Roadha Mihaaru
ގޫގުލް އިން ފިޓްބިޓް ގަތުން ރަނގަޅުތޯ ބަލަނީ

ގޫގުލް އިން ފިޓްބިޓް ގަތުން ރަނގަޅުތޯ އީޔޫ އިން ބަލަނީ

02 އޯގަސްޓް 2020

ގޫގުލް އިން ފިޓްބިޓް ގަނެ އަމިއްލަކުރުމަށް 2.1 ބިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. ފިޓްބިޓް ގަތުމަށް ގޫގުލުން ޝައުގުވެރި ވިޔަސް އަދި ފިޓްބިޓް ވިކުމަކީ ފިޓްބިޓަށް މައްސަލައަކަށް ނުވި ނަމަވެސް، ޔޫރަޕިއަން ޔޫނިއަނުން ބުނާ ގޮތުގައި، ރުހުންދިނުމުގައި އީޔޫ އިން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލް އިން ފިޓްބިޓް ގަނެ އަމިއްލަކުރުމަށް 2.1 ބިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. ފިޓްބިޓް ގަތުމަށް ގޫގުލުން ޝައުގުވެރި ވިޔަސް އަދި ފިޓްބިޓް ވިކުމަކީ ފިޓްބިޓަށް މައްސަލައަކަށް ނުވި ނަމަވެސް، ޔޫރަޕިއަން ޔޫނިއަނުން ބުނާ ގޮތުގައި، ރުހުންދިނުމުގައި އީޔޫ އިން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ.

އިޔޫ އިން ބަލަން ބޭނުންވަނީ، ގޫގުލް ފަދަ ބިޔަ ކުންފުންޏަކުން، ފިޓްބިޓް ގަތުމުން ދެން ކަންތައް ވާނެ ގޮތެވެ. ވިޔަފާރީގައި ވާދަވެރިންނަށް އޮތް ފުރުސަތު ހަނިވުމަކީ ކަންބޮޑުވުމެކެވެ. ފިޓްބިޓުން އުފައްދާ ސްމާޓް ޑިވައިސްތަކުން ވިޔަފާރިކުރުމުގައި ގޫގުލު އިން އަމަލުކުރާ ގޮތަކީ ވެސް އިޔޫ ނުތަނަވަސްކުރުވާ ކަމެކެވެ.

ފިޓްބިޓަކީ ސްމާޓް އިލެކްޓްރޯނިކްސް އަށް އަރާހުރި ކުންފުންޏެކެވެ. މަޝްހޫރުވެފައި ވަނީ ސްމާޓް ގަޑި އަދި "ސްޕޯޓްސް ބޭންޑް" އުފެއްދުމަށެވެ. މި ނޫނަސް، ކުޅިވަރާއި ސިއްހަތާ ގުޅުން ހުރި ސްމާޓް އިލެކްޓްރޯނިކްސް އުފެއްދުމުގައި، ފިޓްބިޓަކީ ވަރަށް ގިނަ ބައެއްގެ އިޚުތިޔާރެވެ.

އީޔޫ އަށް އޮތް އަނެއް ކަންބޮޑުވުމަކީ، ގޫގުލް އަކީ އިސްތިހާރުން މާލީ ތަނަވަސްކަން ހޯދާ ކުންފުންޏަކަށް ވުމެވެ. ފިޓްބިޓް ގަތުމުގެ ބޭނުންމަކީ ޑިވައިސްތައް ބޭނުންކޮށް އިސްތިހާރުކުން ކަމަށް ވާ ނަމަ އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އީޔޫ އަށް ކަނޑައެޅިދާނެ އެވެ.

ފޭސްބުކް، ގޫގުލް، މައިކްރޮސޮފްޓް އަދި އެޕަލް ފަދަ ކުންފުނިތަކަށް އިޔޫ އިން ލޯ އަޅަ އެވެ. މައްސަލަ އަކީ ފަރުދީ މައުލޫމާތެވެ. މި ކުންފުނިތަކުން އެއްކުރާ ފަރުދީ މައުލޫމާތު ހިމާޔަތްކުރުމުގައި ކާމިޔާބު ހޯދާފައިވާ މިންވަރަކީ ވެސް އިޔޫ އިން ނޯޓްކުރާނެ ކަމެކެވެ. މިކަމުގައި ފޭސްބުކް މިހާރު އޮތީ ފެއިލްވެފަ އެވެ. ގޫގުލްއާ މެދު ވެސް ބަލަންޖެހެނީ ވައްކަޅިންނެވެ. އެެހެނީ، ފަރުދީ މައުލޫމާތަށް ރިއާޔަތްކޮށް މުދާ ވިއްކުމަކީ ފައިދާ ބޮޑު ވިޔަފާރިއެކެވެ.

އީޔޫ އިން ހަމަޖައްސާފައި ވަނީ ހަތަރު މަސް ވަންދެން މިކަން ހޯދާބެލުމަށެވެ. ލިޔެކިޔުންތައް އެއްކޮށް މީހުންނާ ސުވާލުކުރުމަކީ ވެސް އޮތް ކަމެކެވެ. ގޫގުލުން އިން މި ވިޔަފާރިކުރުން ރަނގަޅުތޯ ބެލުމަށް، އީޔޫ އިން ވާދަވެރިންނާ ވެސް ސުވާލުކުރާނެ އެވެ. މި ސިނާއަތަށް ގޫގުލް އިން އިންވެސްޓްކުރުމުން، ކުދިކުދި ކުންފުނިތަކަށް ފުރުސަތު ހަނިވެދާނެތޯ ވެސް ބަލާނެ އެވެ. މި އިމްތިހާނުން ފާސްވެގެން މެނުވީ ގޫގުލް އަށް ޔޫރަޕްގައި ފިޓްބިޓް ގޮވައިގެން ނޫޅެވޭނެ އެވެ.