Roadha Mihaaru
އެކްސްގައި ފޮލޯވަރުން ގިނަ މީހުންނަށް ވެރިފިކޭޝަން ހިލޭ

އެކްސްގައި ފޮލޯވަރުން ގިނަ މީހުންނަށް ވެރިފިކޭޝަން ހިލޭ

07 އެޕްރީލް 2024

އެކްސްގައި ވެރިފިކޭޝަން ފާހަގަ ޖަހައިދިނުމަށް އެންމެންގެ އަތުން އަގު ނަގަން ފަށައި ސިޔާސަތުތަކަށް ގެނައި ބަދަލުތަކަށް ފަހު އެކަން ވެސް އަލުން ބަދަލުކޮށް، ވަކި އަދަދަކަށް ފޮލޯވަރުން ތިބޭ މީހުންނަށް ހިލޭ ވެރިފިކޭޝަން ދޭން ނިންމައިފި އެވެ.

އެކްސްގައި ވެރިފިކޭޝަން ފާހަގަ ޖަހައިދިނުމަށް އެންމެންގެ އަތުން އަގު ނަގަން ފަށައި ސިޔާސަތުތަކަށް ގެނައި ބަދަލުތަކަށް ފަހު އެކަން ވެސް އަލުން ބަދަލުކޮށް، ވަކި އަދަދަކަށް ފޮލޯވަރުން ތިބޭ މީހުންނަށް ހިލޭ ވެރިފިކޭޝަން ދޭން ނިންމައިފި އެވެ.

މަހުޖަނު އީލޮން މަސްކް، އެކްސް އަށް ނަން ބަދަލުކޮށްފައިވާ ޓްވިޓާގައި ކުރިން އޮންނީ ސެލެބްރިޓީންނާއި ރަސްމީ އިދާރާތަކާއި ނޫސްވެރިން ފަދަ މީސްމީހުންގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް، ކަނޑައަޅާ ޝަރުތުތަތަކާ އެކު ވެރިފިކޭޝަން ބެޖް ހިލޭ ދޭ ގޮތަށެވެ.

އެކަމަކު މިއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބުނެ މަސްކް ވަނީ އެންމެންގެ ވެރިފިކޭޝަން ނަގައި، މަހަކު އަށް ޑޮލަރުގެ މަގުން އެކި ކެޓަގަރީތަކުން ފީ ނަގައިގެން ވެރިފިކޭޝަން ދޭން ފަށައިފަ އެވެ.

މިހެން އޮތުމަށް ފަހު މިދިޔަ ބުދަ ދުވަހުން ފެށިގެން ބައެއް މީހުންނަށް ކުއްލިއަކަށް ވަނީ ވެރިފިކޭޝަން ލިބިފަ އެވެ. މިކަމާ ބައެއް މީހުން އަޖައިބުވެގެން އުޅުނު އަނެއް ބަޔަކު އައީ ރުޅި އެވެ.

މި ބަދަލާ އެކު އެކްސް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސަބްސްކްރިޕްޝަން ނުދެއްކި ނަމަވެސް ވެރިފިކޭޝަން ދީފައިވަނީ އެކްސްގައި ނުފޫޒު ގަދަ މީހުންނަށް ކަމަށެވެ. އަދި މިއީ ކުންފުނިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަތުލެވޭނެ ފާހަގައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ ހަފްތާގައި މަސްކް ވަނީ އެކްސްގައި ވެރިފައިޑް 2،500 ފޮލޯވަރުން ތިބި މީހުންނަށް ޕްރިމިއަމް ފީޗާތައް ހިލޭ ދޭނެ ކަމަށް ބުނެފަ އެވެ. އަދި މީގެ 5،000 ފޮލޯވަރުން ތިބި ނަމަ ޕްރިމިއަމް ޕްލަސް ދޭނެ ކަމަށް ވެސް ބުންޏެވެ.

ނޫކުލައިގެ ފާހަގަ ކުއްލިއަކަށް ލިބުނު ބައެއް މީހުން ބުނެފައިވަނީ މިއީ މަކްސް މި ޕްލެޓްފޯމް ގަޑުބަޑުކޮށް އެންމެ ފަހުން ސަލާމަތްނުވާ ހިސާބަށް ގޮސްގެން ކަންކަން ކުރިން އޮތް ގޮތަށް ބަދަލުކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ. މަސްކް ހަވާލުވި ފަހުން އެކްސް އިން އެތައް ބަޔަކު ގެއްލިއްޖެ ކަމަށް، އިތުބާރުކުރެވޭ އެކި މެޓްރިކްސްތަކުން ދެއްކި ނަމަވެސް އެކްސް އިން ބުނަނީ އެ ޕްލެޓްފޯމްގެ ހަރަކާތްތައް ދަނީ މައްޗަށް ކަމަށެވެ. -- އޭއެފްޕީ