Roadha Mihaaru

ރާއްޖެ ހިމެނޭ ގުރޫޕްގައި އިންޑިއާ އާއި ޕާކިސްތާން ގަދަ ކޮށްފި

ސްރީ ލަންކާގައި އިއްޔެ ފެށި 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނޭ ގުރޫޕް ބީ ގައި އިންޑިއާ އާއި ޕާކިސްތާން ފުރަތަމަ މެޗުތަކުން މޮޅު ވެއްޖެ އެވެ.

ރާއްޖޭގެ ގުރޫޕްގައި އިންޑިއާ، ޕާކިސްތާން ގަދަކޮށްފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

16 ސެޕްޓެމްބަރ 2025

ސްރީ ލަންކާގައި އިއްޔެ ފެށި 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނޭ ގުރޫޕް ބީ ގައި އިންޑިއާ އާއި ޕާކިސްތާން ފުރަތަމަ މެޗުތަކުން މޮޅު ވެއްޖެ އެވެ.

އެ ގުރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ކުޅުނީ ރާއްޖެ އާއި އިންޑިއާ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން މެޗު ކާމިޔާބު ކުރީ 6-0 ންނެވެ.

އިންޑިއާގެ ޑަލާލްމުއާން ގާންޓީ ވަނީ ދެ ލަނޑު ޖެހި އެވެ. ދެން ހަރިޝިކޭޝް ޗަނަން މަނަވާތީ އާއި ކެންގައުއޯ ޑަންގަލް، ވަންކަރޭކަމް ގަންލައިބާ އަދި އާޒިމް ޕަރްވޭޒް ނަޖަރު ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިފަ އެވެ.

ގްރާސްރޫޓް ފުޓްބޯޅައިގައި އޭއެފްސީގެ އުއްމީދީ އެވޯޑް ކުރިން ހޯދި ބޫޓާންގެ ޓީމަށް ޕާކިސްތާނުގެ ކައިރީގައި މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ވަރަށް ބޮޑަށް ވަޅުޖެހިފައިވާ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމަށް ޕާކިސްތާނުން އެ ޓީމުގެ 17 އަހަރުންދަށުގެ ގައުމީ ޓީމު އެކުލަވާލީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ބޭއްވި ޓްރެއަލްތަކުންނެވެ.

އެ ޓްރެއަލްތަކުން ފާހަގަވި އެންމެ ހުނަރުވެރި ކުޅުންތެރިން ހިމަނައިގެން ސްކޯޑެއް އެކުލަވާލައި އެއްކޮށް ކުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

ޕާކިސްތާނުން ބޫޓާންގެ މައްޗަށް ކުރި ހޯދީ 4-0 ންނެވެ. އެ ޓީމުގެ މުހައްމަދު އަބްދުﷲ ހެޓްރިކް ހެދި އެވެ. އަނެއް ލަނޑު ޖެހީ ހަމްޒާ ޔާސިރެވެ.

އެ ގުރޫޕްގައި ދެން ކުޅޭ މެޗުގައި ރާއްޖޭން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެ މެޗަށް މާޒިޔާގެ ފޯވާޑް އިލާން އިމްރާން ޓީމާ ގުޅޭނެ ކަމަށް ބެލެވެ އެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި، އުމުރުން 16 އަހަރުގެ އިލާން ވަނީ މާޒިޔާގެ ޓީމުގައި ކުޅެފަ އެވެ.

ގުރޫޕް އޭ ގައި ހިމެނެނީ ލަންކާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ނާޕޭލުން ލަންކާގެ މައްޗަށް ކާމިޔާބު ހޯދި 2-0 ންނެވެ.