Roadha Mihaaru

ފިލިޕީންސް އަތުން ބަލިވެ ރާއްޖޭގެ ފެށުން ގޯސް

އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި 4-1 އިން ފިލިޕީންސް އަތުން ބަލިވެއްޖެ އެވެ.

ފިލިޕީންސް އަތުން ބަލިވެ ރާއްޖޭގެ ފެށުން ގޯސް

އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި 4-1 އިން ފިލިޕީންސް އަތުން ބަލިވެއްޖެ އެވެ.

ރާއްޖެ މި މެޗަށް ނުކުތީ އެންމެ ފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ފެށި އަހުމަދު އައިހަމް (ފަތޯ) ގެ ބަދަލުގައި ހުސެއިން ނިހާން (ނިހާޓް) ކުޅެން އަރުވައިގެންނެވެ.

ފުރަތަމަ ހާފު އެއްކޮށް ފިލިޕީންސް ޑޮމިނޭޓް ކުރި މި މެޗުގައި އެޓީމު ވަނީ ފުރަތަމަ 20 މިނިޓުތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެގޮތުން ފުރަތަމަ ކޯނަރުގައި ލީޑު ނަގައިދިން ގޯލު ހަވަނަ މިނިޓުގައި ޖަހައިދިނީ ޖެފަސަން ޓަބީނާސް އެވެ. އަދި 19 ވަނަ މިނިޓުގައި ލީޑު ފުޅާ ކުރި ގޯލު ޖަހައިދިނީ ނޯވޭގައި ކުޅޭ ބިޔާން މާޓިން ކްރިސްޓެންސެން އެވެ.

ދެވަނަ ހާފު ރާއްޖެ ފެށީ މުހައްމަދު ނާއިމްގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން އަރުވައިގެންނެވެ. މި ހާފުގައި ރާއްޖޭން ކުޅުން ރަނގަޅު ކޮށް ފުރުސަތުތަކެއް ހޯދުމުގެ ނަތީޖާއެއްގެ ގޮތުން 62 ވަނަ މިނިޓުގައި ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. ހުސެއިން ސިފާއު (ކުރޯ) ނަގައިދިން ހުރަހަކުން މި ގޯލު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ރާއްޖޭން ފަރަގު ކުޑަ ކުރުމާ އެކު ފިލިޕީންސުން ވަނީ އެއްފަހަރާ ތިން ބަދަލު ގެނެސް އަލުން މެޗުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކޮށްފަ އެވެ.

ނަތީޖާއެއްގެ ގޮތުން 77 ވަނަ މިނިޓުގައި ފިލިޕީންސް ވަނީ ތިންވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖަހައިދިނީ މި މެޗުގައި އެޓީމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރި މިޑްފީލްޑަރު ރޭންޑީ ޝްނެއިޑާ، 23، އެވެ. މިއީ ސްވިޒަލެންޑްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅުމަށް ފަހު ސީނިއާ ލެވެލްގައި އޭނާގެ މަންމަގެ ގައުމު ތަމްސީލުކުރި ފުރަތަމަ މެޗު ވެސް މެއެވެ.

މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ފިލިޕީންސްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޖަރުމަން ލީގުގައި ކުޅޭ 21 އަހަރުގެ މިޑްފީލްޑަރު ސަންޑްރޯ ރެޔޭސް އެވެ.

ކޮލިފައިންގެ ގުރޫޕް އޭގައި ރާއްޖެ އާއި ފިލިޕީންސާ އެކު ދެން ހިމެނެނީ ތަޖިކިސްތާނާއި ޓީމޯ ލެސްޓޭ އެވެ. ތަޖިކިސްތާޏް ވަނީ މިއަދު 1-0 އިން ޓިމޯ ލެސްޓޭގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ޖޫން މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި އޮކްޓޫބަރު މަހު ތަޖިކިސްތާނާ ދެކޮޅަށް ވެސް ކުޅޭނީ ރަށުން ބޭރުގަ އެވެ. އެއަށް ފަހު ރާއްޖޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު ނޮވެމްބަރު މަހު ފިލިޕީންސާ ދެކޮޅަށް ވެސް ގަލޮޅު ދަނޑުގައި ކުޅޭނެ އެވެ. ކޮލިފައިންގެ ފަހު މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގައި ކުޅޭނީ އަންނަ އަހަރު މާޗު މަހު އެވެ.