Roadha Mihaaru
ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ސެޕްޓެމްބަރުގައި

ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ސެޕްޓެމްބަރުގައި

31 ޖުލައި 2022

އަންނަ ސެޕްޓެމްބަރު މަހު އޮންނަ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕާއި ފިރިހެން 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރު ނަގައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަންނަ ސެޕްޓެމްބަރު މަހު އޮންނަ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕާއި ފިރިހެން 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރު ނަގައިފި އެވެ.

ދެކުނު އޭޝިއާގެ ހަތް ގައުމުން ވެސް ވާދަކުރާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ސެޕްޓެމްބަރު 6-19 އަށް ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގަ އެވެ.

މުބާރާތުގައި ދިވެހިރާއްޖެ އާއެކު ގުރޫޕް އޭގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ. މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް އާއެކު ގްރޫޕް ބީ ގައި އޮތީ ބޫޓާނާއި ސްރީ ލަންކާ އެވެ.

ރާއްޖެއާ އެއްް ގްރޫޕެއްގައި ހިމެނޭ ތިން ޓީމު އަތުން ވެސް މީގެ ކުރިން ރާއްޖެއަށް މި މުބާރާތުގައި ޕޮއިންޓެއް ހޯދިފައެއް ނުވެ އެވެ. ރާއްޖޭން މުބާރާތުގައި އެންމެ ދުރަށް ދަތުރުކުރީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު ސެމީ ފައިނަލުގައި ކުޅުނެވެ. އެކަމަކު ސެމީން ބަންގްލަދޭޝް އަތުން ބަލިވީ 6-0 އިންނެވެ.

ގައުމީ ޓީމު އެކުލަވާލައި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމުން ވަނީ މިއަހަރުގެ ޖެނުއަރީ މަހު، ޓީމުގެ ކޯޗަކަށް ސާބިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑޭވޯ ބާބާ ހަމަޖައްސައިފަ އެވެ. އަދި ފެބްރުއަރީ މަހު ގަލޮޅު ދަނޑުގައި އެކުވެރިކަމުގެ ތިން މެޗު ވެސް އަންހެން ޓީމުން ކުޅުނެވެ.

2018 ވަނަ އަހަރު ބޭއްވި 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޓީމުގެ ކެޕްޓަން، މިހާރު 20 އަހަރު ދަށުގެ ޓީމުގެ ވެސް ކެޕްޓަން ހުމެއިދު ހުސެއިން، ނޭޕާލް ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފައިލް ފޮޓޯ: ގޯލް ނޭޕާލް

2018 ވަނަ އަހަރު ބޭއްވި 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޓީމުގެ ކެޕްޓަން، މިހާރު 20 އަހަރު ދަށުގެ ޓީމުގެ ވެސް ކެޕްޓަން ހުމެއިދު ހުސެއިން، ނޭޕާލް ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފައިލް ފޮޓޯ: ގޯލް ނޭޕާލް

ފިރިހެން 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 5-14 އަށް ލަންކާގަ އެވެ. މި މުބާރާތުގައި ޕާކިސްތާން ފިޔަވައި ދެކުނު އޭޝިއާގައި ދެން ހިމެނޭ ހަ ގައުމުން ވެސް ވާދަ ކުރާނެ އެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ލަންކާ އާއި ބަންގްލަދޭޝް އާއެކު ގުރޫޕް އޭގަ އެވެ. ގުރޫޕް ބީގައި ހިމެނެނީ އިންޑިއާ އާއި ނޭޕާލް އަދި ބޫޓާން އެވެ.

މިއީ ރާއްޖޭން މި އުމުރުފުރާގެ މުބާރާތުގައި ވާދަކުރާ ފަސްވަނަ ފަހަރެވެ. ކުރިން 16 އަހަރުން ދަށަށް ބޭއްވި ދެ މުބާރާތާއި 15 އަހަރުން ދަށަށް ބޭއްވި ދެ މުބާރާތެއްގައި ރާއްޖޭން ވާދަކުރި ނަމަވެސް މިހާތަނަށް އަދި ޕޮއިންޓެއް ހޯދިފައެއް ނެތެވެ.

މީގެ ކުރިން އެންމެ ފުރަތަމަ ތިން އަހަރު ސާފުން ބާއްވަމުން އައީ 16 އަހަރުން ދަށަށެވެ. އޭގެ ފަހުން ބޭއްވި ތިން އަހަރު ވެސް 15 އަހަރުން ދަށަށް ހާއްސަކޮށްފައި އޮތުމަށް ފަހު، މިއަހަރުގެ މުބާރާތް ބާއްވަނީ 17 އަހަރުން ދަށުގެ އުމުރުފުރާއަށެވެ.

އެފްއޭއެމުން ވަނީ މި މުބާރާތަށް ޒުވާން ޓީމު އެކުލަވާލުމުގެ މަގްސަދުގައި ދާދި ފަހުން މުޅިން އަލަށް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕެއް ބާއްވައިފަ އެވެ.

ސާފުން ބާއްވާ ފިރިހެނުންގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މިހާރު ވެސް ކުރިއަށް އެބަ ދެ އެވެ. ތައްޔާރުވާން އެކަށީގެންވާ މެޗުތަކެއް ނުކުޅެ ދިޔަ ރާއްޖޭގެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވީ އެވެ.