Roadha Mihaaru
އެޕަލްގެ އުފެއްދުންތައް މޮޅުކަމުން ވީ ކޮން ފައިދާއެއް؟

އެންމެ މޮޅީ އެޕަލްގެ އުފެއްދުންތައް، އެވްރެޖް މީހުންނަށް ވީ ކޮން ފައިދާއެއް؟

06 ސެޕްޓެމްބަރ 2016

ދުނިޔޭގައި އެންމެ މުއްސަނދި ޓެކްނޮލޮޖީ ކުންފުންޏަކީ އެޕަލް އެވެ. އެންމެ މޮޅު ކޮމްޕިއުޓަރު އުފައްދަނީ އެޕަލް އިންނެވެ. އައިފޯނު ކުރިމަތީގައި ދެން ހުރި ހުރިހާ ފޯނަކަށް ޖެހެނީ ފިރުކޭށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ދުނިޔޭގައި އެންމެ މުއްސަނދި ޓެކްނޮލޮޖީ ކުންފުންޏަކީ އެޕަލް އެވެ. އެންމެ މޮޅު ކޮމްޕިއުޓަރު އުފައްދަނީ އެޕަލް އިންނެވެ. އައިފޯނު ކުރިމަތީގައި ދެން ހުރި ހުރިހާ ފޯނަކަށް ޖެހެނީ ފިރުކޭށެވެ.

އެޕަލް އަށް ވުރެ ތުނި ލެޕްޓޮޕެއް އެހެން ބަޔަކަށް ނުއުފެއްދެ އެވެ. ލުއި އާލާތެއް ވެސް ނުއުފެއްދެ އެވެ. އުފައްދައިފި ނަމަ އެއީ ކޮޕީއެކެވެ. ބޮޑު މައްސަލައެކެވެ. ސުވާލަކީ ތިޔަ ބުނާހާ ކަމެއް އުފެދުމުގެ އަސްލަކީ އެޕަލް ކަމަށް ވާއިރު، އާދައިގެ މީހާ އަށް އެއިން ކަމަކުން ވި ފައިދާ އަކީ ކޮބައި ހެއްޔެވެ؟

މައިކްރޮސޮފްޓުން ވިންޑޯޒް އުފެއްދީ މެކްއޯއެސް ކޮޕީކޮށްގެންނެވެ. ވިންޑޯޒް ނެތް ނަމަ ކޮމްޕިއުޓަރެއް ބޭނުންކޮށްލަން މަދު ބަޔަކަށް ނޫނީ ނުލިބުނީހެވެ. މެކްއޯއެސް ބޭނުންކުރުމަށް ކުރަން ޖެހޭ ޚަރަދު ބޮޑެވެ.

ވިންޑޯޒް ކޮމްޕިއުޓަރުތައް ތަފާތު ފެންވަރުގެ ހާޑްވެއާގައި، ތަފާތު އަގުތަކުގައި ލިބެ އެވެ. މެކްއޯއެސް ބޭނުންކުރަން އެދެވޭ ނަމަ ޖެހެނީ އެޕަލުން ކަނޑައެޅި ހާޑްވެއާއެއްގައި، ވިއްކި އަގަކަށް ގަންނާށެވެ. މޮޅު ކަމަކުން ވި ފައިދާއެއް ނެތެއް ނޫންހެއްޔެވެ؟ ދުނިޔޭގެ 89 ޕަސެންޓް މީހުން އަދި ވެސް ބޭނުންކުރަނީ ވިންޑޯޒް ކޮމްޕިއުޓަރެވެ.

އައިފޯނު ވާ އެއީ ފޯނެކެވެ. އައިފޯނު ހުރިހާ ކަމަކަށް މޮޅެވެ. އެންޑްރޮއިޑްގައި ގިނައީ ވައިރަހެވެ. މައްސަލައެއް ނެތެއް ނޫން ހެއްޔެވެ؟ ގިނަ މީހުން ބޭނުންކުރަނީ އެންޑްރޮއިޑް ފޯނެވެ. ސްމާޓްފޯން މާކެޓް ކޮންޓްރޯލްކުރަނީ އެންޑްރޮއިޑެވެ.

އެންޑްރޮއިޑް ފޯނުތައް ނެތް ނަމަ ސްމާޓްފޯނެއް ބޭނުންކުރުމުގެ އުފާ ގިނަ ބަޔަކަށް ނުލިބުނީހެވެ. އެވްރެޖް މީހުން އަތުޖެހޭ ފެންވަރުގެ ފޯނެއް އެޕަލްއަކުން ނުއުފައްދަ އެވެ. އައިއޯއެސްގައި ހުރި މޮޅުކަމެއް ބަޔަކަށް ބުނެދިނުމަށް އެޕަލުން އެހެން ބަޔަކަށް ފުރުސަތެއް ނުދެ އެވެ. ކޮޓަރި ތަޅުލައިގެން ތިބެ އަމިއްލަ އޯއެސް، އަމިއްލަ ހާޑްވެއާ އަށް ކޮށައި މަށަނީ ހަމަ އެޕަލުންނެވެ.

މުޅި ދުނިޔޭގައި "ހަސަނު ދެފަ" އެވެ. ގިނައީ އެންޑްރޮއިޑް ފޯނެވެ. އެކި ފެންވަރުގެ ފޯނެވެ. ހާޑްވެއާ ތަފާތެވެ. ދުވެލި ތަފާތެވެ. އެކަމަކު ސްމާޓްފޯނެއް ބޭނުންކުރުމުގެ އުފާ ކޮންމެ މީހަކަށް ވެސް ލިބެ އެވެ.

އެ ޝާހީކަމުގައި މޮޅު އުފެއްދުންތަކައިގެން އެޕަލް ދަނީ ކުރިއަށެވެ. މައްސަލައެއް ނެތެވެ. އެކަމަކު ބުނެބަލާށެވެ. ގިނަ ބަޔަކަށް ފައިދާކުރަނީ އެޕަލްގެ އުފެއްދުންތަކުން ހެއްޔެވެ؟ ވިންޑޯޒް ނުވަތަ އެންޑްރޮއިޑުން ހެއްޔެވެ؟