19 އޮކްޓޯބަރ 2024
ނޭޕާލްގައި ކުރިއަށް ގެންދާ މި އަހަރުގެ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ވާދަކޮށް 1-0 އިން ބަލިވެއްޖެ އެވެ.
ނޭޕާލްގައި ކުރިއަށް ގެންދާ މި އަހަރުގެ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ވާދަކޮށް 1-0 އިން ބަލިވެއްޖެ އެވެ.
ދަސްރަތު ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ލަންކާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު 16 ވަނަ މިނިޓުގައި ބޮލުން ޖަހައި ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އިމޭޝާ ވާނަކުލަސޫރިޔާ އެވެ. މިއީ ކުރިން އެ ގައުމުގެ 14 އަހަރާއި 19 އަހަރުން ދަށުގެ ކެޕްޓަންކަން ވެސް ކުރި އިމޭޝާ، ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
ރާއްޖޭގެ ޑިފެންސުން ރަނގަޅު ކުޅުމެއް ކުޅުނު މި މެޗުގައި ތަޖުރިބާކާރު ގޯލްކީޕަރު އާމިނަތު ލީޒާ (ލިޒީ) ވަނީ ތައުރީފު ހައްގު ކުޅުމެއް ދައްކައިފަ އެވެ.
ރާއްޖެ އާއި ލަންކާއާ އެކު، ގުރޫޕް ބީގައި ހިމެނޭ ނޭޕާލާއި ބޫޓާން އިއްޔެ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.
ގުރޫޕްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ނޭޕާލާ ދެކޮޅަށް ނުކުންނާނެ އެވެ. ނޭޕާލަކީ މިހާތަށް ބޭއްވި ހަ މުބާރާތުގެ ތެރެއިން ފަސް މުބާރާތުގެ ފައިނަލް ކުޅުނު ޓީމެކެވެ.
ގުރޫޕް އޭގައި ހިމެނެނީ އިންޑިއާ އާއި ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. އިންޑިއާ ވަނީ ފުރަތަމަ މެޗުގައި 5-2 އިން ޕާކިސްތާން ބަލިކޮށްފަ އެވެ.
ބަންގަލަދޭޝް އަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އިންޑިއާ ވަނީ އޭގެ ކުރިން ކުޅުނު ފަސް މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.
ލަންކާއާ ދެކޮޅަށް ނެރުނު ރާއްޖޭގެ ފުރަތަމަ 11.-- ފޮޓޯ: ސާފް
އިއްޔެގެ މެޗުގެ ކުރިން އެންމެ ފަހުން ލަންކާ ޓީމު މޮޅު ވެފައި ވަނީ ވެސް ރާއްޖެ އަތުންނެވެ. ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި، ލަންކާ ވަނީ 2-0 އިން ރާއްޖެ ބަލިކޮށް ސެމީ ފައިނަލް ކުޅެފަ އެވެ. ނަމަވެސް އެ އަހަރުގެ ފަހު ކޮޅު ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ވަނީ 2-1 އިން ލަންކާ ބަލިކޮށް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
ސާފް ޗެމްޕިއަންޝިޕް 2022 ގައި ރާއްޖެ އާއި ލަންކާ ވެސް މުބާރާތް ނިންމާލީ ގޯލެއް ނުޖެހި އެވެ.
ލަންކާ އަދި ރާއްޖޭގެ އަންހެން ޓީމު ވެސް މި ކުޅެނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕަށް ފަހު މިދިޔަ އަހަރު އޮތް އޮލިމްޕިކް ކޮލިފައިން މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ގައުމީ ޓީމުން ފަތިތަކުރުންތައް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ރޯދަ މަހުގެ މެންދުރު ވަގުތު މެޗުތައް ކުޅެން ޖެހޭތީ، އެންމެ ފަހު ވަގުތު ގައުމީ ޓީމު މިޔަންމާ އަށް ނުފޮނުވަން އެފްއޭއެމުން ނިންމީ އެވެ.
ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ޑިވެލޮޕްމެންޓަށް ފީފާ އާއި އޭއެފްސީން ބޮޑު ފަންޑެއް އެފްއޭއެމަށް ދެއެވެ. ނަމަވެސް އެފްއޭއެމުން އަންހެން ފުޓްބޯޅަ އަށް ސަމާލުކަމެއް ނުދޭއިރު، ރާއްޖޭގައި ގައުމީ އަންހެން ފުޓުބޯޅަ ލީގެއް ވެސް ނޯވެ އެވެ.
އިންޓަނޭޝަނަލް ސްޓޭޖުގައި ފުޓްބޯޅަ އަށް ބުރަ މަހެއް
ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ސެޕްޓެމްބަރުގައި
ލަންކާ އަތުން ބަލިވެ ރާއްޖެ ކަޓައިފި
ފުރަތަމަ މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ
ރާއްޖޭގެ ފުރަތަމަ އަމާޒަކީ ސެމީ ފައިނަލް: ފަދުވާ
ޔޫއޭއީ މެޗުތަކުން ގައުމީ އަންހެން ޓީމަށް ކުރިއެރުން
އަންހެން ފުޓްބޯޅަ ޓީމާ މެދު ކޯޗު ބޮޑު އުއްމީދެއްގައި
ފަދުވާގެ ހެޓްރިކުން ރާއްޖޭން ލަންކާ ބަލިކޮށްފި
ސާފް އަށް ތައްޔާރުވާން އަންހެން ޓީމު ޔޫއޭއީ އަށް
އަންހެން ފުޓްބޯޅަ އަށް އިހުމާލުވެއްޖެ: މާޔަން