13 މާޗް 2019
ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން 6-0 އިން އިންޑިއާ އަތުން ބަލިވެއްޖެ އެވެ.
ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން 6-0 އިން އިންޑިއާ އަތުން ބަލިވެއްޖެ އެވެ.
ނޭޕާލުގައި އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ރާއްޖެ ކޮޅަށް އިންޑިއާ އިން ވަނީ ފުރަތަމަ ހާފުގައި ފަސް ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ގިނަ ގޯލުތަކެއް ވަނީ ފަހަތުން ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅެނީ އަނިޔާގެ ސަބަބުން މުހިއްމު ދެ ޑިފެންޑަރުން ނުލަ އެވެ. އެއީ އެންމެ ފަހުން ޔޫއޭއީ މެޗުގައި ލިގަމެންޓަށް އަނިޔާވި ސަންފާ އިބްރާހިމާއި މިދިޔަ އަހަރު ބަހްރޭނާ ދެކޮޅަށް ކުޅެނިކޮށް އަނިޔާވި އައިމިނަތު ޒާހިޔާ (ޒެޑޭ) އެވެ. މި ދެ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ފަހަތުގައި ގިނަ މެޗުތަކެއް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.
ސާފް ތަށި ހަތަރު ފަހަރު އުފުލާލާފައިވާ އިންޑިއާ އިން މި ފަހަރުގެ މުބާރާތަށް އައީ ޒުވާން ކުޅުންތެރިން ވެސް ޓީމުގައި ހިމަނައިގެންނެވެ. އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ 27 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ފަސް ގޯލު ހަމަކުރި އެވެ.
މި މެޗުގެ އަށް ވަނަ މިނިޓްގައި އިންޑިއާ އިން ލީޑުނެގީ ގްރޭސީ ޑެންމޭއި ޖެހި ގޯލުންނެވެ. އޭގެ ފަސް މިނިޓް ފަހުން ސްވިޓީ ދޭވީ އިންޑިއާގެ ލީޑުފުޅާކޮށްދިންއިރު، މެޗުގެ 23 ވަނަ މިނިޓްގައި އިންޑިއާގެ ތިން ވަނަ ލަނޑު ޖެހީ އިންދޫމަތީ އެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން ސަންޖޫ ވަނީ އިންޑިއާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހިލޭ ޖެހުމަކުން އިންޑިއާގެ ފަސް ވަނަ ގޯލު ޖެހީ ރަތަން ބާލާ ދޭވީ އެވެ.
ދެ ވަނަ ހާފްގައި ރާއްޖޭން ފަހަތަށް ޖެހިގެން ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެ އިންޑިއާ ހުއްޓުވި އެވެ. އެޓޭކުގައި ރާއްޖެ އަށް މާ ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ތަނަވަސްނުކުރެވެ އެވެ. ޓީމުގެ ކެޕްޓަން ފަދުވާ ޒާހިދު ވެސް ދެ ވަނަ ހާފްގައި ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އިންޑިއާ އަށް މެޗުގެ ހަ ވަނަ ލަނޑު ޖަހައިދިނީ ސަންޖޫ އެވެ. ހާފުގެ މެދުތެރެއިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އަތްމަތިން ގޮހެވެ.
ރާއްޖޭގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ޓީމުގެ އެންމެ މުހިއްމު ތިން ޑިފެންޑަރުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި އަނިޔާވެފައިވާ ކަމަށާއި އެކަމަށް ތައްޔާރުވާން އިތުރު ވަގުތު ނުލިބި މި މެޗުގައި ކުޅެން ޖެހުނީ މުޅިން އާ ކުޅުންތެރިން ފަހަތަށް ލައިގެން ކަމަށެވެ.
ފުރަތަމަ ހާފްގައި ގިނަ ގޯސްތަކެއް ޓީމުގެ ފަހަތުން ހެދުމުން އިންޑިއާ އިން ފަރަގު ބޮޑުކުރި ކަމަށާއި އެކަމަކު ދެ ވަނަ ހާފްގައި ރަނގަޅު ކުޅުމެއް ރާއްޖޭން ދެއްކި ކަމަށް އާތީ ބުންޏެވެ.
"އުއްމީދަކީ ސްރީލަންކާ ބަލިކޮށް ސެމީ ފައިނަލް ކުޅުން. މިއަދުގެ މެޗުން ކަންތައްތަކެއް ދަސްވި އޭގެ ބޭނުން ކުރިއަށް އޮތް މެޗުގައި ހިފާނަން،" އާތީ ބުންޏެވެ.
އިންޑިއާ އިން ރާއްޖެ ކޮޅަށް 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި 15 ގޯލު ޖެހި ނަމަވެސް ރާއްޖޭން ވަނީ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެ ގޮތުން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި އޮތް ސައުތު އޭޝިއަން ގޭމްސްއާ 0-0 އިން އެއްވަރުކުރި އެވެ.
އިންޑިއާގެ ކޯޗު މައިމޯލް ބުނީ މޮޅަކުން ފަށަން ޓީމުގެ ހުރިހާ ކުޅުންތެރިން ބޭނުންވި ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި މި ނަތީޖާއާ އެކު މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރަން ހިތްވަރު ލިބިގެންދިޔަ ކަމަށް ވެސް ބުންޏެވެ.
އެންމެ ފަހުން ސާފް މުބާރާތުގައި ރާއްޖެ ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ އަށް ފުރުސަތު ލިބޭނީ ގްރޫޕްގެ ދެ ވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ސްރީލަންކާ ބަލިކޮށް، އާދިއްތަ ދުވަހު ލަންކާ އާއި އިންޑިއާ ކުޅޭ ގްރޫޕް ފަހު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ރާއްޖެ ވަނީ އެންމެ ފަހުން ސާފްގައި ސްރީލަންކާގެ މައްޗަށް 5-2 އިން ކުރިހޯދައިފަ އެވެ.
ލަންކާ އަތުން ބަލިވެއްޖެ، ދެން އޮތީ ވަރުގަދަ ނޭޕާލާ
ޔޫއޭއީ މެޗުތަކުން ގައުމީ އަންހެން ޓީމަށް ކުރިއެރުން
އަންހެން ފުޓްބޯޅަ ޓީމާ މެދު ކޯޗު ބޮޑު އުއްމީދެއްގައި
ފަދުވާގެ ހެޓްރިކުން ރާއްޖޭން ލަންކާ ބަލިކޮށްފި
ސާފް އަށް ތައްޔާރުވާން އަންހެން ޓީމު ޔޫއޭއީ އަށް
ލަންކާ ހަމަނުޖެހުމުން އަންހެން ޓީމު އިންޑިއާއާ ދެކޮޅަށް
ރޯދަ މަހު ކުޅެން ޖެހޭތީ އަންހެން ޓީމު ވާދަނުކުރާނެ
ރަޝިއާ އިން ޔޫތު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަނީ
ރާއްޖެ ވާދަކުރާނީ މިޔަންމާ، އީރާން އަދި ބަންގްލަދޭޝްއާ
ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ސެޕްޓެމްބަރުގައި