Roadha Mihaaru
މިވީ ކިހިނެއް؟ މައިކްރޮސޮފްޓުން އެންޑްރޮއިޑް ޑިވައިސެއް

މިވީ ކިހިނެއް؟ މައިކްރޮސޮފްޓުން އެންޑްރޮއިޑް ޑިވައިސްއެއް

14 އޯގަސްޓް 2020

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމަކީ މައިކްރޮސޮފްޓްގެ އުފެއްދުމެއް ނޫނެވެ. ނަމަވެސް، ބައެއް މީހުންނަށް ހީވާ ގޮތުގައި، މައިކްރޮސޮފްޓްގެ އިމުގެ ތެރެ އަށް އެންޑްރޮއިޑް ވަދެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމަކީ މައިކްރޮސޮފްޓްގެ އުފެއްދުމެއް ނޫނެވެ. ނަމަވެސް، ބައެއް މީހުންނަށް ހީވާ ގޮތުގައި، މައިކްރޮސޮފްޓްގެ އިމުގެ ތެރެ އަށް އެންޑްރޮއިޑް ވަދެ އެވެ.

މައިކްރޮސޮފްޓުން މީގެ ކުރިން މޮބައިލް ޑިވައިސްތައް އުފައްދައި އުޅުނީ ވިންޑޯޒް އޮޕަރޭޓިން ސިސްޓަމަށެވެ. ސްމާޓްފޯން މާކެޓުން ވިންޑޯޒް އަށް ޝަރަފުވެރި ދައުރެއް ހޯދުމަށެވެ. މި ކަމެއް ނުވި އެވެ. ކުރިހައި ޚަރެއްދެއްވީ ބޭކާރެވެ. ވާދަވެރިންނާ ޖެހި ބޮޑުތަނުން ވީ ފެއިލް އެވެ.

މައިކްރޮސޮފްޓް ސާފަސް މަރުކާގެ ޑިވައިސްތަކާ ބެހޭ ގޮތުން ވާހަކަދައްކަން ފެށުމުން އަހަރެމެން ހީކޮށްގެން ތިބީ ވިންޑޯޒް ނޫން އޮޕަރޭޓިން ސިސްޓަމަކުން ހިނގާ ގޮތަށް މައިކްރޮސޮފްޓުން އެއްވެސް ޑިވައިސްއެއް ނުއުފައްދާނެ ކަމަށެވެ. އެކަމަކު އާންމުނަށް ފެންނަ ފަށަށް ސާފަސް ޑުއޯ އަތުވެއްޖެ އެވެ. މިއީ އެންޑްރޮއިޑް ޑިވައިސްއެކެވެ.

ސާފަސް ޑުއޯ ގައި ދެ ސްކްރީން ހުރެ އެވެ. މިއީ ޒާތެއްގެ ޓެބްލެޓެކެވެ. ތަފާތަކީ ޖެހިޖެހިގެން ދެ ސްކްރީން ހުރުމެވެ. މައިކްރޮސޮފްޓުން ބުނީ އެންޑްރޮއިޑް ތަޖުރިބާކޮށްލަން މިއީ ފުރިހަމަ ޑިވައިސްއެއް ކަމަށެވެ. މިއީ ބުހުތާނު ގޮތެކެވެ. މިހެން ބުނަން ރަނގަޅީ އެހެން ބަޔަކު އެންޑްރޮއިޑް ޑިވައިސްތައް ނުއުފައްދާ ނަމަ އެވެ.

ސާފަސް ޑުއޯ އާ ބެހޭ ގޮތުން މައިކްރޮސޮފްޓުން ހެދި އަނެއް ދޮގަކީ، މިއީ މާކެޓުން ލިބެން ހުރި އެންމެ ތުނި ޑިވައިސް ކަމަށް ބުނެމެވެ. ރަނގަޅު ގޮތަކީ ސާފަސް މަރުކާގެ ޑިވައިސްތަކުގެ ތެރެއިން އެންމެ ތުނި ޑިވައިސް ކަމަށް ބުނުމެވެ. އެންމެ ތުނި ޑިވައިސް އަކީ ކޮބައިކަން ބުނެ ދައްކާނެ ވަކި އެއްޗެއް މާކެޓަކު ނުވެސް ނެތެވެ.

މައިކްރޮސޮފްޓް ސާފަސް މަރުކާގައި ވިންޑޯޒް އިން ހިންގާ ޑިވައިސްތައް ވެސް އެބަ ހުއްޓެވެ. ސާފަސް ޑުއޯ މާކެޓަށް ނެރުމުން މައިކްރޮސޮފްޓްގެ ސްމާޓް ޑިވައިސްތައް ދެފަޅިވީ އެވެ.

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމަށް ބަރޯސާކޮށް ޑިވައިސްތައް އުފައްދަން މަސްރަހު ތަނަވަސްކުރުމަށްޓަކައި މައިކްރޮސޮފްޓުން ފުރަތަމަ ކުރަން ފެށި ކަމަކީ، އެންޑްރޮއިޑް އެޕްލިކޭޝަންތައް އުފެއްދުމެވެ. މައިކްރޮސޮފްޓް އޮފީސް 365 އެންޑްރޮއިޑްގައި މަސައްކަތްކުރާ ގޮތަށް ފުރިހަމަކުރުމެވެ. މިއީ އެންޑްރޮއިޑް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް މައިކްރޮސޮފްޓާ އެންޑްރޮއިޑާ ހުރި ގާތްކަން ވިސްނައިދިނުމަށް ކުރި ކަމެކެވެ.

ސާފަސް ޑުއޯ ލޯންޗްކުރުމާ އެކު ހިންގަނީ ކޮން އޮޕަރޭޓިން ސިސްޓަމަކުންތޯ ކަށަވަރުކުރެވުނެވެ. އެންޑްރޮއިޑުންނެވެ. މި ޑިވައިސްގައި، ފެކްޓަރީން ނެރޭއިރު މުޅިންހެން ހުންނާނީ މައިކްރޮސޮފްޓް އެޕްލިކޭޝަންތަކެވެ. ގޫގުލް ޕްލޭ ފަދަ މަދު އެޕްލިކޭޝަނެއް ނެތް ނަމަ ޑިވައިސް ބޭނުންުރާ މީހުންނަށް އޮޅޭ ވަރަށް މައިކްރޮސޮފްޓްގެ ކުލަތައް ގިނަ އެވެ. އެކަމަކުވެސް އެންޑްރޮއިޑް އަކީ މައިކްރޮސޮފްޓްގެ އެއްޗެއް ނޫނެވެ. ގޫގުލްގެ އެއްޗެކެވެ.