" އިން ކޮވިޑާ ގުޅިގެން އެމެރިކާގައި ކުދިން އުފަންވާ އަދަދު ދަށްވި ހަބަރާއެކު މަސްކު ވަނީ އާބާދީ ވެއްޓުމަކީ އިންސާނީ ދަރިފަސްކޮޅުގެ މުސްތަގުބަލަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން، މިދިޔަ އަހަރު މަސްކް އަށް އެއްމާބަނޑު ދެކުދިން ލިބުމާއެކު އޭނާ ވަނީ، ދަށްވެފައިވާ އާބާދީ އަށް އެހީވުމަށް އޭނާ ވެސް މަސައްކަތްކުރާ ކަމަށް ބުނެ ޓުވީޓް ކޮށްފަ އެވެ.

ޓުވިޓާގައި ޑޭޓިން އެޕްގެ ފީޗާ އިތުރުކޮށްގެން މަސްކުގެ އާބާދީ މައްސަލައަށް މާބޮޑު އަސަރެއް ނުކުރިޔަސް، އޭނާ ގެންގުޅޭ "ދަ އެވްރީތިން އެޕް"ގެ ވިސްނުމަށް ޓުވިޓާ ބަދަލުކޮށް، މާކް ޒަކަބާގްގެ "ފޭސްބުކް"އާ ވާދަކުރުމުގެ ފުރުސަތު ފަހިވާނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭ 44 ބިލިއަން ޑޮލަރަށް ޓުވިޓާ ގަތުމަށް ފަހު މަސްކު އަންނަނީ އެ ކުންފުންޏަށް އާމްދަނީ ހޯދޭނެ ގޮތްތަށް ހޯދައި، ތައާރަފުކުރަމުންނެވެ.