Roadha Mihaaru
އެކްސްގެ ވެރިޔާ އެކްސްގެ އުސޫލާ ހިލާފުވުމުން ފާޑުކިޔަނީ

އެކްސްގެ ވެރިޔާ އެކްސްގެ އުސޫލާ ހިލާފުވުމުން ފާޑުކިޔަނީ

31 ޖުލައި 2024

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގެ ވެރިޔާ ބިލިއަނަރު އީލޮން މަސްކް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސްގެ "ޑީޕް ފޭކް" ވީޑިއޯއެއް ޝެއާކޮށް، އެކްސްގެ އުސޫލާ ހިލާފުވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގެ ވެރިޔާ ބިލިއަނަރު އީލޮން މަސްކް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސްގެ "ޑީޕް ފޭކް" ވީޑިއޯއެއް ޝެއާކޮށް، އެކްސްގެ އުސޫލާ ހިލާފުވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މަސްކް ޕޯސްޓްކުރި ވީޑިއޯގައި ރައީސް ޖޯ ބައިޑެން އަކީ އުމުރުން ދުވަސްވެ ގައިބާރު ނެތް ބޭފުޅެއް ކަމަށް ކަމަލާ ވިދާޅުވާ ގޮތަށް ހުންނަނީ އަޑު އަޅައިފަ އެވެ. އަދި ގައުމު ހިންގުމުގެ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ކަމަލާ އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގަންނަވާ ގޮތަށް ވާހަކަ ދައްކަވަ އެވެ. މީގެ އިތުރުން އޭނާ އަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިވަޑައިގަތީ އަންހެނަކަށް ވާތީ އާއި ކަޅު ނަސްލުގެ މީހަކަށް ވާތީ ކަމަށް ވިދާޅުވާތީ އިވެ އެވެ.

ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގެން ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ޓިކެޓް ހުށަހަޅާފައިވާ ކަމަލާގެ މި ފޭކް ވީޑިއޯ ޝެއާކޮށް މަސްކް ވަނީ "ދިސް އިޒް އެމޭޒިން" އޭ ލިޔެފަ އެވެ.

އެންމެ ފުރަތަމަ "ޕެރޮޑީ" އެކައުންޓަކުން ޓްވީޓްކުރި މި ވީޑިއޯ މަސްކުގެ އެކައުންޓުން ޝެއާކުރުމާ އެކު 130 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ. މިއީ ނޮވެމްބަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި، އޭއައި ބޭނުންކޮށްގެން ފޭކް ވީޑިއޯ ފަދަ ތަކެތި ހެދުން އިތުރުވެ އާންމުންނަށް އޮޅުންއަރާ ހިސާބަށް ކަންކަން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް ޝެއާކުރި ވީޑިއޯއެކެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ނައިބު ރައީސް އެ ހުށަހަޅުއްވާ ގޮތަށް، އެމެރިކާ ރައްޔިތުންނަށް ހަގީގީ މިނިވަންކަމާއި ފުރުސަތުތަކާއި ރައްކާތެރިކަން އޮންނަންޖެހޭނެ ކަމަށް. އެއީ އީލޮން މަސްކާއި ޑޮނަލްޑް ޓްރަމްޕް ފަތުރާ ފަދަ ދޮގުތަކެއް ނޫން،" ކަމަލާގެ ކެމްޕެއިން އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ޓްވިޓާގެ ނަމުގައި ހިންގި ސޯޝަލް މީޑިއާ ޕްލެޓްފޯމް 44 ބިލިއަން ޑޮލަރަށް 2022 ވަނަ އަހަރު ގަތް މަސްކް ވަނީ ރިޕަބްލިކަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އޭނާ އެންޑޯޒްކޮށްފަ އެވެ.

އެކްސްގެ އުސޫލުތައް ބުނާ ގޮތުން "ޕެރޮޑީ" ހުއްދަ ނަމަވެސް މީހުންނަށް އޮޅުން އަރައި އަދި ގެއްލުން ވެދާނެ ފަދަ ގޮތަކަށް އަސްލު އޮޅޭ ގޮތަށް ބަދަލުކޮށްފައި ހުންނަ މީޑިއާގެ ބާވަތްތައް މަނާވާނެ އެވެ. މިކަމާ ބެހޭ ގޮތުން އޭއެފްޕީން އެކްސްގެ ބަހަކަށް އެދުމުން ޖަވާބެއް ނުދިނެވެ. -- އޭއެފްޕީ