Roadha Mihaaru

އަންހެން ގައުމީ ޓީމު ވިއެޓްނާމާއި ގުއާމް އަދި ޔޫއޭއީއާ ދެކޮޅަށް

އަންނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އަންހެނުންގެ އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގެ މެޗުތައް އަންނަ ޖޫން މަހު ފަށާނެ އެވެ.

ގައުމީ ޓީމު ވިއެޓްނާމް، ގުއާމް، ޔޫއޭއީއާ ދެކޮޅަށް

އަންނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އަންހެނުންގެ އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގެ މެޗުތައް އަންނަ ޖޫން މަހު ފަށާނެ އެވެ.

ރާއްޖޭގެ ގައުމީ ޓީމު ގުރޫޕް އީގައި ވާދަ ކުރާއިރު، މި ގުރޫޕުގައި ހިމެނެނީ ވިއެޓްނާމާއި ގުއާމް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. ކޮލިފައިންގައި ހިމެނޭ އަށް ގުރޫޕުން ވެސް މުބާރާތަށް ކޮލިފައި ވާނީ، ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމުތަކެވެ.

ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ވިއެޓްނާމުގަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ޖޫން 19 ވަނަ ދުވަހު ވިއެޓްނާމާ ދެކޮލަށް ކުޅުމަށް ފަހު، ޖުލައި 2 ގައި ނުކުންނާނީ ގުއާމާ ދެކޮޅަށެވެ. އަދި ޔޫއޭއީއާ ދެކޮޅަށް ކުޅޭނީ ޖުލައި 5 ގަ އެވެ.

ރާއްޖެ ވަނީ އެންމެ ފަހުން 2021 ވަނަ އަހަރު ކުޅުނު ކޮލިފައިންގައި ވެސް ވިއެޓްނާމާ ދެކޮޅަށް ކުޅެފަ އެވެ. ވިއެޓްނާމުން 16-0 އިން ރާއްޖެ ބަލިކުރި އެ މެޗަކީ އެ ޓީމުގެ ތާރީހުގައި ވެސް ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. އޭގެ ކުރިން ވިއެޓްނާމް ވަނީ ރާއްޖެ އާއި އިންޑޮނޭޝިއާ އަދި ސިންގަޕޫރު ވެސް 14-0 އިން ބަލިކޮށްފަ އެވެ.

އާސިއާން ސަރަހައްދުގެ ވަރުގަދަ ވިއެޓްނާމް ވަނީ 1999 އިން ފެށިގެން އެންމެ ފަހުން ބޭއްވި ނުވަ އޭޝިއަން ކަޕްގައި ވެސް ވާދަ ކޮށްފަ އެވެ. އަދި 2023 ވަނަ އަހަރު ވަނީ މުޅިން އަލަށް ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. ގުއާމް އެންމެ ފަހުން އޭޝިއަން ކަޕްގައި ކުޅެފައި ވަނީ 2003 ވަނަ އަހަރެވެ. މިހާތަނަށް އޭޝިއަން ކަޕް ނުކުޅޭ ޓީމުތަކަކީ ރާއްޖެ އާއި ޔޫއޭއީ އެވެ.

ރާއްޖޭން ވަނީ މިހާތަނަށް ޔޫއޭއީއާ ދެކޮޅަށް އެކުވެރިކަމުގެ ހަތް މެޗު ކުޅެފަ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރު ކުރި އިރު، 2016 ވަނަ އަހަރު ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކުރި އެވެ.

ޖެނުއަރީ މަހު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ގައުމީ ޓީމު.-- ފޮޓޯ: ޕީޑީސީއެސްއީ

ޖެނުއަރީ މަހު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ގައުމީ ޓީމު.-- ފޮޓޯ: ޕީޑީސީއެސްއީ

ރާއްޖޭގެ ގައުމީ ޓީމު ކޮލިފައިން އަށް ނުކުންނަ އިރު، އެންމެ ފަހުން ރާއްޖެ ވަނީ އިންޑިއާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. މިދިޔަ ޑިސެމްބަރު 30 ގައި ކުޅުނު މެޗުން 14-0 އިން ބަލިވި އިރު ޖެނުއަރީ 2 ގައި ކުޅުނު މެޗުން ބަލިވީ 11-1 އިންނެވެ.

ރާއްޖޭގެ ގައުމީ ޓީމް އެންމެ ފަހުން މެޗަކުން މޮޅުވީ 2022 ވަނަ އަހަރެވެ. އެ އަހަރު ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުގައި ވަނީ 1-0 އިން ސީޝެލްސް ބަލިކޮށްފަ އެވެ.